ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ބުއްދިވެރިންނަކީ ކަމެއް ދިމާވުމުން އެެހން މީހަކަށް އިނގިލި ދިއްކުރުމުގެ ކުރިން އެކަމުގައި ތިމާގެ އިހްމާލު އޮތްވަރަކާއިމެދު ވިސްނާ މީހުންނެވެ. އަދި މީހަކަށް ބުރައެއް ނުޖައްސައި އަމިއްލައަށް އެކަން ޙައްލުކުރަން މަސައްކަތްކުރާ މީހުންނެވެ. އެހެން މީހުންނަށް އިނގިލި ދިއްކުރަން އުޅުމުން ގިނަ ފަހަރު އޮންނާނީ ފާފަވެރިވެފައެވެ."
މިއީ ވަރަށް ބުއްދިވެރި ބަސްކޮޅެކެވެ. ގިނަ ބައަކު އެކުގައި އުޅޭ ގެތަކުގައިވެސް މިމައްސަލަ ވަރަށް ބޮޑެވެ. ކިރިޔާ ކަމެއް މެދުވެރިވާއިރަށް އެހެން މީހުން ކުށްވެރިކުރާތީއެވެ. ދާދިފަހުން މީހަކު ބުނި ވާހަކައެއް ބުނެލަން ހެއްޔެވެ؟
"ޝައިޚް އެވެ. އަޅުގަނޑަށް ފާފައެއް ކުރެވިއްޖެއެވެ. ފެންހޫނުކުރަން ޖައްސާފައި އައިސް އުޅެފައި ގޮސް ބެލިއިރު ހުރީ ފްލާސްކްގެ ސްވިޗް އޮން ނުކުރެވިފައެވެ. އެއީ ފަހަރިކުރި ކުރިކަމެއްކަމަށް ބަލައި އެއްޗެތި ގޮވުނީއެވެ. ފަހުން ވިސްނުނީ ކަރަންޓް ސްވިޗް ޖެއްސުނު ނަމަވެސް ފްލާސްކިްގެ ސްވިޗް ނުޖެއްސޭކަމެވެ. އެހެންވީމާ ފަހަރީގެ ކިބައިން މާފަށް އެދެންޖެހޭނެ ހެއްޔެވެ؟"
ޖަވާބުގައި ބުނީމެވެ. "ޔަޤީނެވެ. ތިއޮތީ ބޮޑު ކުށެއް ކުރެވިފައެވެ. އަދި ބުނަން ހެއްޔެވެ؟ ފަހަރި ނިއްވައިލިޔަސް އެއްޗެތި ގޮވައިގެން ނުވާނެއެވެ. ފުރަތަމަ ޖެހޭނީ ބިއްވައިލީ ކީއްވެގެންތޯ ސުވާލުކުރާށެވެ! އެކަންކުރި ނިޔަތް އެނގުމުން ނޫނީ ބަހެއްވެސް ބުނެގެން ނުވާނެއެވެ. ޞުލްޙަވެރިކަމާއިއެކު އުޅެވޭނީ އެއިރުންނެވެ."
ކަންކަމުގައި އަވަސް އަރުވާލައި ކަމުގެ ހަޤީޤަތް ނުބަލައި އެހެން މީހުން ކުށްވެރިކުރަން މަސައްކަތްކުރާ މީހުންނަކީ އެމީހުންގެ ކުށް ނުވަތަ އިހްމާލް ބޮޑު މީހުންނެވެ. އެހެންވެ އެ މަސައްކަތްކުރަނީ އެކަމަކުން އަވަހަށް ތިމާ ސަލާމަތްވުމަށެވެ.
ކަމެއް ދިމާވުމުން ސަބަބު އޮޅުން ނުފިލުވައި ޝަކުވާކުރާ މީހުންނަކީ އެމީހުންނަށް ވިސްނުނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރާ މީހުންނެވެ. އެފަދަ މީހުން އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަންވެސް ބޭނުމެއް ނުވާނެއެވެ. އަދި ކަމެއް ކުރިމަތިވުމުން ރުޅި އަންނަން އަވަސްވެގަންނަ މީހުންނަކީވެސް ތިމާގެ ކުށްތައް ފޮރުވަން މަސައްކަތްކުރާ މީހުންނެވެ. އެފަދަ މީހުން އެހެން މީހުން ދައްކާ ވާހަކަ އަޑުނާހަން މަސައްކަތްކުރާނެއެވެ.
ހަމަ އެއާއިއެކު ވާހަކަ ދެއްކުމުގައި މެދުމިން ގެންގުޅޭނަމަ އަދި ވާހަކަ ދެއްކުމުގައި އަދަބުވެރިވެ، ތިމާއަށް ކަމެއް ދިމާވިނަމަވެސް މަޑުމައިތިރިކަމާއިއެކު ވާހަކަދެއްކޭނީ އެމީހެއްގެ ކިބައިގައި ހަރުދަނާކަން ހުރެގެންނެވެ. އަދި އެކަން ކުރެވޭނީ ޢަޒުމް ވަރުގަދަ، ފިސާރި ސާބިތު މީހުންނަށެވެ.
ވީމާ މީހުންނާއި ކުރެވޭ މުޢާމަލާތުތަކުގައި ނުވަތަ ބައްދަލުވުމުން މިސިފަތައް ހުރިކަން ބަލާށެވެ. އެއިރުން އެމީހާގެ ޙަޤީޤީ ސިފަ ދެނެގަންނަން ފަސޭހަވެގެންދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން