ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 6: ސިޙުރުގެ ޙަޤީޤަތް

ކިޔުމަށް ހޭދަވާނީ 9މ 54ސ
ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 6: ސިޙުރުގެ ޙަޤީޤަތް

ޢަލީ އިޙްޞާން ފިރާޤް

  

 

ސިޙުރުގެ ޙަޤީޤަތް:

علاّمة القرطبى رحمه اللّـه، ވިދާޅުވެފައިވެއެވެ. އިބްނު އިސްޙާޤު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު، سليمان عليه السّلام ރަސޫލުބޭކަލުންގެ ތެރޭގައި ޒިކުރުކުރެއްވުމުން ޔަހޫދީންގެ ދަންނަބޭކަލުންގެ ތެރެއިން ބަޔަކު ބުންޏެވެ.[ މުޙައްމަދުގެފާނު ހީފުޅުކުރައްވަނީ ދާވޫދުގެފާނުގެ ދަރިކަލުން سليمان عليه السّلام އަކީ ނަބީބޭކަލެއް ކަމުގައެވެ. މާތްالله ގަންދީ ބުނަމެވެ. އެއީ ސިޙުރުވެރިއެކެވެ.] ދެން މާތްالله ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތް ބާވައިލެއްވިއެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގެ ތަފްސީރު}

އެ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ۚوَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢

މާނައީ: [އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.]

الامام ابن جرير الطبرى، ނާފިޢުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. ނާފިޢު ވިދާޅުވިއެވެ. އަހަރެން ޢަބްދު ބިން ޢުމަރު ރަޟިޔަ ޢަންހު އާއެކު ދަތުރެއްގައި ނުކުތީމެވެ. ރޭގަނޑުގެ ފަހުބަޔަށް އެޅުމުން ޢަބްދު ބިން ޢުމަރު ރަޟިޔަ ޢަންހު ވިދާޅުވިއެވެ. [އޭ ނާފިޢުއެވެ! ރަތްތަރި އަރައިފިތޯ ބަލައިބަލާށެވެ! ތިމަން ދެފަހަރު ނުވަތަ ތިންފަހަރު ނޫނެކޭ ދެންނެވީމެވެ. ދެން އޭގެ ފަހުން އެތަރި އެރުމަށްފަހު އެތަރި އަރައިފިއޭ ތިމަން ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [އެތަރިއަށް އެއްވެސް އުފާވެރިކަމެއް ނުވެއެވެ.]

ނާފިޢު ވިދާޅުވިއެވެ. ދެން އަހަރެން ދެންނެވީމެވެ. [މާތްالله ގެ ހުސްޠާހިރުވަންތަ ކަމާއެވެ! އެއީ ކިޔަމަންތެރި ކުރެވިފައިވާ ތަރިއެކެވެ.] ޢަބްދު ބިން ޢުމަރު ރަޟިޔަ ޢަންހު ވިދާޅުވިއެވެ. އަހަރެން މިދެންނެވީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ އަރިހުން އަޑުއެއްސެވި ގޮތަށެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

[ހަމަކަށަވަރުން މަލާއިކަތުން ދެންނެވިއެވެ. އޭ ތިމަންމެންގެ ވެރި ރަސްކަލާކޮ! އާދަމުގެފާނުންގެ ދަރިން ބިމުގައި އެވަރަށް ފާފަތައްކުރާ އިރުވެސް އިބަރަސްކަލާނގެ އެމީހުން އެގޮތަށް (އެއްވެސް ޢަޛާބެއް ނުދެއްވައި) ދޫކޮށްލައްވަނީ ކިހިނަކުންތޯއެވެ؟]

 އެހިނދު މާތްالله އެންގެވިއެވެ. [ތިމަންالله އެމީހުން އިމްތިޙާނު ކުރައްވާ ފަދައިން ތިޔަބައިމީހުން އިމްތިޙާނެއް ނުކުރައްވަމެވެ.] އެހިނދު މަލާއިކަތުން ދެންނެވިއެވެ. [އާދަމުގެދަރީން އުޅޭގޮތަށް ތިމަންމެނަށް އުޅެންޖެހުނު ކަމުގައިވިޔަސް ތިމަންމެން އިބަރަސްކަލާނގެއަކަށް ނުއުރެދުނީމުހެވެ.] ދެން މާތްالله އެންގެވިއެވެ. [ތިޔަ ބޭކަލުންގެ ތެރެއިން ދެބޭކަލަކު ޢައްޔަން ކުރާށެވެ.] ދެން އެބޭކަލުން އިޚްތިޔާރު ކުރެއްވީ ހާރޫތާއި މާރޫތެވެ.

ދެން ހާރޫތާއި މާރޫތު ބިމަށް ފައިބާ ވަޑައިގެންފިއެވެ. އެހިނދު މާތްالله އެދެބޭކަލުންގެ ހަށިގަނޑުގައި ޝަހްވާނީ އެދުންވެރިކަން ލެއްވެވިއެވެ. ދެން އެބޭކަލުންގެ އަރިހަށް زهرة ކިޔާ އަންހެނަކުއައެވެ. އެދެބޭކަލުންނަށް އެއަންހެނާ ދެކެ ލޯބިވެވުނެވެ. އެކަން އެއްބޭކަލަކު އަނެއް ބޭކަލަކަށް ވަންހަނާކުރެއްވިއެވެ. ދެން އޭގެ ތެރެއިން އެއްބޭކަލަކު އަނެއް ބޭކަލަކަށް ވިދާޅުވިއެވެ. [ތިމަންގެ ހިތުގައި ހިނގިކަންތައް ތިބާގެ ހިތުގައިވެސް ހިނގިތޯއެވެ؟] އެބޭކަލަކު އާދޭހޭ ދެންނެވިއެވެ. ދެން މިދެބޭކަލުން އެ އަންހެނާއާ ގޯސްކަންތައް ކުރުމަށް އެދިވަޑައިގަތެވެ. އެ އަންހެނާ ދެންނެވިއެވެ. [ތިޔަ ދެބޭކަލުންނަށް އެކަމެއް ކުރެވޭހުށީ ތިޔަ ދެބޭކަލުން އުޑަށްއަރާ ވަޑައިގަތުމަށް ވިދާޅުވާ ކަލިމަފުޅު ތިމަންނައަށް ވިދާޅުވެދެއްވުމުންނެވެ.] އެކަމަށް އެދެބޭކަލުން އިންކާރު ކުރެއްވިއެވެ.

އިމާމު އަޙްމަދުގެ ރިވާޔަތުގައި އަންނަނިވި ފަދައިންވެއެވެ. އެއަންހެނާ އެބޭކަލުންގެ އަރިހުން އެދުނީ މާތްالله އަށް ޝިރްކު ކުރުމަށެވެ. އެކަމަށް އެދެބޭކަލުން އިންކާރު ކުރެއްވިއެވެ. ދެން އަނެއްކާވެސް އެދެބޭކަލުން އެއަންހެނާގެ ކިބައިން އެކަން ކުރުމަށް އެދިވަޑައިގަތުމުން އެ އަންހެނާ ދެންނެވިއެވެ. [ތިކަމެއް ކުރެވޭހުށީ މިކުޑަކުއްޖާ ޤަތުލުކޮށްލުމުންނެވެ.] އެހިނދު އެދެބޭކަލުން ދެންނެވިއެވެ. [ތިކަމެއް އެއްގޮތަކަށްވެސް ނުވާހުއްޓެވެ.] ދެން އެއަންހެނާ ގޮސް އައީ ރާތައްޓެއް ހިފައިގެންނެވެ. ދެން އެދެބޭކަލުން އަނެއްކާވެސް އެދިވަޑައިގަތުމުން އެއަންހެނާ ދެންނެވިއެވެ. [ތިކަމެއްކުރުމަށް އެއްބަސްވެވޭނީ މިރާފޮދު ހިއްޕެވުމުންނެވެ.] ދެން އެދެބޭކަލުން އެރާފޮދު ހިއްޕެވިއެވެ. އޭގެސަބަބުން މަސްތުވެ ވަޑައިގަތެވެ. ދެން އެދެބޭކަލުން އެ އަންހެނާއާ ޒިނޭކޮށް އެ ކުޑަކުއްޖާވެސް ޤަތުލުކޮށްލިއެވެ. އަދި އެބޭކަލުން އުޑަށް އަރާވަޑައި ގަތުމަށް ވިދާޅުވާ ކަލިމަފުޅުވެސް ވިދާޅުވިއެވެ. ދެން އެއަންހެނާ ކަލިމަ ކިޔައި މައްޗަށް އެރުމުން، މާތް الله އެއަންހެނާ ޒުހްރާއެވެ ކިއުނު ތަރިއަށް ބަދަލުކުރެއްވިއެވެ.

ދެން އެދެބޭކަލުންގެ ކިބައިން މަސްތުވުން ފިލައި ދިޔުމުން އެ އަންހެނާ ދެންނެވިއެވެ. [އެކަންތަކެއް ކުރުމަށް ތިޔަ ދެބޭކަލުން އިންކާރުކުރެއްވި ހުރިހާ ކަމެއްވެސް ކުރައްވައިފީމުއެވެ.] ދެން މާތްالله އެ ދެބޭކަލުންނަށް ދުނިޔޭގެ ޢަޛާބު އާއި އާޚިރަތުގެ ޢަޛާބުންކުރެ ކޮންމެވެސް އެއްޢަޛާބެއް އިޚްތިޔާރު ކުރެއްވުމަށް އެންގެވުމުން އެދެބޭކަލުން ދުނިޔޭގެ ޢަޛާބު އިޚްތިޔާރު ކުރެއްވިއެވެ.{ތަފްސީރުއް ޠަބަރީ އަދި ތަފްސީރު އިބްނު ކަޘީރު، ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގެ ތަފްސީރު}

މިދެންނެވި ވާހަކަތަކަކީ، ޞައްޙަ ވާހަކަތަކެއް ނޫންކަމަށް ހުރިހާ މުފައްސިރުންވެސް އެއްބަސްވެވަޑައިގަންނަވައެވެ. މިދެންނެވި ރިވާޔަތް މިތަނުގައި މި ނަކަލުކުރީ ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ދަރުމަ މަޖައްލާއަށް ލިޔުއްވި ޤުރްއާން ތަފްސީރުންނެވެ.

 

 

މިއަދު އޮންލައިން