"އަހުރެން ބައެއް ވާހަކަތައް އެކުގައި މަސައްކަތްކުރާ އެކުވެރިންނަށް ޙިއްޞާކުރުމުގެ ނަތީޖާއަކަށްވީ އަހުރެންގެ ވަޒީފާ ގެއްލުމެވެ. އެކުވެރިން ދެއްކި ވާހަކައަކަށް އަހުރެން ބުނި ބަސް ވެރިންނާއި ހަމައަށް ގެންދިއައީ އަހުރެން ދެއްކި ވާހަކައަކަށް ހަދައިގެންނެވެ. ނަތީޖާއަކަށްވީ އަހުރެންގެ ވަޒީފާ ގެއްލުމެވެ."
މިއީ މަދުން ދިމާވާ ޙާލަތެއް ނޫނެވެ. ވީމާ ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ބައެއް މީހުން އެކުގައި މަސައްކަތްކުރާ އެންމެންނަކީ ވަރަށް ގާތް އެކުވެރިން ކަމުގައި ބަލައެވެ. އެމީހުންނަކީ އެކުވެރިން ކަމުގައި ބަލައި ތިމާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއި ކުރިއަށް ކުރަން ރާވާ ކަންތައްތަކުގެ ވާހަތައްވެސް ކިޔައިދެއެވެ. އަދި މަސައްކަތްކުރާ ތަނުގެ ސިޔާސަތުތަކުގެ ތެރޭގައި ހުންނަ ކަމުނުދާ ކަންކަމުގެ ވާހަކަތައްވެސް ޙިއްޞާ ކުރެއެވެ.
ނަމަވެސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ތިމާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި ކުރިއަށް ކުރަން ރާވާ ކަންތައްތަކުގެ ވާހަކަ ޙިއްޞާކުރުމަކީ މޮޔައިން ކުރާ ކަމެކެވެ. އެހެނީ އެކަންކަން ޙިއްޞާކުރުމުން ލިބޭނީ ގެއްލުމެވެ. ކުރިމަތިކުރުވާނީ ހުރަސްތަކެވެ.
ހަމައެއާއިއެކު ތަނުގެ ޕޮލިސީގައި ހުންނަ މައްސަލަތަކުގެ ވާހަކަ ދައްކާނަމަ އެކަން ވެރިންނަށް ޙިއްޞާކޮށް ބަލާނީ ތިބާ ކޮށްޕައި ވައްޓާލާފައި އެމީހުންނަށް ކުރިއެރޭތޯއެވެ. ތަނުގެ ސިޔާސަތުތަކުގެ ތެރޭގައި ނުރަނގަޅު ކަންކަން ހުރިކަން ފާހަގަކުރެވޭނަމަ އެކަމެއް ތަނުގެ ވެރިންނާއި ޙިއްޞާކޮށް ތިމާއަށް ފެންނަ ރަނގަޅު ގޮތް ބުނެދޭށެވެ. ތިބާގެ ޚިޔާލަކީ ރަނގަޅު ޚިޔާލެއްނަމަ އެކަން ޤަބޫލުކުރާނެއެވެ. އަދި އެކަން ސަމާލުކަމަށް ގެނެސްދިނީތީ ޕްރަޟޯޝަނެއް ލިބުމަކީވެސް ވަރަށް ގާތް ކަމެކެވެ.
އެކުގައި މަސައްކަތްކުރާ މީހުންނާއި ގުޅުން ބާއްވަންޖެހޭނީ އެމީހުންނަށް ކަންކަން ޙިއްޞާކުރަންޖެހޭނީވެސް އިންތަކެއްގެ ތެރެއިންނެވެ. އެކަމަކުން ތިމާއަށް ގެއްލުން ނުވާނެވަރު ބަލައިގެންނެވެ. އެމީހުންނަށް ތިމާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ މިންވަރަށެވެ.
މިޒަމާނުގައި ގިނަވާނީ އަނެކާއަށް ކިތަންމެ ބޮޑު ލިބުނަސް ކަންބޮޑުނުވާނެ މީޙުންނެވެ. އަދި ތިމާއަށް އެކަމަކުން ފައިދާކުރާނެ ނަމަ އަނެކާއަށް ކިތަންމެ ބޮޑު ގެއްލުމެއް ދޭންވެސް ފަސް ނުޖެހޭނެ މީހުންނެވެ. އެގޮތަށް ކަންތައް ކުރާނެ މީހުންނާއި ނުކުރާނެ މީހުން ވަކިކޮށް ދެނެގަންނާކަށް ނުއެނގޭނެއެވެ. ވީމާ ޢަމަލުކުރުން އެންމެ ރައްކައުތެރި ގޮތަކީ ތިމާއަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން ހުރެވޭނެ ގޮތަކަށް އެންމެންނާއިމެދުވެސް ސަމާލުވެގެން ހުރުމެވެ.
ނިކަން ވިސްނައިލަބަލާށެވެ! އޮފީހުގެ ސައިމޭޒު ދޮށުގައި ތިބެގެން ސަމާސައަށް ދައްކާ ވާހަކަތަކުގެ ނާޖާއިޒު ފައިދާ ނަގަނީ މަދަކުންނޫނެވެ. ވީމާ މިދެއްކި ވާހަކަތަކުގެ ތެދުކަން އެވަރުން ނުއެނގޭ ހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނާނެ ކަމަށް އުންމީދު ކުރަމެވެ.
- އަލަފް / މިއަދުނޫސް