އެއްވެސް މީހަކަށް ތިބާގެ ހުރިހާ ވާހަކަތަކެއް ކިޔައިނުދޭށެވެ! ޝައިޠޯނާ އަޚުންގެ ހިތުގައިވެސް ޙަސަދަވެރިކަން އުފައްދުވާނެކަން ޤުރްއާނުން އެނގެން އެބައޮތެވެ!

ކިޔުމަށް ހޭދަވާނީ 2މ 48ސ
އެއްވެސް މީހަކަށް ތިބާގެ ހުރިހާ ވާހަކަތަކެއް ކިޔައިނުދޭށެވެ! ޝައިޠޯނާ އަޚުންގެ ހިތުގައިވެސް ޙަސަދަވެރިކަން އުފައްދުވާނެކަން ޤުރްއާނުން އެނގެން އެބައޮތެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ﴿٤﴾‏

މާނައީ: "يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ. (4)" 

މިއާޔަތުން އެނގިގެންދަނީ މައިންބަފައިންނާއި ދަރިންނާއި ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަންޖެހޭކަމެވެ. ޔަޢުޤޫބް ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފް ޢަލައިހިއްސަލާމް އާއި ދެމެދުގައި ވަަރަށް ރަނގަޅު ގުޅުމެއް އުފެދިފައިވާކަމެވެ. ޔޫސުފްގެފާނު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު އެކަލޭގެފާނުގެ ބައްޕާފުޅަށް ކިޔައިދެއްވެވީ އެގުޅުމުގެ ސަބަބުންނެވެ.   

ދެން މިބަލައިލަނީ އަޞްލު މައްސަލައަށެވެ. ލިބޭ ހުރިހާ ނިޢުމަތްތަކުގެ ވާހަކަ އަޚުންނަށްވެސް ކިޔައިނުދޭންވީ ސަބަބަށެވެ. އެގޮތުން ޔަޢުޤޫބް ޢަލައިހިއްސަލާމް ޔޫސުފް ޢަލައިހިއްސަލާމަށް ހުވަފެންފުޅު ފެނިވަޑައިގަތުމުން އެކަން ޔޫސުފްގެފާނުގެ އެހެން އަޚުންނަށް ވިދާޅުވެނުދެއްވުމަށް ބައްޕާފުޅު ވިދާޅުވިއެވެ. ސަބަބަކީ ޙަސަދަވެރިކަމާއިި ފިތުނަ އުފެދިދާނެކަމުގެ ބިރަށްޓަކައެވެ. ޝައިޠޯނާ ޙަސަދަވެރިކަން އުފައްދުވާނެތީއެވެ.

ކީރިތި ޤުރްއާނުގައި މިފަދައިން އޮތުމުން އެކުވެރިންނަށް ކަންކަން ކިޔައިދިނުމުގައި އަދި މާބޮޑަށް ސަމާލުކަންދޭންޖެހޭނެކަން މިއޮތީ އެނގޭށެވެ.   

ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ﴿٥﴾‏

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. (5)"

 

 

މިއަދު އޮންލައިން