ކިތަންމެ އަޚްލާޤް ރަނގަޅަސް ލާފޭރާމުން އެކަން ނުދެއްކޭނަމަ މައްސަލަތައް ކުރިމަތިވާނެ! ގިނަ މީހުން އަނެކާ ވަޒަންކުރާނީ ލާފޭރާމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ކިތަންމެ އަޚްލާޤް ރަނގަޅަސް ލާފޭރާމުން އެކަން ނުދެއްކޭނަމަ މައްސަލަތައް ކުރިމަތިވާނެ! ގިނަ މީހުން އަނެކާ ވަޒަންކުރާނީ ލާފޭރާމުން!

އެއީ އަހުރެންގެ އެކުވެރި އަންހެން ކުއްޖެކެވެ. އޭނާއަށް ލިބިފައިވާ ތަޢްލީމާއި ނުބައްދަލު ވަޒީފާއެއް ލިބުމުން ޙައިރާންވީމެވެ. ނަމަވެސް މަރުޙަބާކީމެވެ. ވަޒީފާގައި ދެވަނަ މަސް ނިމުނުތަނާ އައިސްބުނީ ވަޒިފާއިން ވަކިވެއްޖައިން ކަމަށެވެ. ސަބަބު އަހައިލުމުން ބުނީ ވެރިން އެދެނީ ކޮށްނުދެވޭނެ މަސައްކަތްކުރަން ކަމަށެވެ.  

އަހުރެން ބުނީމެވެ. "ތިއަކަން ތިއަގޮތަށް މެދުވެރިއެވަނީ ތިބާގެ ސަބަބުންނެވެ. ތިބާގެ އަޚްލާޤް ރަނގަޅު ނަމަވެސް ތިއަ ލައިއުޅޭ ފޭރާމަކުން އެކަމެއް ނުއެނގެއެވެ. ދެންވެސް ހިތާއި އެއްގޮތަށް ބޭރުފުށްވެސް ބަދަލުކޮށްލައިބަލާށެވެ! އެއިރުން ތިއަބާވަތުގެ މައްސަލަތައް ކުރިމަތިވުން މަދުވާނެއެވެ." އިން ޝާ ﷲ  

އެހެންވެ ފާހަގަކޮށްމިލަނީ އަންހެންކުދިން ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަމެވެ. ސަމާލުކަންދީފިނަމަ ފައިދާކުރާނެއެވެ. އިން ޝާ ﷲ   

މިހާރަކަށް އައިސް ގިނަ އަންހެނުން ކުދިން "ޖޮބް އިންޓަރވިޔުއަށް" ދާންވުމުން ހެދުން އަޅަނީ ސުވާލުކުރަން އިންނަ މީހާގެ ސަމާލުކަން ހެދުމަށް ލިބޭނެ ގޮތަށެވެ. އެކަން ސުވާލުކުރަން ތިބޭ މީހުންނަށްވެސް އެނގެއެވެ. އެހެންވެ އަޚްލާޤީ މިންގަނޑު ހިފަހައްޓާ ތަންތަނުން އެފަދަ ކުދިންނަށް ވަޒީފާއެއް ނުދޭނެއެވެ. ބައެއް ޙާލަތްތަކުގައި ކުއްޖާގެ ޤާބިލް ކަމަށް ބަލައި ވަޒީފާދިން ނަމަވެސް އަޚްލާޤީ މިންގަނޑަށް ފެތޭނެ ގޮތަށް ހެދުންލާން ބުނާނެއެވެ.  

ދެން އޮތީ އެފަދަ ހެދުންލައިގެން ދިއުމުން ފަސޭހައިން ވަޒީފާ ދޭ ތަންތަނެވެ. އެފަދަތަންތަނުގައި މަސައްކަތްކުރަން ފެށުމުން ވަޒީފާގެ އެއްބަސްވުމުގައި ނުހިމެނޭ މަސައްކަތްތައް ކުރުވަން ޖައްސުވާނެއެވެ. އެފަދަ ޙާލަތު ކުރިމަތިވުމުން ފުރަގަސްދޭން މަސައްކަތްކޮށްފިނަމަ ގިނަ ފަހަރަށް އޮންނާނީ ޕްރަބޭޝަން މުއްދަތު ނުވެސް ނިމެނީސް ވަޒީފާއިން ވަކިކޮށްފައެވެ.

ވީމާ "ޖޮބް އިންޓަރވިޔުއަށް" ދާންވެސް ހެދުން އަޅަންވާނީ އަޚްލާޤީ މިންގަނޑަށް ފެތޭނެ ގޮތަށެވެ. ތިމާގެ ރީތިކަމާއި ހަށިގަނޑު ދައްކައިގެން ވަޒީފާ ހޯދައިފިނަމަ ގިނަފަހަރަށް ކަންކަން ކުރިމަތިވާނީ މިބުނި ގޮތަށެވެ.  

ދެން ބުނެލަން އޮތީ ބުރުގާ އެޅުމަކުން އަދި ނުފުދޭކަމަށެވެ. ބުރުގާ އެޅިނަމަވެސް ގައަށް ބާރު ހެދުން ލާނަމަ ބުރުގާ އެޅުމުގެ މަޤްޞަދު ގެއްލިގެން ދިއައީއެވެ. ބުރުގާއިން ކަރުވަޅު ނިވާވެފައި މޭމަތި ނުވާނަމަ އެއީ ކީއްކުރަން އެޅި ބުރުގާއެއް ހެއްޔެވެ؟  

ވަޒީފާ އަދާކުރާ އަންހެނުންނަށް މަސައްކަތްކުރާ ތަނުން ދަށުދަރަޖައިގެ މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ފޭރާންލެވޭ ގޮތެވެ. ތުއިދެއްކޭކަމެވެ. އަންހެނުންނަކީ އެއްވެސް ޙާލެއްގައި ތުއި ދައްކައިގެންވާނެ ބައެއް ނޫނެވެ. ގިނަ މީހުންނަށް އެކަން މާނަކުރެވޭނީ ގައިގައި އަތްލަން ބުނާ ބުނުމެއް ކަމަށެވެ. ގައިގައި އަތްލަން ދެވޭ ދަޢުވަތެއް ކަމަށެވެ.  

ވީމާ ވަޒީފާ ހޯދަން ކުރާ މަސައްކަތުގައިވެސް އަދި ވަޒީފާ ލިބުމުންވެސް މިކަންކަމަށް ސަމާލުކަން ދޭށެވެ. އެއިރުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން