އަނބިމީހާގެ އެކައުންޓުގަ ފައިސާހުރިވަރު ބުނަން މަޖުބޫރުކުރުމުގެ ހުއްދައެއް ނެތް! ގަދަކަމުން އަތުލުންވެސް ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އަނބިމީހާގެ އެކައުންޓުގަ ފައިސާހުރިވަރު ބުނަން މަޖުބޫރުކުރުމުގެ ހުއްދައެއް ނެތް! ގަދަކަމުން އަތުލުންވެސް ހުއްދައެއް ނޫން!

އަނބިމީހާ މަސައްކަތްކޮށްގެން އާމްދަނީ ހޯދާނަމަ އެއީ އޭނާގެ ފައިސާއެވެ. ވީމާ އަނބިމީހާގެ އެކައުންޓުގަ ފައިސާހުރިވަރު ބުނަން މަޖުބޫރުކުރުމުގެ ހުއްދައެއް ނެތެވެ. އެކަމަށް މަޖުބޫރުކޮށްގެންނުވާނެއެވެ. 

ހަމައެގޮތަށް އަނބިމީހާގެ ކޭޝްކާޑު އަތުލުމާއި ޕިން ނަންބަރު ދިނުން މަޖުބޫރުކުރުވައިގެންވެސް ނުވާނެއެވެ. އެއީވެސް ކުރަން ހުއްދަ ކަމެއް ނޫނެވެ. އަދި ދެމީހުންގެ ނަމުގައި އެކައުންޓެއް ހުޅުވައިގެން ބޭނުންކުރަންވާނީވެސް އެކަމަށް އަނބިމީހާ ރުހި އޭނާގެ އަމިއްލަ އިޚްތިޔާރުގައި ފައިސާޖަމާކޮށްދޭނަމައެވެ. 

ފިރިންގެ ތަނަވަސްކަން ބުނެދިނުންވެސް މަޖުބޫރެއް ނޫނެވެ. މަޖުބޫރުވާނީ އަނބިދަރިންނަށް ބޭނުންވާ ޚަރަދުތައްކޮށްދިނުމެވެ. އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ.  

ފައިސާގެ މައްސަލަތައް ކުރިމަތިވަނީ ދެމަފިރިންގެ ގުޅުން ކުޑަވީމައެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅަށް އޮންނަނަމަ އެކަން މައްސަލައަކަށް ނުވާނެއެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް އެކަކު އަނެކަކަށް ވަފާތެރިވާށެވެ. ފުރިހަމަ ގޮތުގައި ލޯބިދޭށެވެ. އެކަކު އަނެކަކަށް އަޅައިލާށެވެ. 

ބައެއް އަނބިން އެމީހުންނަށް ލިބޭ މުސާރައިން ބައެއް ރައްކާކުރެއެވެ. އެއީ އެކަނިވެރިވާންޖެހިދާނެ ވަޤުތަކަށްޓަކައެވެ. ވީމާ އަނބިމީހާގެ އެކައުންޓުގައި ފައިސާހުރިނަމަވެސް  އޭނާގެ ނުރުހުމުގައި އެފައިސާއަތުނުލާށެވެ! އެކަނިވެރިވާން ނުޖެހޭނެ ކަމުގެ ޔަޤީންކަން އޮންނަނަމަ އަނބިންގެ އަތުގައި ހުންނަ ފައިސާ ދޭކަށް ޖެހިލުމެއް ނުވާނެއެވެ.  

ހަމައެއާއިއެކު އިތުރުކަމެއްވެސް ފާހަގަކޮށްލާނަމެވެ. ފިރިމީހާ ބޭކާރު ޚަރަދުތައް ކުރުމަކީވެސް އަނބިން އެންމެ ކަންބޮޑުވާ އެއްކަންތަކެވެ. ޚާއްޞަކޮށް ހިލޭ އަންހެނުންނަށް ޚަރަދުކުރާނަމައެވެ. ވީމާ ތިމާއަށް ލިބޭ ފައިސާއިން އެފަދަ ޚަރަދުތައް ނުކުރާ ކަމުގެ ޔަޤީންކަން އަނބިމީހާއަށް އޮންނާނެ ގޮތަށް ޚަރަދުކުރާށެވެ. އެއީވެސް އަނބިމިހާގެ އަތުން ފައިސާޢަށް ބޭނުންވުމުން ފަސޭހައިން ފައިސާ ލިބޭނެ ސަބަބެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން