ތިބާގެ ދަރިފުޅު ޢިއްފަތްތެރިކަމާއިއެކު ބަލައިބޮޑުކޮށް ފިރިއަކާއި ޙަވާލުކުރުމުގަ އިހްމާލްވެވިއްޖެނަމަ އެނަގައިލެވެނީ ނަރަކައިން ސަލާމަތްވުމަށް ލިބޭ ބޮޑު ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ތިބާގެ ދަރިފުޅު ޢިއްފަތްތެރިކަމާއިއެކު ބަލައިބޮޑުކޮށް ފިރިއަކާއި ޙަވާލުކުރުމުގަ އިހްމާލްވެވިއްޖެނަމަ އެނަގައިލެވެނީ ނަރަކައިން ސަލާމަތްވުމަށް ލިބޭ ބޮޑު ފުރުޞަތެއް!

ދަރިން ޢިއްފަތްތެރިކަމާއިއެކު ބަލައިބޮޑުކޮށް ފިރިމީހާއާއި ޙަވާލުކުރެވިއްޖެނަމަ އެކަން ވެގެންދާނީ މައިންބަފައިންނަށް ނަރަކައިން ސަލާމަތްވެވޭ ޢަމަލަކަށެވެ. އެކަން ވެގެންދާނީ މައިންބަފައިންނާއި ނަރަކައާއި ދެމެދުގައި ހުރަސްވެގެންދާނެ އައްޑަނައަކަށެވެ. ހިތާމައަކީ މައިންބަފައިންގެ ތެރެއިން ބައަކަށް އެކަން ނުވިސްނޭ ކަމެވެ.

ވިސްނުން ކޮށިވުމުގެ ސަބަބުން ނަމަވެސް ނުވަތަ ކަންކަން ނުއެނގޭތީ ނަމަވެސް ގިނަ މައިންބަފައިންނަށް މިއަދު ޤަބޫލުނުކުރެވޭ އެއްކަމަކީ އަންހެން ދަރިފުޅާއި ހިލޭ ފިރިހެނުން ޖާމިނުކުރުވައިގެން ދަރިންގެ އިއްފަތް ނަގައިލުންވެސް ހިމެނިގެންދާނީ ދަރިންގެ ޢިއްފަތްނަގައިލުންކަމެވެ. އެކަންކުރާ މައިންބަފައިން މަދު ކަމަށް ބުނެވޭކަށް ނެތެވެ.

ދަރިން ބަލައި ބޮޑުކުރުމަށްފަހު މައިން ބަފައިން ދަރިންގެ ޢިއްފަތް ނަގައިލުމުގެ ޝަކުވާއަކީ މިހާރަކަށް އައިސް އެންމެ ގިނައިން ކުރާ އެއް ޝަކުވާއެވެ. ދަރިންގެ ޢިއްފަތްތެރިކަމަށް މައިން ބަފައިން އަރައިގަންނަކަމަށްވާނީ ހަމައެކަނި މައިންބަފައިން އެކަންކުރުމަކުން ނޫނެވެ.

މަދުން ނަމަވެސް ބައްޕައިން އެމީހުންގެ ދަރިންގެ އިއްފަތަށް އަރައިގަންނަކަމުގެ މައްސަލަތައް ކުރިމަތިވަމުން އަންނައިރު މައިންމައިން ވެސް އެކަން ކުރެއެވެ. މައިން ބަފައިން އަމިއްލައަށް އެކަން ކުރާ އަދަދު މަދުވެދާނެއެވެ.

ގިނަފަހަރު އަންހެން ދަރިން ހިލޭ ފިރިހެނުންނާއި ޖާމިނުކުރުވަނީ މައިންކަމަށްވާކަން އެއީ ހިތާމަހުރިކަމެކެވެ. އެއީ ކިތަންމެ ލަދުވެތިކަމެއް ނަމަވެސް އެކަން ހިނގަނީ އެގޮތަށެވެ. ސުވާލަކީ އަމިއްލަ ދަރިންގެ އިއްފަތްތެރިކަމަށް މީހަކު ލައްވައި ނަމަވެސް އަރައިގަތުމަށްފަހު އެދެން އޮތީ ކޮން ސުވަރުގެއެއް ހެއްޔެވެ؟ މިސުވާލު މިކުރަނީ އެކަމުގެ ފާފައިގެ ބޮޑުކަމުންނެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައަކަށްވާތީއެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ ކަމަކަށްވާތީއެވެ.

ޤިޔާމަތް ދުވަހު ޖެހޭނީ ކުރިމަތިލާށެވެ! ޒިންމާ އުފުލާށެވެ! ވީމާ ދަރިން އެމީހުން ބޭނުންހައި ގޮތަކަށް އުޅެން، ދާންބޭނުންވާހައިތަނަކަށް ދާން މިނިވަންކަމާއިއެކު ދޫކޮށްލާ މައިންބަފައިންނަށް ސަލާމަތެއް ނުވެވޭނެއެވެ! އެކުދިން ކުރާ ފާފައިން ބައި އެޅޭނެއެވެ. އަދި މަގުފަހިކޮށްދިންކަމުގެ ފާފަވެސް އެޅޭނެއެވެ.

ހަމައެއާއިއެކު އެފަދަ ނުބައިކަން ބޮޑު ހަޑި މުޑުދާރު އަމަލުތައް ކުރުމަށްފަހު މައިން ބަފައިން މުސްކުޅިވުމުން ދަރިންގެ އަޅައިލުމާއި އެހީތެރިކަމަށްވެސް އެބަ އެދެއެވެ. އެކަމަށް އެބަ އިންތިޒާރުވެސް ކުރެއެވެ. އެހީތެރިކަން ނުލިބުމުން ޝަކުވާވެސް އެބަ ކުރެއެވެ.

މައިން ބަފައިން ކޮންމެ ގޮތަކަށް ކަންތައްތައް ކޮށްފައިވީނަމަވެސް ދަރިންނަށް އޮތީ މައިން ބަފައިންނަށް އޯގާތެރިވުމެވެ. އެހީތެރިވުމެވެ. އެހެންކަމާއިއެކުވެސް ވިސްނައިލާށެވެ! ދަރިންނަކީވެސް އިންސާނުންނެވެ. އެމީހުންގެ ވެސް އޮންނަނީ ހަމަ ހިތެކެވެ. ވީމާ އަނިޔާވެރިވެފައިވާ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ބޭނުންވި ނަމަވެސް ހުރަސްތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ.

މިއަދު މިއުޅެނީ ހުރިހާ ކަންކަން ރަނގަޅަށް ކުރުމުން ވެސް ދަރިންގެ އެހީތެރިކަން ނުލިބިގެންނެވެ. ވީމާ މުޅި އުމުރުގައި ހަނދާން ނުނެތޭނެ ފަދަ އަނިޔާތައް ކުރުމަށްފަހު ދަރިންގެ ކިބައިން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރި ނަމަވެސް މަޤްޞަދު ޙާޞިލުވުން ވަރަށް ދުރުވާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން