ތައުލީމް މިދަނީ ކުރިއަރަމުންނެވެ. ދަސްވާ މިންވަރު މިދަނީ އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިއަދުގެ ޒުވާނުންނަށް ބައެއް ކަންކަން އެނގޭ މިންވަރަށް މައިންބަފައިންނަށް ނުއެނގިދާނެއެވެ. ވީމާ އެމީހުންގެ ބަސް ތަފާތުވެދާނެއެވެ. އެމީހުން ބޭނުންވާ ގޮތް ވެސް ތަފާތުވެދާނެއެވެ. ނަމަވެސް ވިސްނަންވީ އަދި ޤަބޫލުކުރަންވީ ކޮންމެ ޙާލެއްގައިވެސް މައިންބަފައިންނަށް އިޙްތިރާމް ކުރަން ޖެހޭނެ ކަމެވެ.
މިސާލަކަށް އަހަރެމެންނަށް ކިޔަވައިދިނީ ކޮން ބައެއް ހެއްޔެވެ؟ މައިން ބަފައިންގެ މަސައްކަތުން ނޫން ހެއްޔެވެ؟ އެމީހުން ކުރި މަސައްކަތާއި ހޭދައިން ނޫން ހެއްޔެވެ؟ ވީމާ އަހަރެމެންނަށް އެނގުނު އެއްޗެއް އެނގިފައި މިވަނީ އެމީހުންގެ ސަބަބުން ނޫން ހެއްޔެވެ؟
މައިން ބަފައިން ބުނާ ކޮންމެ ބަހަކީ އެންމެ ރަނގަޅު ބަސް ކަމުގައި ނުވެދާނެއެވެ. ކަންކަމުގައި އެމީހުން ވިސްނާ ގޮތާއި މިއަދުގެ ޒުވާނުން ވިސްނާ ގޮތް ތަފާތުވުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ! އެހެނީ އެމީހުންގެ ވިސްނުން ހުންނާނީ އެމީހުނަށް އެނގިފައިވާ އެއްޗެއްގެ މައްޗަށެވެ. އެމީހުންނަށް ފެނުނު ކަންކަމުގެ މައްޗަށެވެ.
ވިސްނަންވީ ކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ﷲ ތަޢާލާ އަހަރެމެންނަށް ހެޔޮ ރަޙްމަތްފުޅު ލައްވަވާނެކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމެވެ. އެކަމުގެ ސަބަބުން ސުވަރުގެ ދިއުމަށް އަހަރެމެންނަށް މަގުފަހިވާ ކަމެވެ. ވީމާ ކޮންމެވެސް ކަމެއްގައި ޚިޔާލުތަފާތުވުމަކީ ﷲ ތަޢާލާގެ ޙަޟަރަތުން ލިބެން އޮތް މަތިވެރި ނިޢްމަތް ގެއްލުވައިލެވޭ ކަމަކަށް ހެދުމަކީ ލިބޭނެ ކިހައި ބޮޑު ނިކަމެތި ކަމެއް ކަމާއިމެދު ވިސްނައި އެ ފުރުޞަތު ގެއްލުވައިނުލާށެވެ! އެއީ މާމަތިވެރި ފުރުޞަތެކެވެ. އެންމެ މަތިވެރި ފުރުޞަތެވެ.
މީސްތަކުންނޭވެ! މައިންބަފައިންނާއިއެކު ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހޭދަކުރާށެވެ! އުމުރުން ކިތަންމެ ހަގު ނަމަވެސް އެމީހެއްގެ މައިންބަފައިންނަށް އެމީހަކު ހެޔޮ ދުޢާކުރަންވާނެއެވެ! ނަމަވެސް މިކަންކަމަށް އަހަރެމެން މިތިބީ ޣާފިލުވެފައެވެ. މައިން ބަފައިންނަށް ހެޔޮ ދުޢާކުރަންވީ އެމީހުން މަރުވުމަކުން ނޫނެވެ! ދިރިތިބިއިރުވެސް ހެޔޮ ދުޢާކުރާށެވެ! އެއިރުން މަރުވުމުން ހެޔޮ ދުޢާ ކުރަން އިތުރަށް ފަރުވާ ބެހެއްޓޭނެއެވެ!
މައިން ބަފައިން ބުނާ ބަހަކާއި ޚިޔާލުތަފާތުވި ނަމަވެސް ހަރުކަށި ޢިބާރާތުން ބަސްތައް ނުބުނާށެވެ! އޯގާތެރިކަމާއިއެކު ބަސް ބުނެ އެމީހުންނަށް ވިސްނައިދޭށެވެ. އެހެނީ މައިންބަފައިންނާއިމެދު އަހަރެމެންނަށް ޢަމަލުކުރެވޭ ގޮތުގެ ސަބަބުން އަހަރެމެން އެބަ ފާފަވެރިވެއެވެ. އެއިގެ ތެރޭގައި ހަރުކަށި ޢިބާރާތުން ބަސް ބުނުން ވެސް ހިމެނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން