އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި މުސްލިމުން ޙައްޤުމަގުގައި ޘާބިތުވެ ތިބެއްޖެނަމަ 50 ޞަހާބީންގެ ދަރަޖަ އެމީހަކަށް ދެއްވަވާނެކަމަށް ޙަދީޘްފުޅުގައިވާ ޒަމާން މިއަދު މިވަނީ އަހުރެމެންނާއި ބައްދަލުކޮށްފައެވެ. އިސްލާމް ދީނުގައި ޘާބިތުވެހުރުމަކީ އަތަށް އަނގުރު އަލިފާން ކޮޅެއް ލައިގެން ހުރުން ފަދަ ކަމަކަށްވާނެކަމަށް ޙަދީޘްފުޅުގައި އޮތް ޒަމާންވެސް މިވަނީ ބައްދަލުކޮށްފައެވެ.
މިޒަމާނުގައި ޙައްޤުމަގުގައި ޘާބިތުވުމުން 50 ޞަޙާބީންގެ ދަރަޖަ ދެއްވަވާނެކަމަށް އެއޮތީ ވަރަށް ބޮޑު ސަބަބުތަކެއް ހުރުމުންނެވެ.
ފާފަކުރަން އިންތިހާއަށް ފަސޭހަވެގެންދާނެކަން އެނގިވަޑައިގަންނަވާތީއެވެ. މީހުންނަށް ވަސްވާސްދީ މަގުފުރައްދަން ފަސޭހަވެގެންދާނެކަންވެސް އެނގިވަޑައިގަންނަވާތީއެވެ. އިންސާނާގެ ލޮލަށް ފާޙިޝް ކަންކަން ދައްކައިދިނުން ފަސޭހަވުމުން ފާފަކުރާ މީހުންގެ ޢަދަދު ގިނަވެގެންދާނެކަންވެސް އެނގިވަޑައިގަންނަވާތީއެވެ. އަދި މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ.
ޝައިޠޯނާ ބޭނުން ހުރިހާ ލުއިފަސޭހަތަކެއް މިއަދު ވަނީއެއްޗަށް ލިބިފައެވެ. އިންޓަރނެޓެވެ މިކިޔާ އެއްޗެއްގެ ސަބަބުންނެވެ. އަތުގައި ގެންގުޅޭ ފޯނުގެ ސަބަބުންނެވެ. މަސައްކަތްކުރަން ބޭނުންކުރާ ލެޕްޓޮޕް، ކޮންޕިޔުޓަރު ނުވަތަ އެނޫންވެސް ވަސީލަތްތަކުގެ ސަބަބުންނެވެ.
ޞަޙާބީންގެ ޒަމާނުގައި ފާފަކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އަދި ރައްކައުތެރިކަމުގެ ގޮތުންވެސް އުނދަގޫ ކަމެކެވެ. ފަސޭހައިން ފަޟީޙަތްވާތީއެވެ. ނަމަވެސް މިއަދު ޙާލަތު މިވަނީ ބަދަލުވެފައެވެ. ކިތަންމެ ބޮޑެތި ފާފަތަކެއްވެސް މީސްތަކުންނަށް ސިއްރުން ކުރުމަކީ އެއްވެސް އުނދަގޫކަމެއް ނޫނެވެ. އެއިގެ އިތުރުން ފާފަ ނުކޮށް ހުރުން މިއަދު ވެފައި މިވަނީ ވަރަށް ބޮޑު ދަތި އުނދަގޫ ކަމަކަށެވެ. ފޯނަށް އަންނަ މެސެޖްތަކުގެ ސަބަބުންނެވެ.
މިޘާލަކަށް ޒިނޭކުރުމަށް ބަލާށެވެ! އަންހެނުން އިސްވެ އެގެންދަނީ ދަޢުވަތުދީ މެސެޖްތައް ފޮނުވަމުންނެވެ. އެމީހުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ފޮނުވަމުންނެވެ. އަދި މިނޫންވެސް އެތައް ގޮތަކުން އެގެންދަނީ ދަޢުވަތުދެމުންނެވެ.
ވީމާ މިޒަމާނަކީ ކުރިން ފަށަމުން ބަޔާންކުރި ދެ ޙާލަތު އައިސްފައިވާ ޒަމާނެއްކަމަށް ބުނަން އެއްވެސް އުނދަގުލެއް ނެތެވެ. އޮތީ ހޭލުންތެރިވެ ރައްކައުތެރިވުމެވެ. އެއިރުން ކުރީގެ ޒަމާނުގައި އުޅުއްވެވި 50 ޞަޙާބީންނަށްވުރެ މަތީ ދަރަޖަ ދެއްވަވާނެތެވެ. ޤިޔާމަތް ދުވަހު ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވެވޭނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން