ދަރިންކޮޅު ގޮވައިގެން އެކަނި ދަތިޙާލުގައި އުޅެންޖެހުނަސް ބައްދަލުވާ ފިރިހެނުންނަށް ޙާލަތު ކިޔައިދިނުމުގެ ކުރިން ވިސްނަންޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދަރިންކޮޅު ގޮވައިގެން އެކަނި ދަތިޙާލުގައި އުޅެންޖެހުނަސް ބައްދަލުވާ ފިރިހެނުންނަށް ޙާލަތު ކިޔައިދިނުމުގެ ކުރިން ވިސްނަންޖެހޭނެ ކަންކަން-

ބައްދަލުވާ ކޮންމެ މީހަކީ ނުބައި މީހެއް ކަމަށް ދެކެގެން ނުވާނެއެވެ. ނަމަވެސް އެއީ ރަނގަޅު މީހަކުކަމަށް ކަނޑައަޅަންވާނީ އެކަން ޔަޤީންކުރުމަށްފަހުގައެވެ. ނޫންނަމަ ލިބިދާނެ ދެރަ މާބޮޑުވެދާނެއެވެ.  

އަންހެނަކަށް ދަރިން ގޮވައިގެން އެކަނިވެރިކަމާއިއެކު ދަތިޙާލުގައި އުޅެން ޖެހުނަސް ބައްދަލުވާ އެންމެންގެ ގާތުގައި އެކަމުގެ ވާހަކަ ނުދައްކާށެވެ! ތިމާ މިއުޅެނީ ވަރަށް ދަތިޙާލުގައިކަން އެންމެންނަށް ކިޔައިނުދޭށެވެ.  

މިހާރުގެ ގިނަފިރިހެނުން، ގިނަ ފަހަރު އަންހެނުންގެ އަގުވަޒަންކުރާނީ އެއަންހެނަކު ދިރިއުޅޭ ޙާލަތުގެ މައްޗަށެވެ. ދަތިޙާލުގައި ދިރިއުޅޭކަން އެނގިއްޖެނަމަ ގިނަވާނީ ދެރަކޮށް ނިކަމެތިކޮށްލަން ބޭނުންވާ ފިރިހެނުންނެވެ. އެކަމުން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާނެ މީހުންނެވެ.  

ވީމާ ތިމާގެ ޙާލަތު ނުއެނގޭ، އަލަށް ބައްދަލުވާ މީހުންނަށް ޙާލަތު ބުނެދޭންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. ތިމާހުރި ޙާލަތު އެނގުމުން ނާޖާއިޒު ފައިދާއެއް ނުނަގައި އެހީތެރިވެދޭނެކަމުގެ ޔަޤީންކަން ނެތް ހަމަ އެކަކުގެ ގާތުގައިވެސް ތިމާ ހުރީ ދަތިޙާލުގައިކަން ބަޔާން ނުކުރާށެވެ!  

ދަތިޙާލުގައި އުޅެންޖެހިފައިވާނަމަ ފުރަތަމަ ކަމަކަށް އޮތީ ދުޢާކުރުން ގިނަކުރުމެވެ. އެއިރުން ﷲ ތަޢާލާ އެމީހަކަށް އެހީތެރިކަން ފޯރުކުރައްވަވައި ދެއްވަވާނެތެވެ. ކޮންމެވެސް މީހަކު މެދުވެރިކުރައްވަވައިގެން ނަމަވެސްމެއެވެ. އެފަދަ މީހުން އައިސް ބޭކާރު ވާހަކަތަކެއް ނުދައްކާނެތެވެ. ނުބައި ޢަމަލުތައް ކުރުމަކަށް ނުއެދޭނެތެވެ.  

އެއިގެ ބަދަލުގައި ބޭކާރު ވާހަކަތައް ދައްކާނަމަ އެމީހަކުވާނީ ޝައިޠޯނާ މެދުވެރިކުރުވި މީހަކަށެވެ. ނުބައި ކަންކަމަށްވެސް އެމީހަކު އެދޭނެއެވެ. އެހެނީ ޝައިޠޯނާ އޭނާ އެފޮނުވީ އެކަންކަން ކުރުވަންވެގެންނެވެ.  

ވީމާ ދަތިޙާލުގައި އުޅެންޖެހިފައިވާ ކޮންމެ އަންހެނަކުވެސް މިކަންކަމަށް ސަމާލުވެ ދުޢާކުރުން ގިނަކުރާށެވެ! ދަތިޙާލުން އެމީހަކަށް ސަލާމަތްވެވޭނެ މަގެއް ދައްކަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން