މީސްތަކުންނޭވެ! އަޅުކަންކުރުމަކީ އެއްވެސް ޙާލެއްގައި ތިމާ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް ބޭނުންވާތީ ކުރާ ކަމަކަށް ނުހަދާށެވެ! ﷲ ތަޢަލާއަށް ލޯބިން ކިޔަމަންތެރިކަން އަދާކުރަން އެކަލާނގެ ރުހިވޮޑިގަތުން ހޯދަން ކުރާ ކަމަކަށް ހަދާށެވެ! ކުރާ އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން ވަނީ މިފަދަ ޝަރުޠުތައް ފުރިހަމަކުރެވިގެންނެވެ.
އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅުންނެވެ. ދުނިޔެއަށް ފޮނުއްވެވުނީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. ގިނަ ބައަކަށް އެކަން ވިސްނެނީ ޢުމުރުން އެތައް ދުވަހެއް ފާއިތުވާފަހުންނެވެ.
ބައެއް މީހުން އެމީހުންގެ ޒުވާން ޢުމުރުގައި ﷲ ތަޢާލާއަށް އަޅުކަންކުރަނީ، އެމީހުން އެދޭ ކަންކަން ހިންމަވައިދެއްވަވާނީ އެއިރުން ކަމަށް ބަލައިގެންނެވެ. އެމީހުން ޙާޞިލްކުރަން ބޭނުންވާ ކަންކަން ފަސޭހައިން ޙާޞިލްކުރުމުގެ މަޤްޞަދުގައެވެ.
ޚުދު އަހުރެންވެސް އިސްލާމް ދީނަށް ޢަމަލުކޮށް ﷲ ތަޢާލާއަށް އަޅުކަންކުރަން ފެށީ ހަމައެބޭނުމުގައެވެ. އެއްކޮޅުން ރަނގަޅު ވަޒީފާއެއް ލިބުމެވެ. ދެން އޮތީ ރަނގަޅު، އަހުރެން ދެކެ ލޯބިވާ ބައިވެރިއަކު ލިބުމެވެ.
ﷲ ތަޢާލާއަށް އަޅުކަންކުރަންޖެހޭ ޙަޤީޤީ ސަބަބު ވިސްނުނީ ޢުމުރުން 40 އަހަރުވީފަހުންނެވެ. އެނގުނުއިރު އެކަން ގުޅިފައިވަނީ އަހުރެންގެ އެއްވެސް އަމިއްލަ ބޭނުމަކާއިއެއް ނޫނެވެ. ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއިއެވެ. އަހުރެންނަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ އެކަލާނގެ އަޅަކަށްވީތީ ކިޔަމަންތެރިކަން އަދާކުރުމަށެވެ.
އަހުރެންވެސް މަރުވާނެތީއެވެ. ބަރުޒަޚުގެ ޢާލަމުގައި އެތައް ހާސް އަހަރުތަކެއް ހޭދަކުރަންޖެހޭނެތީއެވެ. އެއަށްފަހު ޤިޔާމަތްވުމުން ކައްވަޅުން ތެދުވެ މަޙްޝަރުގެ މައިދާނުގައި 50،000 އަހަރުގެ އެއްދުވަހާއި ބައްދަލުކުރަންޖެހޭނެތީއެވެ. އަހުރެންގެ ޙިސާބު ބައްލަވާނެތީއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް އަދި އަޅުކަންކޮށްފައި ނުވާނަމަ> ޚާއްޞަކޮށް ނަމާދުކޮށްފައި ނުވާނަމަ ނަރަކައަށް ވައްދަވާނެތީއެވެ.
އެއިގެ އިތުރުން ދުނިޔޭގެ ޙަޔާތުގައިވެސް އަހުރެންނަށް ކާމިޔާބުލިބުން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން