މީހަކާ ވާހަކަދައްކާނަމަ މޫނަށް ބަލައި ހިނިތުންވުމަކީ އަނެކާގެ ހިތުގައި ތިމާއާއިމެދު އިތުބާރާއި ލޯބި އިތުރުވާނެ ކަމެކެވެ. ޤަޞްދުގައި މޫނަށް ނުބަލާނަމަ އެއީ ބޮޑު މައްސަލައެކެވެ. ވީމާ މިއީ ސަމާލުކަންދޭންޖެހޭނެ ކަމަށްވާތީ މައްސަލައިގެ މައްޗަށް ބަލައިލާނަމެވެ. އިން ޝާ ﷲ
ވާހަކަ ދައްކާއިރު އެކަކު އަނެކާގެ މޫނަށް ބަލައި ހަތަރު ކަޅި ހަމަކުރުމަކީ ވާހަކަ ދެއްކުމުގެ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭ އެންމެ މުހިންމު އެއްކަންތަކެވެ. އެކަންތައް ނުކުރާނަމަ އަނެކާގެ ހިތުގައި ޝައްކުތަކާއި ސުވާލުތައްވެސް އުފެދޭނެއެވެ. ހިތްހަމައެއް ނުޖެހޭނެއެވެ.
ވީމާ ވާހަކަދައްކާއިރު ލަދުރަކިކަމުން ގިނައިން އިސްދަށަށް ޖަހައިގެން ހުންނަ މީހާވެސް ދޭތެރެއަކުން އިސް އުފުލައި ހަތަރު ކަޅި ހަމަކުރަންވާނެއެވެ.
މިބުނަނީ ވާހަކަ ދައްކާއިރު 4 ކަޅި ހަމަނުކުރަން ދިމާވާ ބައެއް ސަބަބުތަކެވެ.
- ބައްދަލުވުމުން ނުވަތަ ވާހަކަދައްކާއިރު ހަތަރުކަޅި ހަމަނުކުރާނަމަ އެކަމުން އަންގައިދޭ އެއްކަމަކީ އެމީހަކު ކޮންމެވެސް ކަމެއް ފޮރުވަން ބޭނުންވާކަމެވެ.
- ނުވަތަ ކުރެވުނު/ކުރެވިފައިވާ ކޮންމެވެސް ކަމަކާއި ގުޅިގެން ލަދުން ހުރިކަމެވެ.
- މީގެ އިތުރުން އަނެކާގެ ކިބައިން ހިތުގައި ޖެހޭ ފަދަ ކަމެއް މެދުވެރިވެފައިވާނަމަވެސް 4 ކަޅި ހަމަކުރަން ޖެހިލުންވެދާނެއެވެ.
- ލަދުރަކިކަން ހުރުން
- އަނެކާ ފޭރާން ލައިގެން ހުންނަ ގޮތުން (އަންހެނަކު ނަމަ ބުރުގާ ނާޅައި ހުރުމުން ކަރުވަޅު ފެންނާތީ އިސްއުފުލައި ބަލަން ބޭނުން ނުވުން)
- ތިމާއަށް ރީތި މީހަކަށްވުމުން ހިތުގައި ޖަޒުބާތު އުފެދުން
ވީމާ މީހަކާއި ވާހަކަދައްކާއިރު އޭނާ އިސް އުފުލައި ބަލާލައި 4 ކަޅި ހަމަނުކުރާނަމަ އެކަމުގެ ސަބަބު ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ. އަދި އެއީ ތިމާއަށް ކުރެވިފައިވާ ކަމެއްގެ ސަބަބުން ކަމަށްވާނަމަ މާފަށް އެދެންވާނެއެވެ. މުސްލިމުން އަބަދުވެސް ތިބެން ޖެހޭނީ މޫނާއި މޫނު ކުރިމަތިކޮށް ވާހަކަ ދެއްކޭނެ ޙާލަތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން