އެންމެ ކުޑަމިނުން މިކަންކަމުގައި ހިފެހެއްޓުނަސް ދާނީ އެމީހެއްގެ ދަރަޖަ އުފުލި މީސްތަކުންގެ ލޯތްބާއި އިޙްތިރާމްވެސް ލިބެމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އެންމެ ކުޑަމިނުން މިކަންކަމުގައި ހިފެހެއްޓުނަސް ދާނީ އެމީހެއްގެ ދަރަޖަ އުފުލި މީސްތަކުންގެ ލޯތްބާއި އިޙްތިރާމްވެސް ލިބެމުން!

އެންމެންވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޭނުންވެއެވެ. މީސްތަކުންގެ ލޯބިލިބެންވެސް ބޭނުންވެއެވެ. ތިމާގެ ދަރަޖަ އުފުލެންވެސް ބޭނުންވެއެވެ. ސުވާލަކީ އެކަންކަމަށް އެދިގެން ތިބާއަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ 

މިބަޔާންކުރި ކަންކަން ޙާޞިލުކުރެވި ހަރުދަނާ މީހެއްގެ ގޮތުގައި ދިރިއުޅެން ބޭނުންވާނަމަ ޢަމަލުކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެކަންކަން ކޮށްފިނަމަ އެމީހަކަށް މީސްތަކުންގެ ލޯތްބާއި ﷲ ތަޢާލާގެ ރުހިވޮޑިގަތުންވެސް ދާނީ ލިބެމުންނެވެ. އިތުރުވެސްވަމުންނެވެ އިން ޝާ ﷲ 

އެއިގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

- އެހެން މީހުންނަށް ތިމާގެ މޮޅުކަން ދައްކަން ކަންކަން ކުރަން ހަދައިގެން ދަރަނިވެރިނުވާށެވެ! 

- ޚިޔާލުތަފާތުވިޔަސް ތިމާއާއި ވަކިނުވެ ހުރުމަށް އާދޭސްކުރުން އޮތީ ހަމައެކަނި ބައިވެރިޔާއަށެވެ.

- އެހެން އެއްވެސް މީހަކަށް އާދޭސްކުރުމެއް ނެތެވެ. ވަކިވާން ބޭނުންވާނަމަ ވަކިވެގެންދިއަދޭށެވެ. 

- ތިމާއަށް ޤަބްދުގައި މަކަރު ހެދި މީހަކަށް އެފަދަ މަކަރެއް ހަދާނެ ފުރުޞަތު އިތުރަށް ނުދޭށެވެ. 

- ކިތަންމެ ގާތް މީހަކަށްވީނަމަވެސް ދަޢުވަތުނުދޭނަމަ އޭނާ ބާއްވާ ޙަފްލާތަކަށް ނުދާށެވެ. 

- ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް މާތް ﷲ އަށް އަދާކުރަންޖެހޭ ވާޖިބުތައް ވަޤުތުން ވަޤުތަށް އަދާކުރާށެވެ! 

- އަބަދުވެސް ގައިން ތާހިރުވެ އަތުގައި ހުރި އެންމެ ސާފުތާހިރު ފޭރާން ލައިގެން ހުންނާށެވެ! އަތުގައި ހުރިނަމަ ހުވަނދުވެސްލައި ގައިން މީރުވަސް ދުއްވަންވާނެއެވެ. 

- ރުޅިއައި ނަމަވެސް ބަސްމަގު ރިވެތިކުރާށެވެ! މަޑުމައިތިރިކަން އިސްކޮށް ބަސްމަގު ރިވެތިކުރުމަކީ ރުޅި އައިނަމަވެސް އަތް ކޮންޓްރޯލްކުރަން އެހީތެރިވެދޭ ކަމެކެވެ. 

- ޚަރަދުކުރުމުގައި ތިމާ ޚަރަދުކުރުން ވާޖިބު މީހުންނަށް އިސްކަންދީގެން ޚަރަދުކުރާށެވެ! އަދި ކިތަންމެ ކުޑަ މިންވަރެއް ވިޔަސް އިޝްރާފް ނުކުރާށެވެ! 

- ވަޤުތު ބޭކާރުނުކުރާށެވެ! 

- ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިކަން އިސްކުރާށެވެ!  

ތިބާގެ ދިރިއުޅުމުގައި އެންމެ ކުޑަމިނުން މިކަންކަމުގައި ހިފެހެއްޓުނަސް އެމީހެއްގެ ދަރަޖަ ދާނީ އުފުލެމުންނެވެ. މީސްތަކުންގެ ލޯތްބާއި އިޙްތިރާމްވެސް ދާނީ ލިބެމުންނެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުންވެސް ދާނީ ލިބެމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން