އަންހެކަސް ފިރިހެނަކަސް އެއްވެސް ހަނގުރާމައަށް ނުގޮސް އިސްލާމްދީނަށްޓަކާ ހަނގުރާމަކުރާ ހިތްވަރުގަދަ ފަހުލަވާނަކަށްވުމުގެ ފުރުޞަތު އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަންހެކަސް ފިރިހެނަކަސް އެއްވެސް ހަނގުރާމައަށް ނުގޮސް އިސްލާމްދީނަށްޓަކާ ހަނގުރާމަކުރާ ހިތްވަރުގަދަ ފަހުލަވާނަކަށްވުމުގެ ފުރުޞަތު އެބައޮތް!

އިންޓަރނެޓް ބޭނުން ނުކުރާ މީހަކު މިއަދު ވަރަށް މަދުވާނެއެވެ. އިންޓްރނެޓް ބޭނުންކޮށްގެން ޝައިޠޯނާއަށް ގިނަ ބައަކު އެހީތެރިވެދެމުން އަންނައިރު ޝައިޠޯނާއަށް އެހީތެރިވެދޭ މިފަދަ ޝައިޠޯނުންނާއި ދެކޮޅަށް ހަމަ އެއިންޓަރނެޓުގައި ޖިހާދުކުރާ މުސްލިމް ފަހުލަވާނުންވެސް މަދެއް ނޫނެވެ. 

ހަނގުރާމަ ކުރަން މައިދާނަށް ނުކުންނަ ކަމަށްވާނީ ހަމައެކަނި ކަނޑިއާއި ބަޑި ހިފައިގެން ނުކުތުމަކުންނޫނެވެ. ސަބަބަކީ ހަނގުރާމަ ކުރާ ގޮތާއި ހަނގުރާމައިގެ މައިދާން މިއަދު މިވަނީ ބަދަލުވެފައެވެ. މިއަދު ހަނގުރާމައިގެ މައިދާނަކީ އިންޓަރނެޓެވެ. އިންޓަރނެޓުގައި ކުރާ ޕޯސްޓްތަކެވެ. ކުރިއަށްގެންދާ ކެންޕޭނުތަކެވެ. 

އިންޓަރނެޓްގައި ކުރާ ހަނގުރާމަތަކަށް ބަލައިފިނަމަ މިއަދުވެސް ނަޞްރު ލިބެމުން އަންނަނީ މުސްލިމުންނަށެވެ. އެހެނީ އެންމެ ގިނަ ބައަކު ޤަބޫލުކުރަމުން އަންނަ ދީނަކީ އިސްލާމް ދީނެވެ. އެކަމުން އެނގެނީ މުސްލިމުންނަށް ނަޞްރު ލިބެމުން އަންނަކަމެވެ. އިންޓަރނެޓްގައި ލިޔާ އިސްލާމް ދީނާއި ދެކޮޅު ލިޔުންތަކާއި ހާމަކުރާ ޕޯސްޓްތަކުގެ ޙަޤީޤަތް އޮޅުން ފިލުވަން ކާފިރުންގެ ގިނަ ބައަކު ޝައުޤުވެރިވެއެވެ. ޙަޤީޤަތް އެނގުމުން ގިނަބައަކު އަންނަނީ އިސްލާމްވަމުންނެވެ. 

މިއަދުގެ ޒުވާނުންނަށް ބުނެލަން އޮތީ މިހަނގުރާމައިގައި ބައިވެރިވެ އިސްލާމް ދީނަށް ނަޞްރުހޯދައިދޭން މަސައްކަތްކުރާށެވެ! މާތް ﷲ ގެ ވާގިފުޅާއިއެކު އެމީހަކަށް މަތިވެރި ދަރަޖަތައް މިންވަރުކުރައްވަވާނެތެވެ. 

ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މުޖާހިދަކަށްވެވެން އޮތް މަގު ވަރަށް ފަސޭހައެވެ. ކޮންމެހެން ވަކިތަނަކަށް ދާކަށްވެސް ނުޖެހެއެވެ. އެމީހަކު ހުރިތަނެއްގައި ހުރެގެން ހަނގުރާމައިގައި ބައިވެރިވާންވީއެވެ. ފޯނުން މެސެޖްތައް ފޮނުވަންވީއެވެ. އެމީހެއްގެ ފެންވަރު ހުރިވަރަކުން ލިޔުންތަކާއި ޕޯސްޓްތައް ހާމަކުރަންވީއެވެ. 

"ތިމަން ﷲ ގެ ދީނަށް ނަޞްރުދިނުމުގެ ފުރުޞަތު އެހައި ފަށޭހަކޮށްދެއްވެވުމުން ތިބާ ކުރީ ކޮންކަމެއްތޯ؟" ޤިޔާމަތް ދުވަހު ސުވާލު ކުރައްވަވައިފިނަމަ ޖަވާބު ދެވޭނެ މީހަކަށް ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން