އެއްވެސް މީހަކީ ފާފަނުކުރެވޭނެ މީހެއް ނޫން! ގިނަކުރަންވީ ތައުބާވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެއްވެސް މީހަކީ ފާފަނުކުރެވޭނެ މީހެއް ނޫން! ގިނަކުރަންވީ ތައުބާވުން!

ތިބާގެ ޙަޔާތުގައި ކިތަންމެ ގިނަ އަދި ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ދެރަވެ މާޔޫސްނުވާށެވެ! ކަރުއެލުވައި ނުލާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! އެއިރުން މާޒީ ފުހެވިގެން ދިއައީއެވެ. އިން ޝާ ﷲ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ އީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ވީމާ އެއްވެސް މީހަކާއިމެދު ބައްލަވައިވޮޑިގަންނަވާނީ އެމީހަކަށް ކުރެވިފައިވާ ފާފަތަކަކަށް ނޫނެވެ. އެއިގެ ބަދަލުގައި ކޮންމެ މީހަކާއިމެދުވެސް ބައްލަވައިވޮޑިގަންނަވާނީ އެމީހަކު ތައުބާވިކަމާއިމެދުގައެވެ. 

އަހުރެމެންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމީހަކަށް ފާފަތަކެއް ކުރެވިފައި އޮތުމެއް ނޫނެވެ. ތައުބާ ނުވެވި ހުއްޓައި މަރު އައިސް ބައްދަލުކޮށްފާނެކަމެވެ. އެޙާލަތު ކުރިމަތިވެއްޖެނަމަ ކުރާނެ ކަމެއް ނެތެވެ. އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެޙާލަތު އެގޮތަށް މެދުވެރިކުރުވަނީ އެމީހަކު އަމއްލައަށް ކަމުގައިވާތީއެވެ. 

މުޅި ޢުމުރުގައި ފާފަކުރެވިފައިވީނަމަވެސް އެކަމަށް ކަންބޮޑުވުމެއް ނެތެވެ. ﷲ ތަޢާލާ ކުރިމަތިކުރައްވަވާނެ ސުވާލަކީ ތައުބާވިންތޯއެވެ؟ ޢަމަލުތައް އިޞްލާޙްކޮށް ތިމަން ﷲ ގެ މަގަށް އެނބުރި ރުޖޫޢަވާން މަސައްކަތްކުރިންތޯއެވެ؟ އެކަމަށް ކުރީ ކޮންކަމެއްތޯއެވެ؟ 

މިވާހަކައަކީ ތަފާތު ޢިބާރާތްތަކުން ނަމަވެސް އެންމެ ގިނައިން ހަނދާންކޮސްދެވޭ ވާހަކަތަކެވެ. އެކަން އެހެން ކުރަނީ ދައްކާނެ އިތުރު ވާހަކައެއް ނެތިގެނެއް ނޫނެވެ. މިއީ އެންމެ މުހިންމު ކަންތައް ކަމުގައިވާތީއެވެ. ކުރެވިފައިވާ ތައުބާވެ، ހެޔޮ ޢަމަލުކުރަން ނުފަށަނީސް މަރުވެއްޖެނަމަ ކުރިމަތިވާނެ ޙާލަތުގެ ނުބައިކަން ބޮޑުކަން ޤުރްއާނާއި ޙަޑީޘްފުޅުތަކުން އެނގެން އޮތުމުންނެވެ. ނަރަކައިން ސަލާމަތް ނުވެވިދާނެކަމުގެ ބިރަށްވުރެ ބޮޑު ބިރެއް ނެތުމުންނެވެ.

މިސަބަބުތަކަށްޓަކައި މިއީ އެންމެ ގިނައިން ހަނދުމަކޮށްދޭންޖެހޭ ކަންތަކެވެ. އަދި ކޮންމެ މީހަކުވެސް އެންމެ ގިނައިން ހަނދާންކުރަންވީ ކަންތައްވެސްމެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން