ޢަލީ އިޙްޞާން ފިރާޤް
ސުލައިމާނުގެފާނުގެ ޢަދުލުވެރިކަން:
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން سليمان عليه السّلام އަކީ ވަރަށް ބޮޑު ރަސްކަމެއް ދެއްވައިފައިވާ ރަސްކަލެކެވެ. އެހެންކަމުން އެކަލޭގެފާނުގެ އަރިހަށް ވަރަށް ގިނައިން ފައިޞަލާކުރަންޖެހޭ މައްސަލަތައް ހުށައެޅެއެވެ. އެކަލޭގެފާނަށް ވަނީ ޙާކިމެއްގައި ހުންނަންޖެހޭނެ ޢަދުލުވެރިކަމާއި ފުރިހަމަ ބުއްދި ލިބިވަޑައިގެންފައެވެ. سليمان عليه السّلام އެކަލޭގެފާނުގެ ބައްޕާފުޅު داود عليه السّلام ގެ ރަސްކަމުގެ ޒަމާނުގައިވެސް މައްސަލަތަކުގެ ފައިޞަލާކޮށް އުޅުއްވިއެވެ.
އެއްފަހަރަކު ހިނގި ޙާދިޘާއެކެވެ. އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. داود عليه السّلام ގެ ރަސްކަމުގެ ދުވަސްވަރުގައި ދެ އަންހެނަކު އުޅުނެވެ. އެ ދެ އަންހެނުންނަށް ދާދި އެއްފުރައިގެ ދެކުދިން ލިބިފައިވެއެވެ. އެއްދުވަހަކު ވަލުން ނިކުތް މިނިކާވަގަކު އައިސް އެތަނުން އެކަކުގެ ދަރި ޖަހައިގަނެގެން ގެންގޮސްފިއެވެ. ދެން އެތަނުން އެކަކު ބުނެފިއެވެ. [އެ މިނިކާވަގު އެގެންދިޔައީ ކަލޭގެ ދަރިއެވެ.] އަނެކަކު އޭނާ އާ ދިމާއަށް ބުންޏެވެ. [މިނިކާވަގު ގެންދިޔައީ ކަލޭގެ ދަރިއެވެ.] މިހެންކިޔައި ޒުވާބުހިނގައި މި ޒުވާބު ހޫނުވެގެން މިމައްސަލަ داود عليه السّلام ގެ ދަރުބާރަށް ހުށައެޅުމަށް ނިންމިއެވެ. داود عليه السّلام ނިންމެވީ ދިރިހުރި ކުއްޖާއަކީ ދޮށީ އަންހެން މީހާގެ ދަރިއެއްކަމުގައެވެ.
މި މައްސަލަ ނިންމެވި ގޮތާއިމެދުގައި އެދެއަންހެނުން ހިތްހަމަނުޖެހިގެން ދެން ދިޔައީ سليمان عليه السّلام ގެ އަރިހަށެވެ. އެކަލޭގެފާނު ވިދާޅުބަސްފުޅު އިއްވެވިއެވެ. [އަހަރެންގެ އަތަށް ބޮޑުވަޅިއެއް ގެނެސްދޭށެވެ. ތިމަންކަލޭގެފާނު އެކުއްޖާ ހަމަހަމައަށް ދެފަޅިއަށް ފަޅާލައި ތިޔަ ދެކަނބަލުންނަށް ދޭނަމެވެ.]
سليمان عليه السّلام، އެހެން ވިދާޅުވުމުން އެތަނުން ހަގު އަންހެން މީހާ ބުނެފިއެވެ. [މާތްﷲ ކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ. ތިޔަހެން ނަހައްދަވާށެވެ. އެދަރިއަކީ ދޮށީ އަންހެން މީހާގެ ދަރިއެކެވެ.] މިއަޑު އައްސަވައި سليمان عليه السّلام ޙުކުމް ކުރެއްވީ ދަރިފުޅު ހަގު އަންހެން މީހާއަށް ދިނުމަށެވެ. {صحيح البخاري، كتاب الفرائض، باب إِذَا ادَّعَتِ الْمَرْأَةُ ابْنًا، ޙަދީޘް ނަންބަރު 6769}
އިބްނު އަސާކިރު ރިވާކުރައްވާފައިވެއެވެ. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. داود عليه السّلام ގެ ރަސްކަމުގެ ޒަމާނުގައި ވަރަށް ރީތި އަންހެނަކު އުޅުނުވެ. އެކަމަނާގެ އަރިހުން ދައުލަތުގެ ބޮޑުންގެ ތެރެއިން މީހަކު ހީސަމާސާކޮށް ވާހަކަދައްކާލުމަށް އެދުނެވެ. ނަމަވެސް އެކަމަނާ އެކަމާ އިންކާރު ކުރިއެވެ. ހަމައެފަދައިން ދައުލަތުގެ ބޮޑުންކުރެ އެހެން ތިންމީހަކުވެސް އެކަމަނާގެ އަރިހުން އެކަމަށް އެދުނެވެ. އެތިންފަހަރުވެސް އެކަމަނާ އެކަމާ އިންކާރުކޮށް ބަރީއަވެގަތެވެ.
ދެން، ބޮޑުންގެ މީސްތަކުން އެކަމަނާ އެކަމަނާގެ ކުއްތާއާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގާކަމުގެ ދަޢުވާ داود عليه السّلام ގެ ދަރުބާރުގައި އުފުލިއެވެ. އެކަމަށްޓައި އެބައިމީހުން ދޮގުހެކިދީ ހަދައިފިއެވެ. އެބައިމީހުން ދިން ހެކިބަހުގެ މައްޗަށް ބިނާކޮށް داود عليه السّلام ނިންމެވީ އެކަމަނާ ރަޖަމު ކުރާށެވެ. ރަޖަމުކުރުމަކީ ކުދިހިލައިން ތަޅައިގެން މެރުމެވެ.
މި ޙުކުމް ކުރެވުނު ދުވަހުގެ ހަވީރުގެ ވަގުތު سليمان عليه السّلام އެކަލޭގެފާނުގެ އެއްފުރައިގެ ކުދިންތަކެއް އެއްކުރައްވައިގެން ޝަރިއްޔަތް ކުރައްވަން އިންނެވިއެވެ. އެދުވަހު داود عليه السّلام ގެ ދަރުބާރުގައި ޙުކުމްކުރެވުނު ދަޢުވާ سليمان عليه السّلام އަށް ހުށައެޅުނެވެ. އެހިނދު އެކަލޭގެފާނު އެންގެވީ ހަތަރު ކުދީން ވަކިވަކިން ބައިތިއްބުމަށެވެ. ދެން އެކަލޭގެފާނު ހަތަރު ކުދިންގެ ކައިރިއަށް ވަކިވަކިން ވަޑައިގެން އެ ކުއްތާގައި ހުރި ކުލަޔަކާއި މެދުގައި ސުވާލުކުރެއްވިއެވެ. އެ ހަތަރު ކުދިން ޖަވާބުދެއްވީ ތަފާތުކޮށެވެ. ދެން އެކަމަނާގެ މައްޗަށް ކުރެވުނީ ދޮގު ތުހުމަތެއްކަން سليمان عليه السّلام އަށް އެނގިވަޑައިގެންނެވިއެވެ.
سليمان عليه السّلام ގެ މި ޝަރީޢަތުގެ ޚަބަރު داود عليه السّلام އަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު އަލުން އެހަތަރު ބޮޑުން ގެންނަވައިގެން ވަކިވަކީން ބައިތިއްބައިގެން އެކުއްތާގެ ކުލަޔާއިމެދުގައި ސުވާލުކުރެއްވިއެވެ. ސުވާލުކުރެއްވުމުން އެކިމީހުން ޖަވާބު އެރުވީ އެކިގޮތަށެވެ. ދެން داود عليه السّلام އަށް އެބައިމީހުންގެ އެކަމަނާއަށް ކުރި ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިވަޑައިގެންނެވިއެވެ. މިފަހަރު އެކަލޭގެފާނު ޙުކުމްކުރެއްވީ ތުހުމަތު ކުރި ހަތަރު މީހުން ޤަތުލުކޮށް، އެކަމަނާ ދޫކޮށްލުމަށެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، އަންބިޔާއު ސޫރަތުގެ 79 ވަނަ އާޔަތުގެ ތަފްސީރު}