ޢާއިޝަތު ރަފާޙް ޢަލީ
މިއީ ހަނދުމަކޮށްދިނުމެކެވެ. ޒުވާނުންގެ ތެރެއިން ގިނަ ބައަކު އެމީހުންގެ ޢުމުރުގެ ބޮޑުބައި އެމީހުންނަށް ގެއްލުންހުރިގޮތުގައި ނަގާލަމުން ގެންދާތީއެވެ. ހޭލުންތެރިވެ ޒުވާން ޢުމުރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ހަނދުމަކޮށްދިނުމަށެވެ. ގިނަގިނައިން ހަނދުމަކޮށްދިނުމަކީ މީސްތަކުންނަށް ހެޔޮ ބަދަލު އަންނަ ސަބަބަކަށްވާތީއެވެ.
ޒުވާންކަމުގެ ނިޢުމަތަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. އަދި ވަރަށް ގިނަ މީހުން ޣާފިލުވެފައިވާ ނިޢުމަތެކެވެ. ނަމަވެސް ﷲ ތަޢާލާ ޒުވާން ޢުމުރުގައި ރަނގަޅު ހެޔޮ ޢަމަލު ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.
އެހެންކަމުން މިލިޔުމުގައި މިބަލާލަނީ ޒުވާން ޢުމުރު ރަނގަޅު ގޮތުގައި ހޭދަކުރުމަށް ބާރުއަޅުއްވާފައިވާ ޙަދީޘެއްގެ މައްޗަށެވެ. ހުރިހާ މުސްލިމުންނަށްވެސް މިޙަދީޘްފުޅު އެނގޭނެއެވެ. އެކަމަކު ޢަމަލުކުރަނީ މަދުބައެކެވެ.
عن معاذ بن جبل رضي الله عنه، قال رسول ﷺ: " لا تزول قدما عبد يوم القيامة، حتى يسأل عن أربع: عن عمره فيما أفناه، وعن جسده فيما أبلاه، وعن -ماله من أين اكتسبه، وفيما وضعه، وعن علمه ماذا عمل فيه "
މުޢާޒް ބިން ޖަބަލް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ. ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ކުރެވުމަށްފަހު މެނުވީ، ޤިޔާމަތްދުވަހު އަޅާގެފައި ހަރަކާތްނުކުރެވޭ ހުއްޓެވެ. އޭނާގެ ޢުމުރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާގެ ޒުވާންދުވަސްވަރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ މުދާ ހޯދި ގޮތާއި، ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ ޢިލްމަށް ޢަމަލުކުރި ގޮތާ ބެހޭގޮތުންނެވެ.“
މި ޙަދީޘުން ލިބޭ ފައިދާތައް:
· ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ ގޮތަށް ދިރިއުޅުން ބައްޓަން ކުރުން
· އިންސާނުންނަށް ފައިދާކުރަނިވި ރަނގަޅު ތަޢުލީމެއް ޙާޞިލު ކޮށް، ﷲ ތަޢާލާއަށް އިޚްލާސްތެރިވެ އެޢިލްމަށް ޢަމަލުކޮށް އެހެން މީހުންނަށް އެޢިލްމު ފޯރުކޮށްދިނުން
· ﷲ ތަޢާލާ އިންސާނުންނަށް ދެއްވާ ނިޢުމަތްތައް ގިނަގުނަކަން ، އަދި އެކަމަށް ޝުކުރުވެރިވާން ވާނެކަން
· ﷲ ތަޢާލާއަށް ނުކިޔަމަންވުމުން އިންސާނާގެ ހަށިގަނޑު ރައްކާތެރިކުރުމާއި، ﷲ ތަޢާލާއަށް ކިޔަމަންވުމަށް އިންސާނާގެ ހަށިގަނޑު ހޭނުވުން
· މުއުމިނު އަޅާ އޭނާއަށް ލިބޭ ނިޢުމަތްތަކުގެ ބޭނުން ހިފާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށްކަން
· ޤިޔާމަތް ދުވަހަށް ތައްޔާރުވުން
· މުދާ ޙަރާމް ގޮތުގައި ހޭދަނުކުރުމަށް އަންގަވާފައިވޭ
· ޒުވާން ޢުމުރަކީ ވަރަށް ބޮޑު ނިޢުމަތެއްކަން އަދި އެކަމަށް ސުވާލުވެވޭނެކަން