ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! ތަނަވަސްކަމުގައި އުޅޭ މީހުންގެ ވާހަކަދެއްކުމުގެ ކުރިން އޮތީ ތަނަވަސްކަން ހޯދަން ތިމާވެސް މަސައްކަތްކުރުމެވެ. އުފަލުގައި ދިރިއުޅޭ ދެމަފިރިންގެ ވާހަކަ ދެއްކުމުގެ ކުރިން އޮތީ ތިމާވެސް އުފަލުގައި އުޅެން މަސައްކަތްކުރުމެވެ. ނޫންނަމަ އެކަންކަމުގެ ވާހަކަ ދެއްކުމަކުން ކުރާނެ ފައިދާއެއް ނެތެވެ.
ހަމަ އެގޮތަށް ސުވަރުގެއިން ލިބެން ހުންނާނެ ނިޢުމަތްތަކުގެ ވާހަކަ ދެއްކުމުގެ ކުރިން ދައްކަން ޖެހޭނީ ސުވަރުގެ ދިއުމުގެ ވާހަކައެވެ. އެހެނީ ސުވަރުގެއިން އެއްވެސް ނިޢުމަތެއް ލިބޭނީ ސުވަރުގެ ވަދެވިގެންނެވެ.
ސުވަރުގެ ދިއުމަކީ ހަމައެކަނި ސުވަރުގެ ދިއުމުގެ ވާހަކަ ދައްކައިގެން ޙާޞިލްކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގެ ދެވޭނީ އެކަން ހާމަކޮށް އަމަލުކޮށްގެންނެވެ. ދުލާއި ހަށިގަނޑުގެ އެހެން ގުނަވަންތަކުންވެސް ސުވަރުގެ ދާން މަސައްކަތް ކުރުމުންނެވެ.
މިސާލަކަށް އަތުން މަސައްކަތްކުރަނީ އެވެ. އެ މަސައްކަތް ކުރަމުން ކޮންމެވެސް ހެޔޮ އެއްޗެއް ދުލުން ނުކިޔަވަންވީ ކީއްވެގެން ހެއްޔެވެ؟ ޞަޙާބީން ސުވަރުގެ ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވެވީވެސް ހަމައެފަދައިންނެވެ. އަހަރެމެންނަށް ވެސް އޮތީ ހަމައެމަގުން ކުރިއަށް ދިއުމެވެ.
ސުވަރުގޭގެ ނިޢްމަތްތަކާއި ނަރަކައިގެ ޢަޛާބް ސިފަ ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގެ ސިފަކުރަން ބޭނުންނަމަ ދުނިޔޭގައި ހުރި އެންމެ ފުރިހަމަ ބިނާތައް ހިތަށް ގެންނާށެވެ! އެއަށްފަހު އެބިނާތަކަށްވުރެ 1000 ދަރަޖަ މަތިން ސުވަރުގޭގެ އެންމެ ދަށު ދަރަޖަ ވިސްނާށެވެ!
އެންމެ މަތީ ދަރަޖަތައް ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ސުވަރުގޭގެ މަތީ ދަރަޖަތައް ހަމައެކަނި ލޮލަށް ފެނުނު ނަމަވެސް އެމީހާގެ ކަޅި ހުއްޓޭނެއެވެ. އަންތަރީސްވެފައި އެތައް އަހަރެއް ވަންދެން ހުރެވޭނެއެވެ.
ދެން އޮތީ ނަރަކައިގެ ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކައެވެ. ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތް މިންވަރަކަށް ނޫނީ ހަމަ އެއްވެސް ކަމެއް ނުއެނގޭނެއެވެ. ކޮންމެއަކަސް އެންމެ މުހިންމު ކަމަކީ ސުވަރުގެ ވަނުމަށް ޝައުޤުވެރިވުމާއި ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ބިރުގަތުމެވެ.
ތާއަބަދު ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ތިބެން މިޖެހެނީ ހަމަ މި ސަބަބަށްޓަކައެވެ. ސުވަރުގެ ވަނުމުގެ ޝައުޤުވެރިކަން އަމިއްލަ ހިތުގައި އުފެއްދުމާއި ނަރަކައަށް ބިރުވެތިކަން އުފއްދުމެވެ.
ބައެއް މީހުން ސުވަރުގެ ސިފަކުރަން ބޭނުންވެގެން އެކަމަށް އެދެއެވެ. ސުވަރުގެ ހުންނާނެ ގޮތް އެނގެން އޮތީ ހަމައެކަނި ކީރިތި ޤްރުއާނާއި ޙަދީޘްފުޅުންނެވެ. އިތުރަށް މީހަކަށް ބުނެދެވޭނެ އެއްވެސް ކަމެއް ނެތެވެ. ސުވަރުގެ އުފެއްދެވި ﷲ ތަޢާލާ އެވަނީ ކީރިތި ޤްރުއާނުގައި އެކަންކަން ވަރަށް ތަފްޞީލްކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. ހަމައެކަނި އައްރަހްމާން ސޫރަތަށް ބަލައިލި ނަމަވެސް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.
ދެން ބަލައިލަންވީ ރަސޫލް (ﷺ) އަށެވެ. ދުނިޔެއަށް ﷲ ތަޢާލާ އުފަން ކުރެއްވެވި އެންމެހައި މީސްތަކުންގެ ތެރެއިން ސުވަރުގޭގެ އެންމެހައި ނިޢްމަތްތައް އަމިއްލަ ލޯފުޅަށް ފެނިވަޑައިގަތުމުގެ ނަޞީބު ލިބިވަޑައިގަތުމަށްފަހު އަލުން އެނބުރި ދުނިޔެއަށް ވަޑައިގެން މީސްތަކުންނަށް އެވާހަކަތައް ބަޔާންކޮށްދެއްވެވުމުގެ ފުރުޞަތު ނުވަތަ ނަޞީބު ލިބިވަޑައިގަތީ ހަމައެކަނި ރަސޫލް (ﷺ)އަށެވެ. ރަސޫލް (ﷺ) ވަނީ ފެނިވަޑައިގެންނެވި ކަންކަމުގެ ތެރެއިން ގިނަ ކަންތައްތަކެއް ބަޔާންކޮށް ދެއްވަވައިފައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން