ކައިވެންޏަށްފަހު ލޯބި ދިރުވައި ދަމަހައްޓަން ކުރެވިދާނެ ކަންކަމާއިބެހޭގޮތުން ސުވާލުކުރައްވާ ކިޔުންތެރިންނަށް މިގެނެސްދެނީ 50 އަހަރުގެ ތަޖުރިބާ އާއިއެކު ބުނެފައިވާ ބަސްކޮޅެކެވެ.
ކޮންމެ ދެމަފިރިއަކީވެސް ތަފާތު ދެމީހެކެވެ. އެހެންކަމުން ދެމަފިރިންގެ ބޭނުންތަކަކީ ތަފާތު ބޭނުންތަކެކެވެ. ވަރަށް މަދުން ނޫނީ ދެމީހުންގެ ބޭނުންތައް އެއްގޮތް ދެމަފިރިން މަދުވާނެއެވެ. އެކަންކަން އެނގެން ފަށާނީވެސް ޢާންމު ގޮތެއްގައި ކައިވެންޏަށްފަހުގައެވެ. އެހެންކަމުން އެ ހިސާބުން މަސައްކަތްކުރަން ޖެހޭނީ ދެމީހުންގެ ބޭނުންތައް އެއްގޮތްކުރާށެވެ. އެކަކު އަނެކެއްގެ ބޭނުންތަކަށް އިޙްތިރާމްކުރާށެވެ.
ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގައި ދަމަހައްޓަން ކުރެވިދާނެ 5 ކަމެއް ފާހަގަކޮށްލާނަމެވެ.
އެގޮތުން ފުރަތަމަ ކަމަކީ ކޮންމެ މީހަކުވެސް ކުރާ ހިތުން ކުރާ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަމަސް ހޮބީއެވެ ވެސް ކިޔައިފާނެއެވެ. ދެމީޙުންގެ ހޮބީ ތަފާތުވެދާނެއެވެ. ނަމަވެސް އިހްތިރާމްކުރާށެވެ. އެކަކު ޝައުޤްވެރިވާ ކަންކަމަށް އަނެކަކު ވެސް އެއްބާރުލުން ދޭށެވެ. އެކަމުގެ ފައިދާ ފެންނާނެއެވެ. އެފަދައިން އެއްބާރުލުން ދޭނަމަ ދެމީހުން އެކުގައި ހޭދަކުރާ ވަގުތު އިތުރުވާނެއެވެ. ނޫން ނަމަ ޚާއްޞަކޮށް ފިރިހެނުން އެމީހުންގެ ހޮބީއަށް ތާއީދުކުރާ ބައެއްގެ ގާތަށް ގޮސް ވަގުތު ހޭދަކުރުން އިތުރުވާނެއެވެ.
ދެވަނަ ކަމަކީ ރޭކުރުމެވެ. ރޭކުރުމަކީ ކޮންމެ މީހަކު ބޭނުންވި ނަމަވެސް ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އެކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ކުރިއަށް ރޭތައް ތާވަލުކޮށްގެން ކުރުމެވެ. ތާވަލުކޮށްގެން ކުރާނަމަ ދެމަފިރިންނަށްވެސް ތިބެވޭނީ އެރެއަށް އިންތިޒާރުކޮށްގެންނެވެ. އިންތިޒާރުކުރަން ޖެހުމަކީ ލޯބި އިތުރުވާ ކަމެކެވެ. އަދި އެކަމުން ލިބޭ ފޮނިމީރުކަންވެސް އިތުރުވާ ކަމެކެވެ.
ތިންވަނަކަމަކީ އެކަކު އަނެކަކަށް ކޮށް ނުދެވި ހުންނަ ކަންކަމުގެ ލިސްޓް ހަދައިގެން އެކެއް އަނެކެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި އެކަކު އަނެކަކަށް ކޮށްދެވިފައި ހުރި ކަންކަމުގެ އަގު ވަޒަންކުރުމެވެ. ކޮންމެ ކަމެއް ކޮށްދިނުމުން ވެސް އެކަކު އަނެކަކަށް ޝުކުރު އަދާކުރާށެވެ. އެކަކު އަނެކަކަށް ތައްރީފްކުރުން އެއްގޮތަކަށްވެސް ހުއްޓާލައިގެން ނުވާނެއެވެ.
ހަތަރުވަނަކަމަކީ ގޭތެރޭގެ މަސައްކަތް ކުރުމުގައި ދެމީހުންގެ ހިއްޞާ އެއްވަރުކުރުމެވެ. ދެމީހުންނަކީ މަސައްކަތުދާ ދެމީހުންކަމަށްވާނަމަ ވަރުބަލިވާނީ ވަކި މީހެއް ނޫނެވެ. ދެމީހުންވެސް ވަރުބަލިވާނެއެވެ. ވީމާ މަސައްކަތުން އެނބުރި ގެއަށް އައިސް ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުމަކީ އެކަކު ކުރަންޖެހޭ ކަމަކަށް ނުހަދާށެވެ. މިސާލަކަށް އެކަކު ކައްކާނަމަ އަނެކަކަށް ގޭތެރެ ސާފުކުރެވިދާނެއެވެ. އެނދު ތަންމަތިވެސް އެޅިދާނެއެވެ. އެނދުގައި ނިދަނީ ދެމީހުން ނޫން ހެއްޔެވެ؟ ވީމާ އެއީ ވަކި މީހަކު ކުރަންޖެހޭ ކަމަކަށް ނުހަދާށެވެ!
ހަމަ އެއާއިއެކު ފިރިމީހާ އެކަނި މަސައްކަތު ދާ ފިރިން ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އޮފީހުގައި ނުަވަތަ އެހެން ތަނެއްގައި ނަމަވެސް ފިރިމީހާ މަސައްކަތްކުރިއިރު އަނބިމީހާ އަތް އުރާލައިގެން ނިދަން އޮތީ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އަނބިމީހާ ގޭގައި ހުރެގެން ކުރި މަސައްކަތް މާބުރަ ކަމަށް ޤަބޫލުކުރަންވާނެއެވެ. ދަރިންގެ ކަންކަން ބެލެހެއްޓުމަސްވުރެ ބުރަ މަސައްކަތެއް ނެތްކަން ޤަބޫލުކުރަންވާނެއެވެ. ވީމާ ގެއަށް އާދެވުމުން، ވަރުބަލި ފިލުވައިލުމަށްފަހުގައި ގޭތެރޭގެ ކަންކަމަށް އެހީތެރިވެދޭންވާނެއެވެ.
ފަސްވަނަ ކަމަކީ ހުސްވަގުތު ލިބޭނަމަ ގޭގައި ތިބެގެން ދެމީހުން ކޮންމެވެސް ކުޅިވަރެއް ކުޅެންވާނެއެވެ. މޮޅުވާ މީހާއަށް އިނާމުވެސް ދޭށެވެ. ނަމަވެސް ފޯނުން ނޫނީ ކޮމްޕިޔުޓަރުން ކުޅޭ ކުޅިވަރެއް ކުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެއިރުން ބަލާނީ ފޯނުގެ ނުވަތަ ކޮމްޕިޔުޓަރުގެ ސްކްރީނަށެވެ. ދެމީހުން އިސް އުފުލައި އެކަކު އަނެކެއްގެ މޫނަށް ގިނައިން ބަލަން ފުރުޞަތު ލިބޭ ކުޅިވަރެއް ކުޅޭށެވެ. ފައިދާ ފެންނާނީ އެއިރުންނެވެ.
ދެން އޮތީ އަންހެނުންނަށް ޚާއްޞަ ކަމެކެވެ. އެއީ ފިރިމީހާ ގެއަށް އަންނަ އިރު އަބަދުވެސް ތާޒާވެލައިގެން ހުރުމެވެ. ސާފުތާހިރު ފޭރާމެއްގައި ހުރުމެވެ. ގައިން މީރުވަސް ދުވާނެ ގޮތަށް ސެންޓުކޮޅެއް ގައަށް ބުރުއްސާލައިގެން ހުރުމެވެ.
މިވާހަކަތައް އަހަރެން ހިއްސާ މިކުރަނީ އަހަރެމެން ދެމަފިރިންގެ ކައިވެންޏަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. ފާއިތުވި 50 އަހަރު އަހަރެމެން ދެމަފިރިންގެ ހަޔާތުގައި ކުރި މަތިވި މައްސަލަތަކާއި ޙައްލު ހޯދުނު ގޮތަށް ބަލައިގެންނެވެ. މީގެ އިތުރުން ކައިވެންޏަށް ދެގޮތެއް ނުވެ އުފަލުގައި ހަޔާތް ހޭދަކުރާތާ 40 އަހަރުވެފައިވާ 50 ދެމަފިރިންގެ ތަޖުރިބާ ވެސް ހިމަނާފައިވާނެއެވެ. އެ އެންމެންނަކީވެސް ފްރެންޑްސް ކްލަބުގެ މެންބަރުންނެވެ. ކޮންމެ ހަފްތާއަކު 2، 3 ފަހަރު ބައްދަލުވެ ވާހަކަ ދައްކައި މައުލޫމާތު ބަދަލުކުރެވޭ މީހުންނެވެ. އެހެންކަމުން އެމީހުންގެ ތަޖުރިބާތަކަށް ފުރިހަމައަށް އިތުބާރުކުރެވެއެވެ.
--ޑރ. ޢާމިލާ ރިޒްނީ