ކަންބޯދުވާ ކަންކަން އަބަދުވެސް ކުރިމަތިވާނެއެވެ. އަހުރެމެން އުޅެންވީ އެކަން ޤަބޫލުކޮށްގެންނެވެ. މިހެން ބުނި ނަމަވެސް ކަންކަން ކުރިމަތިވުމުން އެކަންކަމަށް ވިސްނެންވެސް ވިސްނޭނެއެވެ. ވީމާ ސަމާލުކަންދީގެން އަޑުއަހާށެވެ!
އަޚުންނާއި އުޚުތުންނޭވެ! ހާސްވީހެއްޔެވެ؟ ކަންބޮޑުވީހެއްޔެވެ؟ ހަތަރު އުދަރެސްފެނު ޖެހޭވަރުގެ ކަމެއް ކުރިމަތިވީ ހެއްޔެވެ؟ ކޮޓަރިއެއް ފަދަ ތަނެއްގައި ތަޅުލެވިގެން ހުންނަން ޖެހޭ ވަރުގެ ކަމެއް މެދުވެރިވީ ހެއްޔެވެ؟ ނޫނީ މީހަކު ތިބާ ތަނެއްގައި ތަޅުލައި ބަންދުކުރީހެއްޔެވެ؟ އެތަނަކުން އަމިއްލައަށް ނުކުތުމުގެ ބާރު ހުސްވީ ހެއްޔެވެ؟
ހަމަ އެއްގޮތަކަށްވެސް ކަންބޮޑުނުވާށެވެ! ތިބާގެ ހަށިގަނޑުގައި ފަށަކާއި ފަށެއް ޖައްސައި ވަލެއް އޮޅާލާފައި އޮތް ނަމަވެސް ކަންބޮޑުނުވާށެވެ! ބޭރު ދޮރު ބޮޑު އެލުވާތަޅަކުން ތަޅުލާފައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ! ޖުމުލަ ގޮތެއްގައި މިބުނަނީ ބޮޑެތި މުޞީބާތްތަކުން ފުރިބާރުވެފައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ!
ކަންކަން ނުވެގެން މިއުޅެނީ އަހަރެމެންނަށެވެ. ބައެއް ފަހަރަށް ވަރަށް ކުދިކުދި ކަންކަންވެސް ނުވެގެން އުޅެން އެބަޖެހެއެވެ. އެއީ އަހަރެމެންގެ ކިބައިގައި އެއްވެސް ބާރެއް ނެތުމުންނެވެ. އެހެންނަމަވެސް ކިތަންމެ ބޮޑުކަމެއް ނަމަވެސް އެކަމަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމަ ޙާޞިލުނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ނުވެސް އޮންނާނެއެވެ.
ޔަޤީންކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ތަޅުދަނޑި ނެތް ތަޅެއް ނުއޮންނާނެއެވެ. މާނައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙައްލު ނެތް އެއްވެސް މައްސަލައެއް ނުއޮންނާނެ ކަމެވެ. އެކަމެއް ހައްލުކޮށް ދެއްވެވުމަށް މިންވަރުފުޅު ކުރައްވަވާއިރަށް ކޮންމެ ކަމެއްވެސް އޮންނާނީ ޙައްލުވެފައެވެ. އެކަމަކީ މުޅި ކައުނު ފުރޭވަރުގެ ބޮޑު މައްސަލައެއް ނަމަވެސް މެއެވެ.
ﷲ ތަޢާލާ އަބަދުވެސް ވޮޑިގެންވަނީ އެންމެ އިންސާނުންގެ ހުރިހާ ކަންކަމެއް ބައްލަވައި ވޮޑިގަތުމުގައެވެ. މީސްތަކުންނަށް މެދުވެރިވާ އެންމެހައިކަންކަން މީސްތަކުންނަށްވުރެ މާބޮޑަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަންކަން މެދުވެރިވާނެކަމާއި މެދުވެރިވުމަށްފަހު ކަންކަން ހިނގާނެ ގޮތް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
މީސްތަކުންނަށް ކުރަން ޖެހޭ ކަމަކީ ކުރިން މި ބަޔާންކުރި ޙާލަތު މެދުވެރިވެދާނެ ކަމަށް އަބަދުވެސް ތައްޔާރަށް ތިބުމެވެ. އަބަދުވެސް ތައްޔާރަށް ތިބުމަކީ ކޮންމެ ވަގުތަކުވެސް މުޞީބާތެއް ކުރިމަތިވެދާނެ ކަމަށް ބަލައި އަމަލުތައް ސީދާކޮށްގެން ތިބުމެވެ. ކަމެއް ދިމާވުމުން އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާއަށް ދެންނެވޭނެ ގޮތަށް ﷲ ތަޢާލާ އާއި ކުއްތަންވެގެން ތިބުމެވެ.
މިބުނިފަދައިން އަބަދުވެސް ތައްޔާއަށް ހުންނަ މީހާ ބައަކު އެމީހާ ތަނަކަށް ވައްދައި ބޮޑުތަޅުން ތަޅުލި ނަމަވެސް އެމީހާ އެދި ދުޢާކުރުމުން އެމީހަކު އެކަމުން ސަލާމަތްކޮށްދެއްވަވާނެތެވެ. ބޭނުންވަނީ މަހުގެ ބަނޑުގައި އިންނެވި އިރު ޔޫނުސްގެފާނު ދެއްކެވި ސާބިތުކަމެވެ. ޔޫސުފްގެފާނު ޖަލުގައި ހުންނެވިއިރު ދެއްކެވި ސާބިތުކަމެވެ. އިބްރާހީމްގެފާނު އަލިފާން ގަނޑަށް އެއްލައިލިއިރު ދެއްކެވި ސާބިތުކަމެވެ.
މާނައަކީ ﷲ ތަޢާލާއަށް ވަކީލުކުރުމާއި ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ. އެމީހާ ﷲ ތަޢާލާއަށް ކުރަން ޖެހޭ ކަންކަން ފުރިހަމައަށް ކުރަމުން ގެންދިއުމެވެ. އެފަދަ މީހާއަށް ﷲ ތަޢާލާ އަބަދުވެސް މަގު ދައްކަވާނެތެވެ. އެދޭ ކަންކަން ފަހިކޮށްދެއްވަވާނެތެވެ.
ވީމާ ކުރިމަތިވާ ހުރަސްތައް ގިރާކުރަން ބޭނުންވުމުން ދުވަންވީ މީހުންގެ ފަހަތަކުން ނޫނެވެ! ވާގި އެދެންވީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ތައުބާވާންވީއެވެ! ހެޔޮ އަމަލުތައްކޮށް ޛިކްރްކުރުން ގިނަކުރަންވީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަންވީއެވެ. އެއިރުން ޙާޞިލު ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން