ކޮންމެ ހަފްތާއަކުވެސް ހުކުރު ދުވަސް ބައްދަލުކުރެއެވެ. އެއީ ހަފްތާގައި އަންނަ އެންމެ މަތިވެރިކަން ބޮޑު ދުވަހެވެ. އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހޭ އެއްކަމަކީ އެހެން މީހަކަށް އެހީތެރިވެދިނުމެވެ. ކޮންމެވެސް މިންވަރެއް ޞަދަޤާތްކުރުމެވެ. ޞަދަޤާތްކުރަން ވަކި ޢަދަދެއް ނެތެވެ. ވަކިލާރިއަކުންވެސް ކުރަންވީއެވެ.
މިޘާލަކަށް މިލިއަނަރަކަށް 1 މިލިއަން ޑޮލަރު ޞަދަޤާތްކުރުމަކީ އެއްވެސް ބުރަކަމަކަށް ނުވެދާނެއެވެ. ނަމަވެސް އަސާސީ ބޭނުންތައްވެސް ނުފުދި ހުންނަ މީހަކަށް އެންމެ ޑޮލަރެއްވެސް ޞަދަޤާތްކުރުން ވާނީ ވަރަށް ބޮޑު ކަމަކަށެވެ. އެހާލަތުގައި އެ ނިކަމެތި މީހާ ޞަދަޤާތްކުރާ އެންމެ ޑޮލަރުގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި އެތައް މިލިއަން ޑޮލަރަކަށް އުފުލިގެން ހިނގައިދާނެއެވެ.
މީހަކަށް އެހީތެރިވުމުގެ މާނަ އޮޅުވައިނުލާށެވެ! އެހީތެރިވުމަކީ ހަމައެކަނި ބޮޑެތި ކަންކަމުގައި އެހީތެރިވެދިނުން ކަމަށް ބަލައި ކުދިކުދި ކަންކަމުގައި އެހީތެރިނުވެ ދޫކޮށްނުލާށެވެ! އެންމެ ފައިސާފޮތްޗަކުންނަމަވެސް ޞަދަޤާތްކުރާށެވެ! އެކަން ބަދަލުކުރަން އެބަ ޖެހެއެވެ. އަހަރެމެންގެ ދިރިއުޅުން ފުރިހަމަވާނީ އެއިރުންނެވެ. އާޚިރަތް ލިބޭނީ އެއިރުންނެވެ.
މަގުމަތިން ކާރުގައި ދަމުން ހިނގާފައިދާ މީހަކަށް އެމީހާގެ ދަތުރަށް އިތުރު ވަގުތު ހޭދަކުރަން ނުޖެހޭ ގޮތަށް ނަމަވެސް މަގުކުރުކޮށްލައި ދިނުމަކީވެށް މީހަކަށް އެހީތެރިވުމެވެ. މިސްކިތުން ފައިބާއިރު މީހެއްގެ ފައިވާން ދުރުގައި ހުރިނަމަ ކައިރިކޮށްލައި ދިނުމަކީވެސް މީހަކަށް އެހީތެރިވުމެވެ. މާނައަކީ މީހަކަށް އެހީތެރިވެދެވެން އޮތް ކޮންމެ ކަމަކުންވެސް އެހީތެރިކަން ފޯރުކޮށްދޭށެވެ!
ބޮޑު ކަމެއް ކޮށްދެވެން ނެތް ނަމަ ކިތަންމެ ކުޑަ ކަމަކުން ނަމަވެސް އެހީތެރިވެދޭށެވެ! މިސާލަކަށް ގެއެއްގެ އެއް ފްލޯއެއްގައި ދިރިއުޅޭ ދެ މީހުންނެވެ. ލިފްޓުން މައްޗަށް އަރަނީއެވެ. އެކެއްގެ އަތުގައި ބައިވެރި އެއްޗެތި ހުއްޓެވެ. ހުރީ ވަރަށް ބަރުވެފައެވެ. އެހާލަތުގައި އެއިން އެންމެ އެއްޗެއް އުފުލާލައި ދިނުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.
އެކަން އެމީހަކަށް ގެއްލިގެނެއް ނުދާނެއެވެ. އެމީހަކު މީހަކަށް އެހީތެރިކަން ފޯރުކޮށްދިން ވަރުގެ އެތައް ގުނައެއް އިތުރަށް ﷲ ތަޢާލާ އެމީހަކަށް އެހީތެރިވެވޮޑިގަންނަވާނެތެވެ. ވީއިރު ކުރަންވީ އެކަމެއް ނޫން ހެއްޔެވެ؟ އަހަރެމެން އެއްވެސް މީހަކީ ކޮން ބާރެއް ހުރި މީހެއް ހެއްޔެވެ؟ ކޮންމެ ކަމަކަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ބޭނުންވާ ބައެއް ނޫން ހެއްޔެވެ؟
ﷲ ތަޢާލާގެ އެހީތެރިވަންތަކަން ބޭނުން ހެއްޔެވެ؟ ދެއްވަވާ ނިޢްމަތްތައް އިތުރުކުރަން ބޭނުން ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ އަވަހަށް އެހެން މީހަކަށް އެހީތެރިވެދޭށެވެ! އެހެން މީހުންނަށް އެހީތެރިވެދޭނަމަ އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގެންދެއްވަވާނެތެވެ.
ހަމައެކަނި އެހީތެރިވެވޮޑިގަންނަވަނީއެއް ވެސް ނޫނެވެ. އެމީހާ މީހަކަށް އެހީތެރިވި ވަރަށްވުރެ މާ ބޮޑަށް ﷲ ތަޢާލާ އެމީހަކަށް އެހީތެރިވެވޮޑިގަންނަވާނެތެވެ. ﷲ ތަޢާލާ މީސްތަކުންނަށް ރަޙްމަތް ލައްވަވަނީ އެއްވެސް އިމެއް ނެތިއެވެ. މިނެއް ނެތިއެވެ. އެމީހަކަށް ހޯދަން ކެރުނު ވަރަކަށެވެ. ހޯދަން އެމީހަކު މަސައްކަތްކުރި ވަރަކުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން