ރުޅި ކޮންޓްރޯލް ނުކުރެވޭ މީހުންވެސް އެހެން މީހުންނަށް ނަޞީޙަތްތެރިވާނީ ރުޅި ކޮންޓްރޯލްކުރުމަށެވެ. އެކަމުން އެނގެނީ އެމީހުންނަކީވެސް ރުޅިއައިސް އަތުނަފައިން ގޯސަހަދަން ބޭނުންވާ ބައަކު ނޫންކަމެވެ. އެކަމުން ލިބޭނީ ގެއްލުންކަން ޤަބޫލުކުރާ ކަމެވެ.
ރުޅި ކޮންޓްރޯލް ނުކުރެވުމަކީ ކޮންމެ މީހަކަށް ނަމަވެސް ކުރިމަތިވާނެ އެންމެ ބޮޑު އެއް މައްސަލައެވެ. ރުޅި އަންނަ ވަޤުތު އަތުން، ފައިން ބޮޑެތި ގޯސްތައް ހެދި ނުބައި ބަސްތައް ބުނެވޭ މީހުން ވަރަށް ގިނައެވެ.
އެހެންކަމުން މިބުނެދެނީ ރުޅި ކޮންޓްރޯލްކުރަން ކުރެވިދާނެ ކަމެކެވެ.
ރުޅި އައުމުގެ ބައި ވަނީ ސިކުނޑީގެ ބައިތަކުގް ތެރެއިން ނިތްކުރިއާއި އެންމެ ކައިރި ބައިގައެވެ. ރުޅި އައުމުން ނުވަތަ ރުޅި އަންނަންޖެހޭނެ ފަދަ ކަމެއް ކުރިމަތިވުމުން އެއްވެސް ކަމެއް ނުކޮށް އެންމެ 10 ވަރަކަށް ސިކުންތު މަޑުކޮށްލާށެވެ. އެއިރުން ސިކުނޑިއަށް ލުއިކަން ލިބޭނެއެވެ. 10 ވަރަކަށް ސިކުންތު މަޑުކޮށްލުމަށްފަހު ފުންކޮށް 2،3 ފަހަރު ނޭވާލާށެވެ. ހަމަޖެހުން ލިބޭނެއެވެ. އިން ޝާ ﷲ
މީގެ އިތުރުން ރުޅި އަންނަ ވަޤުތު އެއްވެސް ކަމެއް ނުކޮށް ހިނގާލުން، ހާމަ ތަނަކަށް ނުކުމެ ޖައްވަށް، ނުވަތަ ވަށައިގެންވާ މަންޒަރުތަކަށް ބަލައިލުމަކީވެސް ރުޅި ކޮންޓްރޯލްކުރެވޭ ކަންކަމެވެ. ދީނުގައި އޮތީ ވުޟޫކުރުމާއި، އިށީނުމާއި އޮށޯވެލުން ފަދަ ކަންކަން ކުރުމުން ވެސް ރުޅި މަޑުކުރެވޭނެ ކަމަށެވެ.
ބައެއް މީހުން ރުޅިއަންނަ ވަޤުތު ތިމާ ކޮށްގެން ނުވާނެ ކަންކަން ކުރުމަށްފަހު ތިމާއަކީ ލޭމައްޗަށް ދިއުމުގެ ބަލި ހުންނަ މީހެއްކަމަށްބުނެ އެކަން ނިންމައިލައެވެ. ނަމަވެސް އެއީވެސް އެކަން އޮތްގޮތެއް ނޫނެވެ. ލޭމައްޗަށްދާނަމަ ރުޅި އައުން ފަސޭހަވެ އަވަސްވާނެއެވެ. ވީމާ ބަލީގައި އުޅޭނަމަ ހުންނަންވާނީ އެކަމަށް ވިސްނައިގެންނެވެ.
އަހުރެންގެ ތަޖުރިބާއިންވެސް ކަމެއް ބުނެލާނަމެވެ. ރުޅި އަންނަ ވަޤުތު ވުޟޫކުރަން އުނދަގޫނަމަ ނިކަން މޫނުގައި އެކަނި ނަމަވެސް ފެންފޮދެއް އުނގުޅައިލަބަލާށެވެ. އަޢޫޛް ކިޔައިބަލާށެވެ. 10 ވަރަކަށް ފަހަރު އަސްތަޣްފާރުކޮށްބަލާށެވެ! ރުޅި ކޮންޓްރޯލްކުރަން ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން