އަހުރެން މިކުރާ ސުވާލަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ވަޤުތާ ފައިސާ ހޭދަމިކުރެވެނީ އެންމެ ފައިދާހުރި ގޮތަށް ހެއްޔެވެ؟ އަހުރެން އެދެނީ މިވާހަކަކޮޅާއިމެދު ރަނގަޅަށް ވިސްނައިލުމަށެވެ. ވިސްނައިލުމަށްފަހު ޖަވާބު އަމިއްލަ ނަފްސަށް ދޭށެވެ!
މިއީ އަހުރެން އަޑުއެހިވާހަކައެކެވެ. ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
އެއްދުވަހަކު އަންހެނަކު ރޯއަޑު އިވިވަޑައިގެން އޭނާ ރޮނީ ކީއްވެގެންތޯ ނޫޙުގެފާނު ސުވާލުކުރެއްވެވުމުން އެކަނބުލޭގެ ދެންނެވީ ފިރިމީހާ ނިޔާވެގެންކަމަށެވެ. ފިރިމީހާގެ ޢުމުރަކީ ކޮބައިތޯ ސުވާލުކުރެއްވެވުމުން އެކަނބުލޭގެ ދެންނެވީ 250 އަހަރު ކަމަށެވެ.
ނޫޙޫގެފާނު ވިދާޅުވީ މީސްތަކުންގެ ޢުމުރަކީ 60، 70 އަހަރުކަމަށްވެގެންދާނެ ޒަމާނެއް އަންނާނެ ކަމަށެވެ. ދެން އެކަނބުލޭގެ ސުވާލުކުރީ އެމީހުން ގެދޮރުއަޅާނެތޯއެވެ. ނޫޙުގެފާނު ޖަވާބުގައި ވިދާޅުވީ ވަރަށް ފުރިހަމަ ބޮޑެތި ގެތައް އެމީހުން އަޅާނެ ކަމަށެވެ.
އެކަމަނާ ދެންނެވިއެވެ. "އަހުރެންނަށް ވާނެނަމަ 2 ސިޓީގެ މަތީގައި ބޮޑު ކަވަރެއް އަޅާފައި (ނުފެންނަ ގޮތަށް ނިވާކޮށްފައި) އަހުރެން ﷲ ތަޢާލާ މަތިވެރިކޮށް ތަސްބީޙްކިޔާނީއެވެ."
މިވާހަކައިން އަހުރެންނަށް ޢިބްރަތެއް ލިބުނެވެ. އެއީ ދުނިޔޭގައި އުޅެން ގެދޮރު އެޅިނަމަވެސް އެއީ އެންމެ މުހިންމު ކަނތައް ކަމަށް ހަދައި ވަޤުތާއި ފައިސާ ހޭދަކުރުމުގެ ބޭނުމެއް ނެތްކަމާއި ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅުގައި ފައިދާކުރާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުން ކަމެވެ. އެހެންވެ ޙިއްޞާކޮށްލީއެވެ.
މިވާހަކަ އަޑުއެހީ ސޯޝަލް މީޑިއާއިންނެވެ. ވާހަކައިގެ ޙަޤީޤަތާއިމެދު ބަހެއް ބުނާކަށް ނެތީމެވެ. އެކަމަކު ބުނެލަން ބޭނުންވަނީ މިއީ މިއަދު އަހުރެމެން ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. ގެދޮރު އެޅުން ނޫންނަމަވެސް ޢާޚިރަތަށް ފައިދާ ނުކުރާނެ ކަންކަމުގައި ވަޤުތާއި ފައިސާ އިޝްރާފްނުކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުހިންމު ކަމާއިމެދުގައެވެ. އާޚިރަތް ލިބޭނީ ހޯދަން މަސައްކަތްކުރެވުނު މީހަކަށް ކަމުގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން