ޢާއިޝަތު ރަފާޙް ޢަލީ
ތަފާތު ސަބަބުތައް މެދުވެރިވެ ގާތް އެކުވެރިންގެ ގޮތުގައި ކާފިރުން ގެންގުޅޭ މުސްލިމުންވެސް މަދެއް ނޫނެވެ. އެެހެންކަމުން ބުނެލަން އޮތީ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ކާފަރުންގެ ފާފަ ފުއްސެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ނުދެންނެވޭނެކަން މިއާޔަތުގައި ބަޔާން ކޮށްދެއްވާފައިވެއެވެ. ނަމަވެސް އެބައިމީހުންނަށް ހެޔޮ ވިސްނުން ދެއްވާތޯ އެދި ދުޢާ ކުރެވިދާނެއެވެ. ހެޔޮވިސްނުމަކީީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް މުސްލިމަކަށްވުމުގެ ވިސްނުމެވެ.
قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِن شَيْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ﴿٤﴾
މާނައީ: "إبراهيم ގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ قوم އަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ دين އަށް ތިމަންމެން إنكار ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ. إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން، ތިބާއަށް ފާފަފުއްސެވުންއެދި ތިމަންކަލޭގެފާނު دعاء ކުރައްވާހުށީމެވެ. (އެހެނެއްކަމަކު) اللَّه ގެ حضرة ން ތިބާއަށްޓަކައި އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. (4)"
މިއާޔަތުގައި އިބްރާހީމގެފާނާއި އެހެން ނަބިއްޔުންގެ ރިވެތި އަޚްލާޤު ނަމޫނާއެއް ކަމުގައި ބެލުމަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަކީ އެންމެ ރިވެތި އަޚްލާޤުގެ ވެރި ސާހިބާއެވެ.
އަދި އިބްރާހީމްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ﷲ ތަޢާލާއަށް އީމާން ނުވުމުން ވެސް ޘާބިތުކަމާއެކީގައި ދީނަށް ގޮވާލެއްވުމަށް ހުންނެވިކަމަށް ވެސް މިއާޔަތުގައި އަންގަވާފައިވެއެވެ. އަދި އިބްރާހީމްގެފާނުގެ ބައްޕާފުޅު އީމާންނުވުމުންވެސް ރަޙިމުގެ ގުޅުން ކަނޑުއްވާ ނުލައްވައެވެ. މީގެ އިތުރުން ދަތި އުނދަގޫ ވަގުތުތަކުގައި ﷲ ތަޢާލާއަށް ވަކީލުކުރުމާއެކު އެކަމެއްގައި ކުރިއަށް ދިޔުމަށްވެސް މިއާޔަތުގައި އަންގަވާފައިވެއެވެ.