ކިތަންމެ މަދުން ލިބުނަސް މިގޮތަށް ޚަރަދުކުރާ މީހުންނަށް ﷲ ގެ ރަޙްމަތް އިތުރުވެ އަތްމަތިދަތިވެގެން ކަންބޮޑުވާންޖެހޭ މިންވަރު ބޮޑުތަނުން ކުޑަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ކިތަންމެ މަދުން ލިބުނަސް މިގޮތަށް ޚަރަދުކުރާ މީހުންނަށް ﷲ ގެ ރަޙްމަތް އިތުރުވެ އަތްމަތިދަތިވެގެން ކަންބޮޑުވާންޖެހޭ މިންވަރު ބޮޑުތަނުން ކުޑަވާނެ! އިން ޝާ ﷲ

ފުދިގެން އުޅޭ މީހުން ގިނަޔަސް ގިނައީ ފުދުންތެރިކަން ކުޑަވެ ދަތިތައް ކުރިމަތިވެފައިވާ މީހުންނެވެ. ވީމާ އަހުރެންގެ މިނަޞީޙަތް އަޑުއަހައި ޢަމަލުކުރާށެވެ! ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ   

ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަން ކުޑަ ނަމަވެސް، ލިބޭ އާމްދަނީ މަދު ނަމަވެސް ލިބޭ މިންވަރު ހެޔޮ ގޮތުގައި ބޭނުންކުރުމަކީވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެއީވެސް ހަމަ ވަރަށް މަތިވެރި އަޅުކަމެކެވެ. ދެއްވަވާ މިންވަރުން ހެޔޮ ގޮތުގައި ބޭނުންތައް ފުއްދައިގެން އުޅޭ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އެފަދަ މީހުންނަށް ރިޒްޤް އިތުރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ! 

މީހަކަށް ލިބެނީ ކިރިޔާ ދެކޮޅު ޖެއްސޭވަރުގެ އާމްދަނީއެއް ކަމަށްވެސް ވެދާނެއެވެ. އަދި ދެކޮޅު ނުޖެއްސޭ ކަމަށްވެސް ވެދާނެއެވެ. އެހާލަތުގައިވެސް ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ތިމާ ކުރަންޖެހޭ ޚަރަދުތައް އިސްކަންދޭންޖެހޭ ތަރުތީބުން ތަރުތީބުކޮށްލުމެވެ. އެއަށްފަހު އެ ތަރުތީބުން ޚަރަދުކުރުމެވެ. 

މިސާލަކަށް ކަރަންޓްބިލާއި ފެންބިލާއި ކައްކާ ގޭހަށާއި ކާޑަށާއި މިފަދަ އެންމެ އަސާސީ ބޭނުންތަކަށް ފުރަތަމަ ޚަރަދުކުރާށެވެ. މޯބައިލް ޕެކޭޖް އެޅުމާއި ފޯނުކާޑު ގަތުމަކީ އެންމެފަހުން ކުރާ ކަންތައް ކަމުގައި ހަދާށެވެ. 

މިކަންކަމަށް އޮތް މުހިންމުކަމާއިމެދު ވިސްނާށެވެ. މީހަކަށް ފައިސާކޮޅެއް ދެއްވެވުމުން އެއިން އެންމެ ރަނގަޅު ގޮތުގައި ޚަރަދުތައް ކުރާނެ ގޮތަކާއިމެދު ވިސްނުމަކީވެސް ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމެކެވެ.  

މީސްތަކުންނޭވެ! ވަރަށް ގިނަ ބައަކަށް މައްސަލަތައް ކުރިމަތިވަނީ އަވަށްޓެރިންގެ ކުރިމަތީގައި ނުވަތަ އެނޫންވެސް ބައެއްގެ ކުރިމަތީގައި ތިމާއަކީ ފުދުންތެރިއެއް ކަމަށް ދައްކަން ހަދައިގެންނެވެ. ތިމާވެސް ދިރިއުޅެނީ އެ މީހުން ދިރިއުޅޭ ފެންވަރުގައި ކަމަށް ދައްކަން އުޅެން ހަދައިގެންނެވެ. ނަތީޖާއަކަސްވެގެންދަނީ ގޭގައި ކާނެ ޕާނެއް ނެތް ހާލުގައިވެސް ފޯނު ރީޗާޖްކޮށްލާތީއެވެ. ފެންބިލް ދައްކާނެ ފައިސާ ނެތް ނަމަވެސް އެންމެފަހުގެ ފޮނު ގެންގުޅެން ބޭނުންވާތީއެވެ. 

އަގުބޮޑު ދިރިއުޅުމެއް އުޅެން އުންމީދުކުރާ މީހާ ފުރަތަމަވެސް ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާށެވެ. އަސާސީ ބޭނުންތައް ފުއްދުމަށްފަހު ކޮންމެވެސް މިންވަރެއް ބާކީ ކުރަން މަސައްކަތްކުރާށެވެ. އެފަދައިން މަސައްކަތްކުރާ މީހުންނަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ. ތަނަވަސްކަން ދެއްވަވާނެތެވެ. އިން ޝާ ﷲ! 

މިހާރު ގުނަމުން މިދަނީ ޢަޟްހާ ޢީދުގެ ދުވަސްތަކެވެ. މިދުވަސްތަކުގައި މީހަކު އުޅޭހައި ގޮތަކަށް އުޅެން ނުވިސްނާށެވެ! އަވަށްޓެރިޔާ ދިރިއުޅޭ ފެންވަރަށް ނުބަލާށެވެ! ތިމާގެ ކިބައިގައި ޚަރަދުކުރުމުގެ ޤާބިލުކަން ހުރި މިންވަރަށް ބަލައިގެން ޚަރަދުކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ.  

ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުން ހެޔޮ ގޮތުގައި ހޭދަކުރުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. އެފަދައިން ޢަމަލުކުރާ އަޅުންނަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. މިފަދަ ވާހަކައެއް ބުނުމުން ގިނަބައަކަށް ވިސްނެނެނީ އެދައްކަނީ ތަންވަސްކަން ދެއްވެވި މީހުންގެ ވާހަކަ އާއި ޞަދަޤާތް ކުރުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ތަނަވަސްކަން ދެއްވެވުމުން ﷲ ތައާލާގެ މަގުގައި ހޭދަކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

ޞަދަޤާތް ކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. އެމީހަކުކުރަންވީ އެމީހެއްގެ ފެންވަރުންނެވެ. ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރަން ޙަދިޘްފުޅުގައި އޮތީ އެ ސަބަބަށްޓަކައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން