ޖުވައިރިއްޔަތުގެފާނުގެ ވާހަކަ-: މުސްތަލިޤުވަންހައިގެ އަމީރާ 07: ދިގު އުމުރުފުޅަކަށްފަހު އަވަހާރަވުން

ކިޔުމަށް ހޭދަވާނީ 1މ 36ސ
ޖުވައިރިއްޔަތުގެފާނުގެ ވާހަކަ-: މުސްތަލިޤުވަންހައިގެ އަމީރާ 07: ދިގު އުމުރުފުޅަކަށްފަހު އަވަހާރަވުން

ޢަލީ އިޙްޞާން ފިރާޤް

 

އަވަހާރަވުން

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހުވެސް އުއްމުލް މުއުމިނީން 39 އަހަރު ނުވަތަ 45 އަހަރު ދުނިޔޭގައި އިންނެވިއެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތުގެ ރަން ދުވަސްތައް އެކަމަނާ ދެކެވަޑައިގެންނެވިއެވެ. މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާނުގެފާނު ޝަހީދުކޮށްލި ހިތާމަވެރި ހާދިސާ އެކަމަނާ ދެކެވަޑައިގަތެވެ. ޢަލީގެފާނުގެ ޚިލާފަތުގައި މުސްލިމުންގެ މެދުގައި ކުރެވުނު އެންމެ ފުރަތަމަ ދާޚިލީ ހަނގުރާމަ އެކަމަނާ ދެކެވަޑައިގެންނެވިއެވެ. އަމީރު މުޢާވިޔަތުގެފާނާއި ޢަލީގެފާނާ ދެމެދުގައި ކުރެވުނު ހަނގުރާމަތައްވެސް އެކަމަނާ ދެކެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އިންނެވީ އެންމެހައި ފިތުނަތަކުން ދުރުހެލިވެވަޑައިގެންނެވެ. އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވަޑައިގެން ބަސްފުޅު ވިދާޅުވެ ނުހައްދަވައެވެ.

އުއްމުލް މުއުމިނީން ޖުވައިރިއްޔާވަނީ ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅުތައް ރިވާކޮށްދެއްވައިފައެވެ. އެގޮތުން އެކަމަނާގެ އަރިހުން 7 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ޙަދީޘް އިމާމު ބުޚާރީ ރިވާކުރެއްވިއެވެ. އަނެއް ޙަދީޘް އިމާމު މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. އެކަމަނާގެ އަރިހުން ޙަދީޘް ރިވާކުރެއްވި ޞަޙާބީންގެ ތެރޭގައި ރަސޫލާގެ ދެބެއިންގެ ދެދަރިކޮއްކޯފުޅު ޢަބްދުالله ބިން ޢައްބާސް އާއި ޖާބީރު އަދި ޢަބްދުالله ބިން ޢުމަރު ހިމެނިވަޑައިގަންނަވައެވެ.

ދީންވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ އަވަހާރަވީ،  އަމީރު މުޢާވިޔަތުގެފާނުގެ ޚަލީފާކަމުގައި ހިޖުރައިން 50 ވަނަ އަހަރުގެ ރަބީޢުލްއަވަލް މަހުގެ ތެރޭގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 65 އަހަރުފުޅެވެ.  އެކަމަނާ ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ. އަނެއްބައި ރިވާޔަތްތަކުގައިވަނީ އެކަމަނާ އަވަހާރަވީ ހިޖްރައިން 56 ވަނަ އަހަރު އުމުރުފުޅުން 70 އަހަރުފުޅުގައި ކަމަށެވެ.

 

 

 

މިއަދު އޮންލައިން