ޒިނޭކުރާނަމަ އަތްމަތިދަތިވާނެ! ތަނަވަސް މީހުންނަށްވެސް މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޒިނޭކުރާނަމަ އަތްމަތިދަތިވާނެ! ތަނަވަސް މީހުންނަށްވެސް މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ!

ޒިނޭކުރުމުގެ ހުރިނުބައިކަން ބޮޑުކަމާއި ދެއްވަވާ ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކަ ވަރަށް ގިނައިން ޢިލްމްވެރިން ދައްކަވައެވެ. އެހެންކަމާއިއެކުވެސް ޝައިޠޯނާގެ ބަހަށް ހެއްލެވި ޒިނޭކުރަން ޖެހިލުންވާ މީހަކު ނުއުޅޭކަމަށް ބުނެވޭހައިވަރަށް ޒިނޭކުރުން މިވަނީ ޢާންމުވެފައެވެ. ސުވާލަކީ ޒިނޭކުރުމުން ދުނިޔޭގައިވެސް ކުރިމަތިލާންޖެހޭ މުޞީބާތްތަކާއިމެދު ވިސްނާލަމުހެއްޔެވެ؟

ޒިނޭކުރުމާއި އަތްމަތި ދަތިވުމާއި މުޞީބާތްތައް ޖެހުމަކީ އެއް ޗޭނުގެ 3 ބޮޅެވެ. ޒިނޭކުރާ މީހާގެ އަތްމަތި ދަތިވާނެއެވެ. ތަނަވަސްކަން ހުންނަ މީހުންނަށްވެސް މާލީ ދަތިތައް ކުރިމަތިވާނެއެވެ. މުޞީބާތްތައް ކުރިމަތިވާނެއެވެ. ހީވެސް ނުކުރެވޭނެ ހައި ގިނަ ގޮތްގޮތުން ބޮޑެތި ގެއްލުންތައް ލިބެމުންދާނެއެވެ. އެއް ދުވަހު ހިތް ހަމަޖެހުމެއް ލިބުނިއްޔާ އަނެއް 10 ދުވަހު ރޯން ޖެހޭނެއެވެ. ހީވެސް ނުކުރެވޭހައި ގިނަ ގޮތްގޮތުން ހިތްދަތިކަން ލިބޭނެއެވެ. އެއީ ﷲ ތަޢާލާ އެމީހުންނަށް ލައްނަތް ލައްވަވާތީއެވެ.  

ޒިނޭ ކުރާނަމަ އެމީހެއްގެ ޢަމިއްލަ ޢާއިލާއަށްވެސް އެކަމުގެ އަސަރު ކުރެއެވެ. އަނބިމީހާއަށް، ފިރިމީހާއަށް ދަރިންނަށް ވެސް އެކަމުގެ އަސަރުކުރެއެވެ. އެކަމުގެ ނިކަމެތިކަން ލިބެއެވެ. އެންމެ ބޮޑަށް ނިކަމެތިކަން ލިބޭ އެއްކަމަކީ މާލީ ޙާލަތެވެ. ޒިނޭކުރާ މީހާ އަބަދުވެސް ދިރިއުޅެން ޖެހޭނީ ބަދުނަޞީބުގައިކަމަށް ބުނެވެނީ އެހެންވެގެންނެވެ.  

މިއާޔަތަށް ބަލާށެވެ! " އަދި ތިއަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." (އަލްއިސްރާ: 32). 

މިއާޔަތުގައި ވަޙީ ކުރައްވަވާފައި އެވަނީ ޒިނޭ ނުކުރުމަކަށް ނޫނެވެ. ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ. އެއީ އެކަމަށް ދެއްވަވާނެ ޢަޛާބުގެ ގަދަފަދަ ކަމުންނެވެ.  

ބައެއް މީހުންނަށް ހީކުރެވެނީ ޒިނޭ ކުރުމަކީ ހަމައެކަނި ގުނަވަނުން ކުރާ ކަމެއް ކަމަށެވެ. ގުނަވަމުން އެކަން ނުކުރާނަމަ ޒިނޭއަކަށް ނުވާނެ ކަމަށެވެ. ރަނގަޅަށް ސަމާލުވާށެވެ! އެފަދަ ނިޔަތެއްގައި ބަލައިލުމުންވެސް އެވެވެނީ ޒިނޭ އާއި ކައިރިއެވެ. ބީހިއްޖެ ނަމަ އެއަށްވުރެ ކައިރިއެވެ. ދޮނެއް ދިނުމަކީ އެޅޭ ބޮމެކެވެ. އެހިސާބުން އެއޮތީ ގޮވާފައެވެ. ޒިނޭ އާއި ކައިރި ނުވާން އަންގަވާފަ އެވަނީ ނުއެނގި ތިއްބާ ބޮން ގޮވާނެތީއެވެ.  

އިންސާނާއަށް ކަންކަން ކުރެވޭނެ ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިންސާނާ އުފެއްދެވި ﷲ ތަޢާލާއެވެ. ޒިނޭ އާއި ކައިރި ނުވާން އަންގަވާފައި އެވަނީ އިންސާނާ އުފެއްދެވި ﷲ ތަޢާލާއެވެ. ޒިނޭ ކުރުމުގެ ނިޔަތް ނެތިވެސް ދެ މީހުން ކައިރިވެއްޖެ ނަމަ ޒިނޭއަށް އަރައިގަނެވުމުގެ ފުރުޞަތު ބޮޑުކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީއެވެ.  

ޒިނޭ ކުރުމުގެ ނިޔަތް ނެތިވެސް ދެމީހުންނަށް ކައިރިވެވިއްޖެ ނަމަ ޒިނޭ ކުރެވެނީ އިންސާނާގެ ބަލިކަށިކަމުންނެވެ. ވީމާ ނަރަކައިގެ ހޫނު ގަދަ އަލިފާނުގައި ޗޭނު ޖެހިގެން އޮންނަން ބޭނުން ނުވާނަމަ ޒިނޭ އާއި ކައިރި ނުވާށެވެ!  

ޒިނޭ ކުރުމަށްފަހު ތައުބާ ނުވެ ހުއްޓައި މަރުވެއްޖެ މީހާއަށް ދެއްވަވާނީ ކޮންފަދަ ޢަޒާބެއްކަން ބަޔާން ކުރުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ. އެހެނީ ކައްވަޅުގައި ވެސް އޮތީ އަލިފާނުގެ ޢަޛާބެވެ. ނަރަކައިގައި އެމީހަކު އެލުވިގެން އޮންނާނީ މޭމައްޗާއި ޒިނޭ ކުރި ގުނަވަނުގައި ޖަހާފައި އޮންނަ ހިލިހިލާއެއްގައެވެ.  

ޒިނޭކޮށްގެން ހޯދާ ފައިސާއަކީވެސް އަލިފާނެވެ. އެކެވެނީ އަލިފާނެވެ. ޒިނޭކުރަން ހޭދަކުރާ ފައިސާވެސް އެއީ ހަމަ އެމީހެއްގެ ގައިގައި ތަތްލާ އަލިފާނެވެ. ހިތާމައަކީ ކަން މިފަދައިން އޮތް ނަމަވެސް ދުނިޔޭގެ ގިނަ ބައެއްގެ ކުރިމަތީގައި ޒިނޭ ކުރުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ. އެއީ ފާފައެއް ކަމަށް ބަލައި ނުގަނެވޭއިރު އެއީ ތިމާއަށް ކުރެވޭ ކުށެއް ކަމަށްވެސް ބަލައިގަންނަނީ މަދު މީހެކެވެ.  

ކޮންމެ ރެސްޓޯރަންޓަކަށް ވަން ނަމަވެސް ކާނެ ބޯނެ ތަށިގެންނާނެއެވެ. ބޭނުންކޮށްފައި ބަހައްޓާފައި ދިއުމުން އެކަން އެ އޮތީ ނިމިފައެވެ. ޒިނޭ ކުރުމަކީވެސް މިފަދަ ކަމަކަށް ވަނީ ބޭނުންވުމުން ބޭނުން ތަނަކަށް ވަދެ އެކަން ކޮށްލައިގެން ދާންވީއެވެ. ރެސްޓޯރަންޓަކަށް ވަދެ ކެއުން ބުއިން ހައި ފަސޭހަ ކަމެކެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން