ހަނދުމަކޮށްދިނުމެއް!: ނަމާދުގަ ޚުޝޫޢަތްތެރިވުމާ ޚުޝޫޢަތްތެރިވާން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 15ސ
ހަނދުމަކޮށްދިނުމެއް!: ނަމާދުގަ ޚުޝޫޢަތްތެރިވުމާ ޚުޝޫޢަތްތެރިވާން ކުރެވިދާނެ ބައެއް ކަންކަން-

ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭތީ ކަންބޮޑުވެ ގިނަ ބައަކު ކުރާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީވެސް ރަނގަޅު ޖަވާބެއް ލިބޭނެ ލިޔުމެކެވެ. އިން ޝާ ﷲ

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ކޮބާ ހެއްޔެވެ؟ 

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ނަމާދުގައި ﷲއަށް މަޑުމޮޅިވުމެވެ. އަދި ނަމާދުގައި ﷲއަށް ބިރުވެތިވެ ނިކަމެތިވުމެވެ. ނަމާދުގައި ދުނިޔަވީ އެހެން ހުރިހާ ޚިޔާލުތަކުން އެއްކިބާވެ ﷲއަށް ކުއްތަންވުމެވެ. 

ﷲ تعالى ވަޙީ ކުރައްވާފައިވެއެވެ. 

﴿ وَقُومُواْ لِلَّهِ قَٰنِتِينَ  [سورة البقرة 238]

މާނައީ: "އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!" 

އަދިވެސް އެކަލާނގެ ޤުރުއާނުގައި މުއުމިނުންގެ ޞިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. 

﴿ قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ [1] ٱلَّذِينَ هُمۡ فِي صَلَاتِهِمۡ خَٰشِعُونَ [2]  [سورة المؤمنون 1 , 2] 

މާނައީ: "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ." 

ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. ފަހެ ޚުޝޫޢަތްތެރިކަމެއް ނެތި ކުރާ ނަމާދަކީ އެއްވެސް ދިރުމެއް ނުވާ ހަމައެކަނި ޙަރަކާތްތަކެއްކަމުގައި ނޫނީ ނުވެއެވެ. ވުމާއެކު ނަމާދުގައި ޚުޝޫޢަތްތެރި ވެވޭނީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ. 

· ފުރަތަމައީ: ނަމާދު ކުރެވޭ ފަރާތް ދެނެގަތުން. 

އެބަހީ ﷲ تعالىގެ މަތިވެރިކަމާއި އެކަލާނގެ ހައިބަތު ދެނެގަތުމެވެ. ނަމާދަށް ހުއްޓި ހުންނަ މީހާ އެ ހުންނަނީ ﷲ تعالىގެ ކުރިފުޅުމަތީގައެވެ. ފަހެ އެކަލާނގެ ހައިބަތު އެނގޭ މީހާ ބިރުވެތިވެ މަޑުމޮޅިވާނެއެވެ. އެއީ ނަމާދުގައި އެކަންޏެއް ނޫނެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް އިޚްލާޞްތެރިވާނެއެވެ. އިޙްސާންތެރިކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. 

((أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)) [رواه مسلم]

މާނައީ: "އެއީ ތިބާއަށް ﷲ تعالى ފެނިހުރެ އަޅުކަން ކުރާ ފަދައިން އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނެއްކަމަކު، ހަމަކަށަވަރުން އެކަލާނގެ ތިބާއަށް ބައްލަވާވޮޑިގެންވެއެވެ." 

· ދެވަނައީ: ނަމާދުގެ އަހަންމިއްޔަތު ދެނެގަތުން. 

އިސްލާމްދީނުގައި ނަމާދުގެ މަތިވެރިކަން އެނގޭ މީހާ ނަމާދުތަކަށް ރައްކާތެރިވެ ނަމާދުގައި ޚުޝޫޢަތްތެރި ވާނެއެވެ. ނަމާދަކީ ޝަހާދަތުގެ ދެ ކަލިމައަށް ފަހު އަޅާގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. 

((وَعَمُودُهُ الصَّلَاةُ)) [رواه الترمذي وصححه الألباني]

މާނައީ: "އަދި އިސްލާމްދީނުގެ ތަނބަކީ ނަމާދެވެ." 

އަޅާގެ ދުނިޔަވީ އަދި އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ބިނާވެގެންވަނީ ނަމާދުގެ މައްޗަށެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީވެސް ނަމާދުއަދާކުރި ގޮތުގެ ޙިސާބެވެ. ނަމާދުތަކަށް ރައްކާތެރިވެ ފުރިހަމައަށް އަދާކޮށްފިމީހާ ކާމިޔާބުވެއްޖެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. 

((إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ)) [رواه أبو داود والترمذي والنسائي وصححه الألباني]

މާނައީ: "ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެމީހެއްގެ ނަމާދާ ބެހޭގޮތުންނެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބުވެއްޖެއެވެ. ނަމާދު ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ" 

މުސްލިމުންގެ ދެވަނަ ޚަލީފާ ﷲ ރުއްސުންލެއްވި ޢުމަރު ބުނު އަލްޚައްޠާބު ވިދާޅުވެފައިވެއެވެ.

لَا حَظَّ فِي الإِسْلامِ لِمَنْ تَرَكَ الصَّلاةَ

ނަމާދު އަޅާ މީހާއަށް އިސްލާމްކަމުގެ އެއްވެސް ހެވެއް ނުވެއެވެ.” 

· ތިންވަނައީ: ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދެނެގަތުން. 

ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދެނެގަތުމުގެ ސަބަބުން ނަމާދު ކުރާއިރު އެހެނިހެން ޚިޔާލުތަކުން ދުރުވުމަށް ފަސޭހަވެގެންދާނެއެވެ. ނަމާދުގެ ޛިކުރުތަކުގެ އިތުރުން އިމާމުން ޢާންމުކޮށް ކިޔަވާ ތިރީ ކުދި ސޫރަތްތަކުގެ މާނަ އުނގެނޭށެވެ. އިމާމު މީހާ ކިޔަވަމުން ދާއިރު މާނައަށް ވިސްނުމުން، އެހެނިހެން ފިކުރުތަކުން ދުރުވެވޭނެއެވެ.

 

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން