ތިމާއަކީ ސުވަރުގެ ވަންނަން ބޭނުންވާ މީހަކުކަން މަސައްކަތުން ދައްކައިދިން ހަމަ އެކަކުވެސް ބާކީ ނުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިމާއަކީ ސުވަރުގެ ވަންނަން ބޭނުންވާ މީހަކުކަން މަސައްކަތުން ދައްކައިދިން ހަމަ އެކަކުވެސް ބާކީ ނުކުރައްވަވާނެ! އިން ޝާ ﷲ

ދުނިޔޭގައި އެމީހަކު ވަންނަން ބޭނުންވާ ތަންތަނަށް ނުވަދެވޭ އެއް ސަބަބަކަށްވަނީ ޖާގައިގެ މައްސަލައެވެ. ސުވަރުގެއަކީ ޖާގަފުރޭނެ ތަނެއް ނޫނެވެ. ސުަވރުގެ ނުވަދެވޭނެ މީހުންނަށްވެސް ސުވަރުގޭގައި ޖާގައެއް ވެއެވެ. މަރުވުމުން އެޖާގަ އެމީހަކަށް ދައްކަވާނެތެވެ. އެޖާގަ ހޯދަން މަސައްކަތްނުކުރެވުނީ ހިތާމަކުރާނެތެވެ. ނަމަވެސް އެއިރު އޮންނާނީ އެކަމުގެ ވަޤުތު ފާއިތުވެފައެވެ. 

ﷲ ތަޢާލާ އަހުރެމެން ކޮންމެ މީހަކަށްވެސް ވަނީ ވަރަށް ގިނަ ނިޢުމަތްތަކެއް ދެއްވަވާފައެވެ. ޙަޤީޤަތުގައި އަހުރެމެން ދެކެ އެންމެ ލޯބިވާކަމަށް އަހުރެމެން ޤަބޫލުކުރާ އަހުރެމެންގެ މައިންބަފައިންނަށްވުރެވެސް މާބޮޑަށް ﷲ ތަޢާލާ އަހުރެމެން ދެކެ ލޯބިވެވޮޑިގެންވެއެވެ. 

އެކަމުގެ މިންވަރަކީ ގާތުން ކިރުދޭ މައަކު އޭނާގެ ދަރިފުޅުދެކެ ލޯބިވާވަރަށްވުރެ އެތައް ގުނައެއް އިތުރަށް ﷲ ތަޢާލާ އަހުރެމެން ދެކެ ލޯބިވެވޮޑިގެންވެއެވެ. ﷲ ތަޢާލާއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. 

ﷲ ތަޢާލާ އަހުރެމެން ދެކެ ލޯބިވެވޮޑިނުގަންނަވާނަމަ އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަހުރެމެންނަށް އޮތީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރުމެވެ. އެކަމަށް މަސައްކަތްކުރިވަރަކަށް އެމީހަކަށް ދެއްވަވާނެތެވެ. 

އަހުރެމެންނަށް އޮތީ ކިޔަމަންތެރިކަން އަދާކުރުމެވެ. ފަރުޟުތައް އަދާކުރުމާއި ސުންނަތް އަޅުކަން ކުރުން ގިނަކުރުމެވެ. ރޭއަޅުކަންކުރުމެވެ. ފާފަތައް ނުކުރަން މަސައްކަތްކުރުމާއި ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމެވެ. އެއިރުން އެމީހަކަށް ދާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވަމުންނެވެ. އިން ޝާ ﷲ. 

ވިސްނައިލާށެވެ! ފާފައެއް ކުރެވިއްޖެނަމަ ދެއްވަވަނީ 1 ޢަޛާބެވެ. އެއީވެސް ތައުބާ ނުވެއްޖެނަމައެވެ. ތައުބާވުމުން ފުއްސަވައި ދެއްވަވަތެވެ. އަދި ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށް ވެވުމުން ކުރެވިފައިވާ ފާފަތަކަކީ ޘަވާބު ދެއްވަވާ އަޅުކަމަށްވެސް ބަދަލުކޮށް ދެއްވަވަތެވެ. އަދި ހެޔޮ ޢަމަލުކުރުމުން 10 ގުނައިން ފެށިގެން 700 ގުނައަށް އަދި އެއަށްވުރެންވެސް އިތުރަށް ޘަވާބު ދެއްވަވަތެވެ. 

އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ޢަޛާބު ޙައްޤުވާނީ އެމީހަކު އެކަމަށް ކިހައި ބޮޑަށް އިހްމާލްވުމުން ހެއްޔެވެ؟ އަހުރެމެން ބޭނުންނަމަ އަހުރެމެން ސުވަރުގެ ވައްދަވާނެތެވެ. ސުވަރުގެ ނުވައްދަވާނީ އެމީހަކު އެކަމަށް ބޭނުން ނުވުމުންނެވެ. ވީމާ ސުވަރުގެ ބޭނުންކަމަށް ބުނަމުން ޢަމަލުތަކުން އެކަން ނުދައްކައި ނުތިބޭށެވެ. ޢަމަލުތަކުން އެކަން ދައްކައިފި މީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން