ދުނިޔެއަށް ބަލައިފިނަމަ ދަރިއަކަށް ހޯދައިދެވޭނެ އެންމެ މަތީ ފާހަކީ ޕީއެޗްޑީއެވެ. މިލިބޭ ޕީއެޗްޑީއަށްވުރެ މާއަގުހުރި ފާހެއް ދަރިފުޅަށް ހޯދައިދެވިދާނެއެވެ. އެފާސް ލިބޭނީ ޢިއްފަތްތެރިކަމާއެކު ކައިވެނިކޮށްދީ ފިރިމީހާ އާއި ޙަވާލުކުރީމައެވެ. އެއިރުން ދަރިފުޅަށް ލިބޭނެ ފާހަކީ މީސްތަކުން އެކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ ބޮޑަށް އާދޭސްދަންނަވާނެ ކަންތަކެވެ. އެއީ ޢަރުޝީގެ ހިޔާވަހިކަން ލިބުމެވެ.
ދެން އޮތީ މައިންބަފައިންނަށް ދެއްވަވާނެ މަތީ ފާހެވެ! އެއީވެސް އެފާހަށް އެދިގެން އެންމެންވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ރޮއި އަދޭސްދަންނަވާނެ ކަންތަކެވެ. އެއީ ނަރަކައިން ސަލާމަތްކޮށްދެއްވެވުމެވެ. ކުރިން މިބުނި މަގުން ދަރިފުޅު ފިރިމީހާ އާއި ޙަވާލުކުރީމާ ދެއްވަވާނެ ފާހަކީ އެމީހަކާއި ނަރަކަޢާއި ދެމެދުގައި އެމިހާ ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައެއް ލެއްވެވުމެވެ.
ދެން ނިކަން ބުނެބަލާށެވެ! މިދެފާހަށްވުރެ އެމީހަކަށް ފައިދާކުރާނެ ފާހަކީ ކޮބައިހެއްޔެވެ؟ ހިތާމައަކީ އަހުރެމެންނަށް މިކަންކަން މިއަދު ޤަބޫލުނުކުރެވޭ ކަމެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅޫވެލައްވާށެވެ!
އަހަރެން ކައިވެނިކުރީ އުމުރުން 21 އަހަރުގައެވެ. ކޮންމެވެސް ވަރަކަށް ދަތިތައްވެސް ކުރިމަތިވިއެވެ. ނަމަވެސް އެ އުމުރުގައި ކައިވެނި ކުރެވުނުކަން އެއީ ޙަޔާތުގައި ކުރެވުނު އެންމެ ރަނގަޅުކަންތަކެވެ.
ދަރިން ކިތަންމެ ޒުވާން ނަމަވެސް ކައިވެނިކުރަން ބޭނުންވެއްޖެނަމަ އެކަމަށް ހުރަސް އަޅައިގެންވާކަށް ނެތެވެ. އާވާރާ ދިރިއުޅުމަކަށް ދާން ބޭނުން ނުވެ ކައިވެނިކުރަން ބޭނުން ވެއްޖެ ނަމަ އެކަމާއިމެދު ކަންބޮޑުވެ ނުރުހުން ވާންވީއެއް ނޫނެވެ. އުފާކުރަންވީއެވެ. އެކަމަށް އެއްބާރުލުން ދީ އެހީތެރިވާންވީއެވެ.
ނިކަން ވިސްނައިބަލާށެވެ! އެއް ދުވަހަކު 14 އަހަރުގެ ފިރިހެން ކުއްޖަކު އައިސް ބުނީ އޭނާގެ ގާލްފްރެންޑަކު ނުހުންނާތީ އެހެން ދަރިވަރުން އޭނާއަކީ އުނި ކުއްޖެއް ކަމަށް ބުނެ މަލާމާތް ކުރާ ކަމަށެވެ. މިކަމުން އެނގެނީ ދެޖިންސުގެ ކުދިން އެއުމުރުގައި ވެސް ގުޅުން ބާއްވަމުން ގެންދާ ކަމެވެ. ގުޅުން އޮންނަ ނަމަ ހިނގާނީ ރަނގަޅުކަންކަން ނޫން ކަމަށް ޤަބޫލުކުރަން ޖެހޭނެއެވެ.
މީގެ މާނައަކީ ސްކޫލުގައި ކިޔަވާ ކުޑަކުދިން ކައިވެނިކޮށްދިނުމެއް ނޫނެވެ. ސްކޫލް ނިންމުމަށްފަހު ކައިވެންޏަށް އެދިއްޖެ ނަމަ ވީހައި އަވަހަކަށް ކައިވެނިކޮށްދޭން ޖެހިފައިވާކަން މިފަދަ ކަންކަމުން އެނގިގެންދެއެވެ. މި ބުނި ފަދަ މައްސަލަތަކަކީ މީގެ 100 އަހަރުކުރިން ހުވަފެނުން ވެސް ފެނުނު މައްސަލަތަކެއް ނޫނެވެ.
މައިންބަފައިންގެ ސަބަބުން ކުދިންނަށް ނުބައި މަގަކުން ކުރިއަށް ދާން ޖެހިއްޖެ ނަމަ އެއީ އެންމެ ހިތާމަހުރި އެއް ކަންތަކެވެ. އެކަމުގެ ދެރަ ލިބޭނީ ދަރިންނަށް އެކަންޏެއް ނޫނެވެ. އެކުދިން ކުރާ ފާފައިގެ ޒިންމާ އުފުލަން މައިންބަފައިންނަށް ޖެހޭނެއެވެ. ވީމާ މި ބުނި ކަންކަމަށް ހޭލުންތެރިވުމަށް މައިންބަފައިންނަށް ވަޞިއްޔަތް ކުރަމެވެ.
ޒުވާން އުމުރުގައި ކައިވެނި ނުކުރެވުމަކީ މިއަދުގެ ޒުވާނުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައެވެ. ޚާއްޞަކޮށް ފާފަ ނުކޮށް އިސްލާމް ދީނުގައި ސާބިތުވެ ހުންނަން ބޭނުންވާ ޒުވާނުން ވީހައި އަވަހަކަށް ކައިވެނިކުރަން ބޭނުންވެއެވެ. ޒުވާނުން އެދޭ ފަދައިން ކައިވެނިކޮށް ދިނުމަށް ބާރުއަޅައި ދަރުސްތައްވެސް ދެވެއެވެ. ނަމަވެސް މިއީ އެހައި ފަސޭހައިން ހައްލުވާނެ މައްސަލައެއް ވެސް ނުމެ ނޫން މެއެވެ.
މިއީ މީގެ 100 އަހަރު ކުރިއެއް ނޫނެވެ. އެދުވަސްވަރު ކަންކަން ހިނގި ގޮތަށް މިއަދު ހިނގާނެ ކަމަށް ބަލައި އެކަމަށް އުންމީދުކޮށްގެން ނުވާނެއެވެ. ދިރިއުޅޭ ވެށި މިވަނީ މުޅިން ބަދަލުވެފައެވެ. މިސްތަކުން ކޮށްޓަކަށްލައި ޝައިޠާނާ ވަނީ ކޮށި ވަށާލައިފައެވެ. ދުވަހެއް ދުވަހަކަށް ޝައިޠާނާ އެގެންދަނީ މީސްތަކުން ބައްދަމުން ކޮށި ކުޑަކުރަމުންނެވެ.
ވީމާ ކައިވެނިކުރަން އެދުމުން ދަރިންގެ ދެންހުރި ހުރިހާ ކަންކަމުގެ ކުރިއަށް ކައިވެނިކޮށްދިނުން ނެރެން މިއަދު މިވަނީ މަޖުބޫރުވެފައެވެ. މަތީ ތަޢްލީމް ޙާޞިލުކުރުމާއި ދެންހުރި ކަންކަން މިވަނީ ކައިވެނީގެ ފަހަތަށް ގެންނަން ޖެހިފައެވެ. ނޫންނަމަ ދަރިންގެ އާޚިރަތް ގެއްލިގެން ހިނގައިދާނެތީއެވެ. އެއިރުން ލިބޭނެ ދެރަ އާއި ގެއްލުން މާބޮޑުވީމައެވެ.
--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން