ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމަކު ކާފިރު ކުރުވުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. މަރުވާނެކަމާއި ޙިސާބު ބައްލަވާނެކަމާއި ފޭލްވެއްޖެނަމަ ވަންނަން ޖެހޭނީ ނަރަކައަށްކަން ޤަބޫލުކުރެވޭނެތީއެވެ. ނަރަކައިގެ އަލިފާނަށާއި ގަދަފަދަ ޢަޛާބަށް ބިރުގަންނާނެތީއެވެ.
އެކަން ޝައިޠޯނާވެސް ޤަބޫލުކުރެއެވެ. އެހެންވެ މުސްލިމުންނަށް ވަސްވާސްދޭނީ ދީން ދޫކޮށްލުމަކަށް ނޫނެވެ. މަސައްކަތްކުރާނީ ފާފަކުރުވުމަށެވެ. ދީނަށް ޢަމަލުނުކުރާ މީހަކު ކަމުގައި ހެދުމަށެވެ.
މިކަންކަން ކާފިރުންނަށްވެސް ރަނގަޅަށް އެނގެއެވެ. އެހެންވެ ކާފިރުންވެސް މަސައްކަތްކުރާނީ ހަމަ ޝައިޠޯނާ ފަދައިންނެވެ. ފާފަތައް ޒީނަތްތެރިކުރުވައި ދައްކައިދީގެން މުސްލިމުން ލައްވައި ފާފަތައް ކުރުވޭތޯއެވެ.
އަހުރެން ކާން އިން ތަނެއްގެ އެހެން މޭޒެއްގައި ކާފިރުންނާއި މުސްލިމުންގެ ބައަކު ތިއްބެވެ. އެއް މޭޒެއްގައި 10 ވަރަކަށް މީހުން ތިއްބެވެ. ކާފިރުންނާއިއެކު 2 އަންހެނަކުވެސް ތިއްބެވެ. އެމީހުން އިރުއިރުކޮޅުން ބައްދައި އޮޅުލައެވެ. ބޮސްދެއެވެ. އަދި އެތަނުން ފެންނަ އެމީހުންގެ އެކުވެރިންނާއިވެސް ހަމަ އެމޭރުމުން ކަންކަން ކުރެއެވެ. އިރުކޮޅަކުން ފެނުނީ މުސްލިމުންގެ 3 މީހުން މޭޒުން ތެދުވެގެން ދިއަ ތަނެވެ.
އެތަން ފެނުމުން އަހުރެންނަކަށް ނުއިނދެވުނެވެ. ތެދުވެ އެމީހުންގެ ފަހަތުން ހިނގައިގަތީމެވެ. އެމީހުންގެ ފަހަތުން ގޮސް ބޭރަށް ނުކުމެވުނީމާ އެމީހުންނާއި ސަލާމްކޮށް އެމީހުން ނުކައި ނުކުންނަންދާ ސަބަބާއިމެދު ސުވާލުކުރީމެވެ.
އެމީހުން ބުންޏެވެ. "އެކުވެރިން އެމަސައްކަތްކުރަނީ އަހުރެމެން ޝައުޤުވެރިކުރުވައިގެން އަހުރެމެން ލައްވައިވެސް އެމީހުން އެކުރާ ނުބައި ކަންކަން ކުރުވުމަށެވެ. އެކަމަށް ހިތްޖެހެން ފެށުމުން ބަހަނާއެއް ދައްކާފައި މިނުކުތީއެވެ."
އެހިސާބުން އެމީހުންނަށް އަހުރެން ތަޢާރަފްވެ ކާކުކަން ބުނެދިނީމެވެ. އަދި އެމީހުންގެ ޘާބިތުކަމަށް ތަޢްރީފްކުރީމެވެ. އަދި އެމީހުންނަށްޓަކައި ހެޔޮދުޢާކުރީމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިހުންނަނީ ހަމަ ޝައިޠޯނާގެ ކިބައިން ރޭވިގެން އަންނަ ޙަމަލާތަކެވެ. އެމީހުންނަށް އެކަން ވިސްނުނީއެވެ. ނުވިސްނުނު ނަމަ އިތުރު ހަރުފަތްތަކަށް އަރަމުން ގޮސް ނިމޭނީ ޒިނޭކުރުމާއި ހަމައިންނެވެ.
ވީމާ އަހުރެންގެ ނަޞޭޙަތަކީ އެއީ ކާފިރު އެކުވެރިންކަމުގައިވީނަމަވެސް އަދި މުސްލިމް އެކުވެރިންކަމުގައިވީނަމަވެސް އެބައެއްގެ ސަބަބުން ތިމާއަށް ފާފައެއް ކުރެވިދާނެ އެއްވެސް މީހަކާއި އެކުވެރިކަން ނުބާއްވާށެވެ! އަނގައިންބުނެ ވާހަކަދެއްކިނަމަވެސް އެމީހުންނާއިއެކު ތަންތަނަށް ނުދާށެވެ. ހެޔޮލަފާ، އެމީހެއްގެ ސަބަބުން ތިމާގެ ދީނަށް ކުރިއެރުން ލިބޭނެ މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅެންޖެހެނީ މިބަޔާންކުރި ފަދަ ސަބަބުތައް ކުރިމަތިވާތީއެވެ. އެންމެ މުހިންމު ޒިންމާއަކީ ފާފައެއް ނުކުރަން މަސައްކަތްކުރުން ކަމުގައި ހަދައިގެން ނޫނީ ސަލާމަތްކަމެއް ނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން