ވަރަށް ގިނައިން ދިމާވާ ކަމެއްގެ ވާހަކައިން ފަށާނެއެވެ. ގިނަ ފަހަރު އެމައްސަލަ ދިމާވަނީ ޢާއިލާގެ ގިނަ ބައަކު އެއްގެއެއްގައި އުޅޭނަމައެވެ. އެމައްސަލަ ދިމާވާ ސަބަބަކީ ގިނަބައަކު އެކުގައި އެއްގެއެއްގައި އުޅޭއިރު ނިވާވާންޖެހޭ ވަރަށް ނިވާނުވެ އުޅެވޭތީއެވެ.
އެޙާލަތުގައި ޅިޔަން ފަހަރިންނާއި އަދި އެނޫން މީހަކާއިއެކުވެސް ޖިންސީ ގުޅުން ހިންގާފައި ނުވަތަ އެކަމަށް މަސައްކަތްކޮށްފައި އެކަން ކުރެވުނީ އަނެކާ ލައިގެން ހުރި ފޭރާމުގެ ސަބަބުން ނުވަތަ ނިވާނުވެހުރީތީ ކަމަށް އެބަބުނެއެވެ.
މިއީ އަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ބަހަނާއެއް ނޫނެވެ. އެފަދަ ކަމެއް މެދުވެރިވާނަމަ ފުރަތަމަކަމަކަށްވެސް އޮތީ ތިމާގެ ބެލުންތައް ތިރިކުރުމެވެ. އަދި އަނެކާއަށް ނަޞީޙަތްތެރިވުމެވެ. އޭނާއަށް ނަބީޙަތްތެރިވުމުން އެކަން އިޞްލާޙްނުކުރާނަމަ އޭނާއާއި ގުޅުންހުރި މީހުންނާއިވެސް އެވާހަކަ ދައްކައިގެން އޭނާ އިޞްލާޙްކުރުވަން މަސައްކަތްކުރުވަންޖެހޭނެއެވެ.
ހަމަ އެއާއިއެކު ބައެއް މީހުންނަށް މީހަކު ފެނުމުން އިމެއް ނެތި އެމީހަކު ދެކެ ލޯބިވެއެވެ. އެލޯބީގެ ތެރެއިން ބޮޑެތި ގޯސްތަކެއް ހެދިދާނެއެވެ. ކުށްތަކެއްވެސް ކުރެވިދާނެއެވެ. ފާފަތަކެއްވެސް ކުރެވިދާނެއެވެ. އެކަން އިޙްޞާޞްވުމުން ނުވަތަ އެލޯބީގައި ފޭލްވުމުން ކުރެވުނު ގޯސް ކަންތައްތައް ހިތަށް ވަނުމުން އެބަ ބުނެއެވެ. "ކުރާނީ ކީއްހެޔެވެ؟ އެކަންކަން ކުރެވުނީ އަހުރެންގެ ހިތް އަހުރެންނަށް މަޖުބޫރުވީމައެވެ."
މީސްތަކުންނޭވެ! މިއީ އެއްވެސް ގޮތަކުން ދެކޮޅުޖެހޭ ބަހަނާއެއް ނޫނެވެ. ﷲ ތަޢާލާ ކޮންމެ ކަމެއްގައިވެސް އެކަމެއްގެ ކޮންޓްރޯލް އެމީހަކަށް ދެއްވަވަތެވެ. އެކޮންޓްރޯލް ދޫކޮށްލަނީ އެމީހަކު އަމިއްލައަށެވެ. ކޮންޓްރޯލް ދޫކޮށްލުމުން ހުރިހާ ބާރުތަކެއް ގެއްލިގެންދަނީއެވެ.
މިސާލަކަށް ބަނގުރާބުއިން، މަސްތުވާތަކެތި ބޭނުންކުރުން، ފާޙިޝް ޢަމަލުތައްކުރުން ޖުވާކުޅުން ފަދަ ކަންކަމަށް ބަލާށެވެ! އެފަދަ ބޮޑުފާފައެއް ކުރިނަމަވެސް އެއްދުވަހަކުން ދެދުވަހަކުން ދެވިނުހިފާނެއެވެ. ދެވިހިފާނީ އެކަމެއް ތަކުރާރުކޮށް ކުރަމުން ގެންދިއުމުންނެވެ. ދެވިހިފީމާ ކޮންޓްރޯލް އެމީހެއްގެ އަތުން ގެއްލިގެންދަނީއެވެ. އެފާފައެއް ކުރުން ހުއްޓާލަން އުނދަގޫވަނީއެވެ.
މިހެންވުމަށް މެދުވެރިވާ ސަބަބަކީ ތިމާގެ ހިތް ﷲ ތަޢާލާ ނޫން ފަރާތަކަށް ދެވުމެވެ. ކޮންމެ މީހެއްގެ ހިތުގެވެސް މިލްކުވެރިފަރާތަކީ ﷲ ތަޢާލާއެވެ. އެހެނަސް އަހުރެމެން އަމިއްލައަށް އަހުރެމެންގެ ހިތް އެހެން ފަރާތަކަށް ހަދިޔާކުރަނީއެވެ.
އެކުވެރިންނޭވެ! ﷲ ތަޢާލާ އިންސާނާއަށް ދެއްވެވި އެންމެ މުހިންމު ގުނަވަނަކީ ހިތެވެ. ދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުގައިވެސް ސަލާމަތްކަން އޮތީ ހިތް ސަލާމަތްކުރެވިގެންނެވެ. ހިތް ޠޯހިރުކޮށްގެންނެވެ.
ޤިޔާމަތް ދުވަހު ޠޯހިރު ހިތަކާއިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވިއްޖެނަމަ އެމީހަކީ ކާމިޔާބުލިބިގެންވާ މީހެއްކަމަށް އޮންނަނީ އެހެންވެގެންނެވެ. އަދި ހިތް ޠޯހިރުވެއްޖެނަމަ އެމީހާގެ ޢަމަލުތައް ޠޯހިރުވާނެ ކަމަށް އޮންނަނީވެސް އެހެންވެގެންނެވެ. ޠޯހިރު ހިތެއް ހިފައިގެން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދެވޭނީ ދުނިޔޭގައި ހުރިއިރު ޠޯހިރުކޮށް ބޭއްވިގެންނެވެ. ނޫންނަމަ ޠޯހިރު ހިތަކާއިގެން ނުދެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން