ތިބާއަށް ލައްވަވާ ބޮޑު ރަޙްމަތް ގެއްލި ނިކަމެތިވާންޖެހެނީ ކީއްވެގެންކަން ވިސްނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިބާއަށް ލައްވަވާ ބޮޑު ރަޙްމަތް ގެއްލި ނިކަމެތިވާންޖެހެނީ ކީއްވެގެންކަން ވިސްނޭތަ؟

ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވައެވެ. ނަމަވެސް އެކިމީހުންނަށް އެކިވަރަށެވެ. އެކި މީހުންނަށް އެކި ގޮތަށެވެ. ގިނަ ބައަކު އުފައްދާ ސުވާލަކީ ލައްވަވާ ރަޙްމަތް ދާދި އަވަހަށް ގެއްލި ނިކަމެތިވާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ 

އެކަމަށް އޮތީ މައިގަނޑު 2 ސަބަބެކެވެ. އެއް ސަބަބަކީ ޝުކުރުވެރިނުވެވުމެވެ. ދެވަނަ ސަބަބަކީ އިމްތިޙާން ކުރެއްވެވުމެވެ. ތިބާ ޝުކުރުވެރިވަމުން ދަނިކޮށް ޙާލަތު ދެރަގޮތަކަށް ނުވަތަ ހިތާމަވެރި ގޮތަކަށް ބަދަލުވެއްޖެނަމަ ޔަޤީންކުރަންވީ އެއީ ކުރިމަތިކުރައްވަވާ އިމްތިޙާނެއް ކަމަށެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ﷲ ތަޢާލާ ތިމާއަށް އެއްވެސް ކަމަކުން ހެޔޮ ގޮތެއް މިންވަރުކުރައްވަވައިފިނަމަ އުފާކުރާށެވެ! ރަނގަޅު ބައިވެރިއަކު ދެއްވެވިޔަސް، ވަޒީފާގެ ކުރިއެރުމެއް ލިބުނަސް، ދިރިއުޅެން ކުރާ މަސައްކަތުގައި ކުރިއަރައިދެވުނަސް އުފާކުރާށެވެ! އަދި އެނޫން ނިޢުމަތެއް ދެއްވެވިނަމަވެސް އުފާކުރާށެވެ! 

އުފާކުރަން ކުރަން އޮތްކަމަކީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަށް ކުރަން އޮތް ކަމަކީ ކުރިއަށްވުރެ ގިނައިން އަޅުކަންކުރުމެވެ. ކުރިން ނުކުރެވޭ ކޮންމެވެސް ހެޔޮކަމެއް ކުރަން ފެށުމެވެ. އެއީ ކުރިން ނުކުރެވޭ ސުންނަތް ނަމާދެއް ނަމަވެސްމެއެވެ. ޛިކުރުކުރުމުގައި ކުރިއަށްވުރެ ގިނަ ވަޤުތު ހޭދަކުރުމެވެ. 

މިމަގުން ޢަމަލުކުރާނަމަ ލައްވަވާ ރަހްމަތް ދާނީ އިތުރުވަމުންނެވެ. އެމީހަކު ނިކަމެތިނުކުރައްވަވާނެތެވެ. ހިތްދަތިވެސް ނުކުރައްވަވާނެތެވެ. އެހަނަސް އިމްތިޙާން ކުރައްވަވާނެތެވެ. އެވަޤުތުކޮޅު ކެތްތެރިވެލައިފިނަމަ ކުރިއަށްވުރެވެސް ބޮޑަށް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން