މިވެވެނީ މިނިވަންކަމަށް ވިސްނާ ގިނަ އަންހެނުންނަށް ތިބެވެނީ ޝައިޠޯނާގެ ކަސްތޮޅުގަ! މާނުރައްކާތެރި ޙާލަތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 22ސ
މިވެވެނީ މިނިވަންކަމަށް ވިސްނާ ގިނަ އަންހެނުންނަށް ތިބެވެނީ ޝައިޠޯނާގެ ކަސްތޮޅުގަ! މާނުރައްކާތެރި ޙާލަތުގަ!

ކޮންމެ އިންސާނަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. ވީމާ ކޮންމެ ކަމެއްގައިވެސް އޮތީ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ އެންގެވުންތަކަށް ކިޔަމަންތެރިވުމެވެ. ވީމާ ތިމާގެ މިނިވަންކަން ފެށޭނީވެސް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމަށްފަހުގައެވެ. ކިޔަމަންތެރިކަން އަދާކުރުމާއިއެކުގައެވެ. 

މިނިވަންކަމަކީ އެއްވެސް ޙާލެއްގައި އެމީހަކު ބޭނުންވާހައި ކަމެއް ކުރުމެއް ނޫނެވެ. ބޭނުންހައި ގޮތަކަށް އުޅުމެއްވެސް ނޫނެވެ. ކޮންމެ މީހެއްގެވެސް ފަރުދީ މިނިވަންކަން ފެށޭނީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ޢަމަލުކުރުމަށްފަހުގައެވެ. 

ބައެއް މީހުންނަށް ވިސްނޭގޮތުން ﷲ ތައާލާ އަނގަވާފައިވާ ގޮތަށް އަޢުރަ ނިވާކޮށްފިނަމަ އެމީހުންގެ މނިވަންކަން ގެއްލުނީއެވެ. އެހެންވެ އެއް ބައަކު އަޢުރަ ނިވާނުކޮށް މިތިބެނީ މިނިވަނުންގެ ގޮތުގައި ތިބޭކަން ދައްކަންވެގެންނެވެ. 

ޢުމުރުން 70 އަހަރުން މަތިވުމުންވެސް ބުރުގާ ނާޅާތަނުގައި ޒަމާނީ ފެޝަންތަކަށް އިސްތަށިގަނޑު ކޮށާލައި ކަރާއި ކަނދުރާ ދައްކައިގެން އުޅޭ އަންހެނުންގެ ކިބައިން އެފެންނަނީ މިބުނި ކަންތަކެވެ. މިބުނި ފަދަ މިނިވަންކަމެވެ. މައްސަލައަކީ އެމިނިވަންކަމުގައި ތިބެގެން މުސްލިމުންނަށް ރިވެތި އަޚްލާޤީ ފިލާވަޅުތައް ކަމަށްބުނެ ވާހަކަދައްކައި އުޅޭކަމެވެ. އެފަދަ މީހުން ދައްކާ ވާހަކަ އަޑުއަހަން ހެޔޮވެސް ނުވާނެއެވެ.   

ޙަޤީޤަތުގައި އެއީވާ ހާދަ މޮޔަބައެކެވެ. އެހެނީ އެގޮތަށް ވިސްނާ މީހުންނަށް އެތިބެވެނީ މިނިވަންކަމަކު ނޫނެވެ. އެންމެ ނުބައިކަންބޮޑު އަޅުވެތިކަމުގައެވެ. ޝައިޠޯނާގެ އަޅުވެތިކަމުގައެވެ. 

މިއީ އެއްވެސް ހާލެއްގައި ޝައްކުވެސް ކުރަންޖެހޭނެ ކަމެއް ނޫނެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯނުލަނބާ ކޮންމެ މީހަކީ އިބިލީހުގެ ކަސްތޮޅުން ކަސްތޮޅުއެޅި ބަނދެވިގެންވާ މީހެކެވެ. އެއެފަދަ ޙާލުގައި ތިބޭ މީހުންނަށް ނުއެނގެނީއެވެ. އެމީހުންނަށް އެތިބެވެނީ މިނިވަންކަންމަތީގައިކަމަށް ޤަބޫލުކުރެވިގެން އެއުޅެނީ އެކަން އެގޮތަށް (އޭނާއަކީ މިނިވަނެއްކަމަށް) ޝައިޠޯނާ ވިސްނައިދޭތީއެވެ. 

ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެވޭނީ ޝައިޠޯނާގެ ކަސްތޮޅުން ނެއްޓެވިގެންނެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް ފުރިހަމަ މިނިވަންކަމުގައި އެވަނީ އަޢުރަ ނިވާކޮށްގެން ތިބި މީހުންނެވެ. އެހެނީ އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާނެ މިނިވަންކަމަކީ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރުމުގެ މިނިވަންކަން ކަމުގައިވާތީއެވެ. 

ބައެއް މީހުން އައިސް ބުނެފާނެއެވެ. މިވެނި އެވެނި އަޅުކަމެއް ކުރަން ބޭނުންވެއެވެ. ނަމަވެސް އަދި އަހަރެން އެކަމަށް ތައްޔާރެއް ނޫނެވެ. 

ވިސްނާށެވެ! ތައްޔާރުވެގެން ކުރަން ލަސްކުރެވޭނީ ލަސްކުރުމުގެ އިޚްތިޔާރު ދެއްވަވާފައި ހުރި ކަންކަމެވެ. ފަރުޟާއި ވާޖިބު އަދާކުރުމަކީ އިސްލާމްކަން ޤަބޫލުކުރުމަށްފަހު ވަގުތުން ކުރަން ޖެހޭ ކަންކަމެވެ. 

"އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިއަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (ނޫރު: 31) 

ދެން ނިކަން ބުނެބަލާށެވެ! އިތުރަށް ދެއްކެން އޮތީ ކޮން ބަހަނާއެއް ހެއްޔެވެ؟ ތިއަ ދައްކަނީ ކޮން ތައްޔާރުވުމެއްގެ ވާހަކަ ހެއްޔެވެ؟ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މުއުމިން އަންހެނުން ތިބެން އަންގަވާފައި އެވަނީ މޫނާއި ދެއަތްތިލަ ފިޔަވައި ނިވާކޮށްގެންނެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކޮށްގެންނެވެ. 

ބައެއް ކަނބަލުން ޙިޖާބަ އެޅުމާއިމެދުވެސް މިފަދައިން ބުނާތީ ކަންބޮޑުވަމެވެ. އެގޮތަށް ބުނެވޭނަމަ އެހުރެވެނީ ޝައިޠޯނާގެ ކަސްތޮޅުން ކަސްތޮޅުއެޅިފައެވެ. ޢައުރަ ފޮރުވަން އަދި ތައްޔާރު ނުވާ ކަމަށްބުނުމަކީ ކިހިނެއް ޤަބޫލުކުރެވޭނެ ވާހަކައެއް ހެއްޔެވެ؟ ޙިޖާބަ އެޅުމަކީ ވަކި ގޮތަކަށް ތައްޔާރުވެގެން ކުރަންޖެހޭ ކަމެއް ހެއްޔެވެ؟ ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި ހިތުން ޤަބޫލުކުރުމާއިއެކު އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟ 

އެނގޭ ކަމަކީ ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ މިންވަރަށް ނުފޮރުވި ހުންނަ ކޮންމެ އަންހެނަކު އެހުންނަނީ ﷲ ތަޢާލާ އެކަނބަލުން ތިބުމަށް އަންގަވާފައިވާ އިމުގައި ނޫން ކަމެވެ. އޭނާގެ އަމިއްލަ އިމުގައި ކަމެވެ. އެނޫން ގޮތަކަށް އެކަން މާނަ ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ހުރިހާ ދީނީ ޢިލްމުވެރިން އިއްތިފާޤްވެވަޑައިގަންނަވައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން