އެކުވެރިއަކަށް، ޢާއިލާގެ މީހަކަށް އަދި ތިމާގެ ޙަޔާތުގެ ބައިވެރިޔާއަށް ނަމަވެސް ދެފަހަރަކު މާފުކުރަން ޖެހިއްޖެނަމަ ގިނަ ބައަކަށް އެކަންވަނީ ވަރަށް ބޮޑު ކަމަކަށެވެ. އަދި ބައެއް މީހުންނަށް ފުރަތަމަ ފަހަރަށް މާފުކުރުމަކީވެސް ކުރަން ބޮޑު ކަމަކަށްވެއެވެ. އެގޮތަށް އެކަން ނުކުރާށެވެ. މާފުކުރުމުގައި ދީލަތިވާށެވެ!
މީސްތަކުންނަށް ގިނަގިނައިން މާފުކުރުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވެގެންދާނެ ކަމެކެވެ. ވީމާ ކިތަންމެ ގިނައިން މާފުކުރަންޖެހުނަސް ކަންބޮޑުނުވެ މާފުކުރަމުން ގެންދާށެވެ. އަދިވެސް ކީއްހެއްޔެވެ؟ އުފާވެރި ޒަވާޖީ ޙަޔާތެއްލިބުން އޮތީވެސް ދެމަފިރިން އެކަކު އަނެކަކަށް މާފުކުރުން ގިނަކުރިވަރަކުންނެވެ.
އަހުރެމެން މީހަކުދެކެ ރުޅި އަންނަންވާނީ އެމީހަކު ކުރާ ކަމެއްގެ ސަބަބުން ދީނަށް ގެއްލުމެއް ލިބިދާނެ ނަމައެވެ. އެމީހާގެ ދީންވެރިކަމަށް ނަމަވެސްމެއެވެ. އެހެނީ އެކަން ސުންނަތުން ސުންނަތުން އޮތީ ފެންނާށެވެ!
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ކަންކަމުގައި ނުރުހުންވެވަޑައިގެންނެވިއެވެ. ކޯފާ އިސްކުރެއްވެވިއެވެ. އިންސާނަކަށްވީތީ އެކަން ކުރެއްވެވޭކަމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ.
އަދި ޢާއިޝަތުގެފާނުގެ ބަސްފުޅުން އެކަން ޘާބިތުވެސްވެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޯފާވެވަޑައިގަތުމުން މޫނުފުޅުމަތިން އެކަމުގެ އަސަރު ފެނިވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.
އަހުރެމެންނަށްވެސް ރުޅި އައުދެވޭނެއެވެ. އެހެނަސް އެއީ ތިމާ އާއި ގުޅުންހުރި ކަމެއްނަމަ ރުޅި އިސްނުކޮށް މާފުކުރާށެވެ. އޭނާކުރި ނުބައިކަންތައް އޭނާއަށް ދޫކޮށްލާށެވެ. ދީނާއި ގުޅުންހުރިކަމެއް ނަމަ ހެޔޮ ގޮތް ބުނެދޭށެވެ. އެމީހަކު އިޞްލާޙްވުމުން ނުވަތަ ތައުބާވުމުން އެކަން އެއޮތީ އެހިސާބުން ނިމިފައެވެ. އިތުރަށް އެކަމުގެ ވާހަކަ ނުދައްކާށެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން