ގިނަވާނީ ދިރިއުޅުމަށް ވިހަލާނެ ހަރުފަކަން ދަނެގެން ވާހަކަނުދައްކާނަމަ ލިބޭނެ ދެރަ ވަރަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ގިނަވާނީ ދިރިއުޅުމަށް ވިހަލާނެ ހަރުފަކަން ދަނެގެން ވާހަކަނުދައްކާނަމަ ލިބޭނެ ދެރަ ވަރަށް ބޮޑުވާނެ!

ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއްދެރައަކީ އެއްވެސް މީހެއްގެ ގާތުގައި ނުބުނަން ނިންމައިގެން ހުންނަ ވާހަކަތައްވެސް ބުނެވޭކަމެވެ. އެހެންވެ ސިއްރުތައް ބޭޒާރުކުރެވޭކަމެވެ. މިކަން މިގޮތަށް މެދުވެރިވަނީ ސަބަބެއް ނެތިއެއް ނޫނެވެ.  

ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެސަބަބަކީ މާގިނަ ވާހަކަ ދައްކަން ބޭނުންވެވޭ ކަމެވެ. އަނެކާއަށްވުރެ ގިނައިން ވާހަކަދައްކަން މަސައްކަތްކުރެވޭ ކަމެވެ. އަދި މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.  

މިކަމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވިސްނާނުލައި ސުރުޚީ އަޅައިލެވޭކަމެވެ. ނުވަތަ މިހާރުގެ ބަހުރުވައިންނަމަ ހިންޓެއްދެވޭކަމެވެ. އެއިރުން އަނެކާ ބުއްދީގެ ބޭނުންކޮށްގެން ކޮނެގަންނަންފަށަނީއެވެ. ސުވާލުތައް ކުރަން ފަށަނީއެވެ. ޖަވާބުދޭން މަޖުބޫރުވަނީއެވެ.  

އެގޮތަށް އެކަން ނުކުރާށެވެ. އަނެކާ ދައްކާ ވާހަކައަށް ވިސްނައިގެން ވާހަކަދައްކާށެވެ. އިތުރަށް ވާހަކަދައްކަން ނުހަދާށެވެ. ޚާއްޞަކޮށް އަމިއްލަ ދިރިއުޅުމުގެ ވާހަކަދައްކާއިރުއެވެ. ބައިވެރިޔާގެ ކިބައިން ލިބޭ ހިތްހަމަޖެހުމާއި ކޮސްދޭ ކަންތަކާއި ތިބާއަށް ސަމާލުކަންދޭވަރުގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާށެވެ.  

މިކަންކަމަށް ސަމާލުކަން ނުދޭނަމަ ގިނަވާނީ ދިރިއުޅުމަށް ވިހަލާނެ ހަރުފަތަކެވެ. އެސްފީނާލާނެ މީހުންނެވެ. ވީމާ ލިބޭނެ ދެރަ ވަރަށް ބޮޑުވާނެއެވެ!

 

- ބުއްދިވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން