ކުރިމަތިވެފައިވާ މައްސަލަ މިއަދުވެސް އަދި މާދަމާވެސް ޙައްލުނުވެދާނެއެވެ. ޙައްލުކުރެވެން މުއްދަތެއް ނަގައިފާނެއެވެ. ވިސްނާލަން އޮތީ އެންމެ ކަމަކަށެވެ. އެއީ އެމައްސަލައާއިއެކު އެބަ ދިރިހުރެވޭ ހެއްޔެވެ؟ ދިރިހުރެވޭނަމަ އެއީ އެކަން ޙައްލުކުރެވި ކާމިޔާބުކުރެވޭނެކަން އަންގައިދޭ ކަމެކެވެ.
ފަހަރެއްގައި މިއަދު ތިބާހުރީ އިއްޔެއަށްވުރެ ހިތްދަތި ޙާލެއްގައިކަމަށްވެދާނެއެވެ. އެހެންކަމަށްވާނަމަ ވިސްނާށެވެ! އިއްޔެ ތިބާއަށް އުފަލުގައި ހުރެވުނީވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. އަދި މިއަދު ހިތްދަތިކަމުގައި ހުންނަން ޖެހިފައިވަނީވެސް ހަމަ ﷲ ތަޢާލާގެ މިންވަރުފުޅުންނެވެ. ދެ ގޮތަކީވެސް ހަމަ ތަޤްދީރެވެ.
ހިތްދަތިކަމެއް ކުރިމަތިވުމުން ވިސްނަންވީ އުފަލުގައި ހުރެވުނު ދުވަސްތައް މަތިންނެވެ. ހަމައެއާއިއެކު ތިމާއަށްވުރެ މާހިތްދަތުިޙާލުގައި އުޅެމުން އަންނަ އެތައް މިލިއަން މީހުންގެމަތިންނެވެ. ވިސްނާށެވެ! އެހައި ބޮޑު ހިތްދަތިކަމުގައިވެސް އެމީހުންވެސް އެއުޅެނީއެވެ. އަހުރެންނަށް ނުއުޅެވެންވީ ކީއްވެގެން ހެއްޔެވެ؟
ޔަޤީންކުރަންވީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ، އެންމެހައި މީސްތަކުންނަށް އޯގާތެރިވަންތަ ﷲ ތަޢާލާ ތިމާ ނިކަމެތި ނުކުރައްވަވާނެކަމެވެ. އަބަދު ހިތްދަތިކަމުގައި ހުންނަން ނުޖައްސަވާނެ ކަމެވެ. އުފާވެރިކަން ދެއްވަވާނެ ކަމެވެ. ދުނިޔޭގައި އުފަލުގައި އުޅެވޭނީ މިބުނި ކަންކަމަސް ސަމާލުކަން ދެވުނުވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން