އަހުރެމެން ވިސްނަންވީ ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމަށެވެ. ކުރާ އަޅުކަމުގައި އިޚްލާޞްތެރިވާ ފަދައިން އެމީހަކު އަދާކުރާ ވަޒީފާގައިވެސް އިޚްލާޞްތެރިވާންޖެހެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބޭނީ އެއިރުންނެވެ.
ބައެއް މީހުން ވެރިމީހާގެ ރުހުން ހޯދަން، ތިމާއަށް ކުރަން ދީން ހުއްދަ ނުކުރާ ކަންކަން ކުރެއެވެ. އެއިގެ ތެރޭގައި އިސްލާމްދީން ހުއްދަނުކޔރާ މުޢާމަލާމާތުކުރުމާއި އެހެން މީހުންނަށް އޮޅުވައިލުން ފަދަ ކަންކަންވެސް ކުރެއެވެ. އެއްވެސް ފެންވަރެއް ނެތް ތަކެތި އެއީ އެންމެ ފެންވަރު ރަނގަޅު ތަކެތިކަމަށްބުނެ އޮޅުވާލައިގެން ވިއްކުން ފަދަ ކަންކަން ކުރެއެވެ. މިހުރީ ބޮޑެތި ޙަރާމް ކަންކަމެވެ.
އަންހެން މުވައްޒިފުން ވެރިމީހާ ރުއްސަން ވެރިމީހާއާއިއެކު އިސްލާމް ދީން ހުއްދަ ނުކުރާ ގުޅުންތައް ހިންގައެވެ. އެކަންކަން ކުރުމުން ވެރިމީހާދޭ ހަދީޔާގައި ހިފައި ބޭނުންކުރެއެވެ. މިހުރީވެސް ހަމަ ބޮޑެތި ޙަޜާމް ކަންކަމެވެ.
ރަނގަޅަށް ވިސްނައިލާށެވެ! ތިބާއަކީ ތަނުގެ ވެރިން ލޯބިވާ ނުވަތަ ރުހޭ މީހަކަށްވިޔަސް ވަރަށް ފަސޭހައިން ވަޒީފާއިން ވަކިކުރަނީ މަދަކުން ނޫނެވެ. އެއީ ލޯބިވުމާއި ރުހުމަކީ ކޮންމެ ވވަޤުތަކުވެސް ބަދަލުވާ ކަންކަމަށްވާތީއެވެ. އެފަދަ މީހަކު ވަޒީފާއިން ވަކިކުރުމަކުން ތަނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތީމައެވެ.
އެއިގެ ބަދަލުގައި ތިބާގެ މަސައްކަތުގައި ހަރުދަނާވެ ތިބާއަކީ އާދައާޚިލާފަށް ރަނގަޅަށް މަސައްކަތްކުރާ، ތެދުވެރި ގޮތުގައި ތަނަށް ފައިދާ ހޯދައިދޭ މީހަކުނަމަ ވަޒީފާއިން ވަކިކުރަން ބޭނުމެއް ނުވާނެއެވެ. ސަބަބަކީ ތިބާގެ ސަބަބުން ތަނަށް ލިބެމުން އަންނަ ފައިދާ ލިބުން ހުއްޓިދާނެތީއެވެ. އެކަމުގެ ސަބަބުން ތަނަށް މާލީ ގޮތުން ގެއްލުންތަކެއް ލިބިގެންދާނެތީއެވެ. ތަނަށް ފައިދާ ހޯދައިދޭ މުވައްޒިފަކު ދޫކޮށްލަން ބޭނުންނުވާނެތީއެވެ.
ވީމާ މަސައްކަތްކުރަންވީ ތިމާ ކުރާ މަސައްކަތުގައި އިޚްލާޞްތެރިވުމަށެވެ. ތިމާގެ ސަބަބުން ތިމާ މަސައްކަތްކުރާ ތަނަށް ފައިދާ ހޯދައިދޭ މުވައްޒިފަކަށްވާށެވެ! ވެރިންގެ ކިބައިން އެކަމަށް ލިބޭ ސަމާލުކަމުން ތިމާއަށް ކުރާނެ ފައިދާ މާބޮޑުވާނެއެވެ.
ކަމުގެ ހަޤީޤަތަކީ މިއީ ނަމަވެސް މިއަދު ގިނައިން މިފެންނަނީ ވެރިންގެ ރުހުން ހޯދައިގެން ކުރިއަށްދާން މަސައްކަތްކުރާ މުވައްޒިފުންނެވެ. އެހައި ފަސޭހައިން ވަޒީފާ ގެއްލޭ ސަބަބަކަށްވަނީ އެކަމެވެ.
ގޮތްބަލަންވެސް ވަޒީފާގައި ތެދުވެރިވެބަލާށެވެ! ދިމާވާ ގޮތަކުން ވަޒިފާއިން ވަކިކުރިޔަސް މާރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ. އެއީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން