މޫޑްގޯސްވެލާއިރަށް އަޅުކަން ނުކުރެވޭނަމަ އެމީހެއްގެ މޫޑު ދުވަހަކުވެސް ރަނގަޅުނުވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މޫޑްގޯސްވެލާއިރަށް އަޅުކަން ނުކުރެވޭނަމަ އެމީހެއްގެ މޫޑު ދުވަހަކުވެސް ރަނގަޅުނުވެދާނެ!

ކޮންމެ މީހަކުވެސް ހިތުގެ އަޑިން ލޯބިވެގެން ކައިވެނިކުރާނަމަ އެމީހަކާއި ދުވަހަކުވެސް ވަކިނުވާނަން ކަމަށް ބުނާނެއެވެ. އަދި ކައިވެންޏަށްފަހު އެކަން ދަމަހައްޓަންވެސް މަސައްކަތްކުރާނެއެވެ.  

ކައިވެނިކޮށްގެން އުޅެނިކޮށް ބައިވެރިވާ އެކްސިޑެންޓެއްވެފައި މޫނުގައި ލަކުނެއް ލިޔަސް އަދި ނުކުޅެދޭ ޙާލަތަކަށް ދިޔަޔަސް ހަމަ ލޯބިވާނެއެވެ. ލޯބިން ބައިވެރިޔާ ބަލައި އުފަލުގައި ގެންގުޅެން މަސައްކަތްކުރާނެއެވެ. އޭނާއަށް ދެރަ ގޮތެއް ނުހަދާނެއެވެ. އޭނާ ބާކީކޮށް އެއްލައެއްވެސް ނުލާނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެއިގެ މާނައަކީ އޭނާ ދެކެ ލޯބިނުވާކަމެވެ.  

ދެން އޮތީ ރީތިކަމަށް ލޯބިވާ މީހުންނެވެ. ރީތިކަމަށް ލޯބިވެގެން އުޅެނިކޮށް މިބުނި ފަދަ ޙާލަތެއް ކުރިމަތިވިޔަސް އަދި އެނޫން ސަބަބެއް މެދުވެރިވެގެން ސިފަހުތުރުވިޔަސް އެމީހަކާއި ވަކިވާނެއެވެ. އެއީ އޭނާގެ ރީތިކަން ޝަރުޠުކޮށް ލޯބިވާތީއެވެ. ރީތިކަން ގެއްލިގެން ދިއުމުން އެޝަރުޠު އޭނާގެ ކިބައިން ފިލައިގެންދާތީއެވެ.  

ދެން ބަލައިލަންވީ އަހުރެމެން ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވުމާއިމެދުގައެވެ. ބައެއް މީހުން ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވަނީ ތިމާއަށް ތަނަވަސްކަމާއި އުފާވރިކަން ލިބިފައިވާނަމައެވެ. އެނޫން ޙާލަތަކަށް ކަންކަންދާއިރަށް ﷲ ތަޢާލާ ދޫކޮށްލައި ދުރަށް ޖެހެއެވެ.  

ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކިޔަމްނަތެރިކަން އަދާނުކުރާނަމަ، ކުރަންޖެހޭ އަޅުކަން ނުކުރާނަމަ، ފާފަތައް ކުރާނަމަ ތިމާއަށް އެވަނީ ﷲ ތަޢާލާ ދޫކޮށްލެވިފައެވެ. ދުލުން ތިމާ މިހުންނަނީ ﷲ ތައާލާއަށް ލޯބުވުންމަތީގައި ކަމަށް ބުނި ނަމަވެސް އެއީ ތެދަކަށް ނުވާނެއެވެ.  

އަހުރެމެން ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާންޖެހޭނީ އެންމެ ފުރަތަމަ މިބަޔާންކުރިފަދައިން ހިތުގެ އެންމެ އަޑިންނެވެ. ހިތުގެ އެންމެ އަޑިން ލޯބިވެވިއްޖެނަމަ ދުނިޔޭގައި ތިމާއަށް ކުރިމައތިވާ އެއްވެސް ކަމަކާއި ގުޅިގެން އެމީހަކު ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަމަކަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ.  

ބިރުވެތިވާށެވެ! ކުރިމަތިވާ ކަމެއްގެ ސަބަބުން މޫޑްގޯސްވެލާއިރަށް އަޅުކަންކުރުމާއި ދުރުހެލިވެވޭނަމަ އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހަކަށް ނުވެވޭނެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރަނގަޅު މޫޑެއްގައި ހުންނަން ނުލިބުމަކީވެސް މެދުވެރިވެދާނެ ކަމެކެވެ. ކުރިމަތިވި ކަންތަކުން އަރައިގަނެވޭނީވެސް މޫޑު ރަނގަޅު މީހަކަށް ވެވިގެންނެވެ.  

ބަދަލު އެގެނެވެނީ މީހަކު ދެކެ ލޯބިވާއިރު ރީތިކަން ޝަރުޠުކުރެވޭ ފަދައިން ތިމާއަށް ނިޢުމަތްތައް ދެއްވަވާފައިވާނަމަ ލޯބިވުން ޝަރުޠުކުރެވޭތީއެވެ. މިއީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ޝަރުޠެއް ނޫނެވެ. އަހުރެމެންނަށް އޮތީ ކޮންމެ ޙާލަތެއްގައި ނަމަވެސް ﷲ ތަޢާލާ ދެކެ ލޯބިވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވުމެވެ. މިދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުވުން އޮތީ ކުރިން މިބުނި ފަދައިން ހިތުގެ އެންމެ އަޑިން ﷲ ތަޢާލާ ދެކެ ލޯބިވެގެންނެވެ. އެކަން ޢަމަލުތަކުން ދައްކައިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން