އިންސާނުން މަގުފުރައްދަވަން ބޭނުންވުމުން ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ. އެގޮތުން އަންހެނުން މަގުފުރެއްދުވުމަށްޓަކައި ވިސްނައިދޭ ކަންކަމުގެ ސަބަބުން ގެއްލިގެންދަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.
ކައިވެނި ކުރުމަކުން އެއްވެސް މީހަކީ އަނެކާގެ މިލްކަކަށްނުވާނެއެވެ. އެހެނީ އެއްވެސް އިންސާނަކީ އަނެއް އިންސާނެއްގެ މިލްކެއް ނޫނެވެ. އަދި ކޮންމެ އިންސާނަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. ކައިވެނިކުރުމަށްފަހު އޮތީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމެވެ. އެއީ އަނެކާ މާމަތިވެރިވެގެންނެއް ނޫނެވެ. ދިރިއުޅުން ބާއްޖަވެރިކުރެވޭނީ އަނެކާއަށް އިޙްތިރާމްކޮށްގެން ކަމަށްވާތީއެވެ.
އަޅުވެތިކަމާއި މިނިވަންކަމުގެ ނަމުގައި އަންހެނުންނަށް ނުރަނގަޅު ވާހަކަތައް ކިޔައިދީގެން އެމީހުންނަކީ މިނިވަނުން ކަމަށް ދައްކުވަން ބާޒާރަށް ނެރެ ވިއްކަނީއެވެ. ކުރަނީ ފާފައެވެ. އެއިރުން އެވާގޮތް އެނގޭހެއްޔެވެ؟ އޭނާގެ މިލްކުވެރިފަރާތަށް އޭނާ ނުކިޔަމަންތެރިވަނީއެވެ. ސަބަބަކީ އެއްވެސް އިންސާނަކަށް ފާފަކުރުމުގެ ހުއްދަ ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ.
އަހުރެންނަކީވެސް ﷲ ތަޢާލާގެ އަޅަކީމެވެ. އަހުރެންގެވެސް މިލްކުވެރި ފަރާތަކީ ﷲ ތަޢާލާއެވެ. އަހުރެން އެއްވެސް ފާފައެއް ކުރާނަމަ އެކަން އެކުރަނީ އަހުރެންގެ މިލްކުވެރިފަރާތާއި ދެކޮޅަށެވެ. ފާފަކުރުމުން ޢަޛާބް ދެއްވަޥާ ސަބަބަކީވެސް އެއީއެވެ. ﷲ ތަޢާލާގެ މިލްކެއްގެ ބޭނުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތަށް ހިފާތީއެވެ.
ލޮބުވެތި ކަނބަލުންނޭވެ! އަނބިންނޭވެ! ފާފަނުކުރަންވީ ފިރިމީހާއަށްޓަކައެއް ނޫނެވެ. ތިބާއަކީވެސް ﷲ ތަޢާލާގެ މިލްކަކަށްވާތީ ތިބާގެ މިލްކްވެރިފަރާތަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ތިބާއަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަންނަން ބޭނުންވާނެ މީހަކު ކަމުގައިވާތީއެވެ. ސުވަރުގެ ވަންނަން ބޭނުން ނޫންނަމަ ދިރިހުރިހައި ހިނދަކު ފާފަކުރަމުން ގެންދަންވީއެވެ. ތިބާ ފާފަކުރުމާއި ފިރިމީހާގެ އަޅަކަށްވުމާއި ނުވުމާއިމެދު އެއްވެސް ގުޅުމެއް ނެތެވެ.
މިއަދު ގޮތް ނިންމުން އޮތީ ތިބާއަށެވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާ ތިބާއާއިމެދު ގޮތް ނިންމަވާނީ މިއަދު ތިބާ ގޮތް ނިންމައި ޢަމަލުކުރި ގޮތުގެ މައްޗަށެވެ. ﷲ ތަޢާލާގެ ފަޅީގައި ނުހުރެވުނުނަމަ ކުރިމަތިވާނެ ކަންކަމާއި ﷲ ތަޢާލާގެ ފަޅީގައި ހުރެވުނުނަމަ ކުރާނެ ބޮޑު ފައިދާ ތިއަ ކަނބަލުންނަށްވެސް އެނގޭނެއެވެ. އެއީ ސުވަރުގެ ވެއްދެވުންކަންވެސް އެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން