ކުރެވެމުން އަންނަ ފާފަތައް ކުރުން ހުއްޓާލައި ސަލާމަތްވާން ބޭނުންނަމަ އެކަމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކުރެވެމުން އަންނަ ފާފަތައް ކުރުން ހުއްޓާލައި ސަލާމަތްވާން ބޭނުންނަމަ އެކަމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު!

ބައެއް މީހުން ބުނެއެވެ. "އަހުރެންނަށް މިވެނި ފާފައެއް އެބަ ކުރެވެއެވެ. ހުއްޓާލަން މަސައްކަތްކުރަމެވެ. ނަމަވެސް ކާމިޔާބެއް ނުވެއެވެ. ހަމަކުރެވެނީއެވެ." 

މިވާހަކަ ޤަބޫލުކުރަން އުނދަގުލެވެ. މައްސަލައެއް އެބަ އޮތެވެ. އެހެނީ މީހަކު ﷲ ތަޢާލާއަށް ބިރުވެތިވެ އެމީހަކަށް ކުރެވޭ ފާފައެއް ހުއްޓާލަން މަސައްކަތްކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. އިތުރުވަމުންނެވެ. އެހެންކަމަށްވާއިރު ހުއްޓައި ނުލެވޭނީ އެކަމަށް އިޚްލާޞްތެރި ނިޔަތެއް ނެތުމުންނެވެ. އަދި ހިފަންޖެހޭ ސަބަބުތަކުގައި ނުހިފޭތީއެވެ. 

ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. ތިބާ އާއި ތިބާގެ އެކުވެރިންނަކީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބަލާ ބައެކެވެ. އެއީ ކުރެވޭ ބޮޑު ފާފައެއްކަން ތިބާއަށް ވިސްނި އެފާފަކުރަން ހުއްޓާލަން ބޭނުންވަނީއެވެ. ހުއްޓާލަން މަސައްކަތްވެސް ކުރަނީއެވެ. އެކަމަކު އުޅެނީ ހަމައެ އެކުވެރިންނާއިއެކުގައެވެ. 

ބުނަންހެއްޔެވެ؟ ފާފައެއް ކުރާ އެކުވެރިންނާއިއެކުގައި އުޅެމުން އެމީހުން ކުރާ ފާފައެއް ނުކޮށް ހުރުމަކީ ނުވަތަ ތިމާ އެކަމަކުން ދުރުހެލިވުމަކީ ވަރަށް ނުކުރެވޭނެ ކަމެކެވެ. މާނައަކީ ކުރެވޭ ފާފަ ހުއްޓައިލެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި އެމީހުންނާއިއެކުގައި އުޅޭނަމަ ފާފަކުރުން ހުއްޓާލަން ހިފަންޖެހޭ ސަބަބުތަކުގައި ހިފުނު ކަމަކަށް ނުވާނެއެވެ. 

އެކުގައި އުޅެން ރަނގަޅު އެކުވެރިން އިޚްތިޔާރުކުރަން އިސްލާމް ދީނުގައި އެހައި ބޮޑަށް ބާރު އަޅުއްވަވާފައިވަނީ އެހެންވެގެންނެވެ. މީހެއްގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންނަމަ އެމީހާގެ އެކުވެރިންގެ އުޅުމަށް ބަލަން އޮންނަނީ އެހެންވެގެންނެވެ. މިހިރީ އަހުރެމެންނަށް ދެކޮޅު ހެދޭނެ ކަންކަމެއް ނޫނެވެ. 

ފާފަކުރުން ހުއްޓާލަން ބޭނުންނަމަ ފުރަތަމަ ކަމަކަށްވެސް އެފަދަ ފާފަ ކުރާ އެކުވެރިންނާއި ދުރުހެލިވާށެވެ! ދުރުހެލި ނުވެ ފާފަކުރުން ހުއްޓައލެވުމަކީ ކުރެވޭނެ ކަމެއްކަމަށް ބުނެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން