ތަޖުރިބާއިން އެނގޭ ގޮތުގައި މީހަކު ދެކެ ލޯބިޔަސް، ތިމާ އެމީހަކު ދެކެ ލޯބިވާ މީހަކު ލޯބި ހުށަހެޅިޔަސް އެކަން ވަޤުތުން ޤަބޫލުނުކޮށް ކުޑަކޮށް ބަހަނާ ދައްކާލާފައި ހިފަހައްޓައިލުމަކީ އެލޯބި ހޯދަން އަނެކާގެ ޝައުޤުވެރިކަން އިތުރުވާ ކަމެވެ.
ކޮންމެއަކަސް މީހަކު ލޯބި ހުށަހަޅައިފިނަމަ އެހާ ފަސޭހައިން ރުހޭ ބަސްނުދޭށެވެ. އެކަން ޤަބޫލުކުރާކަން ހާމަނުކުރާށެވެ. ޢާއިލާގެ ރުހުން ހޯދަންޖެހޭނެކަން ފަދަ ޢުޛުރެއް ދައްކާށެވެ. އެކުގައި މަސައްކަތްކުރާ މީހަކުނަމަ އެއްތަނެއްގައި މަސައްކަތްކުރަމުން ލޯބިވެގެން އުޅުން އުނދަގޫވާނެ ކަމަށް ބުނާށެވެ. އަދި މިނޫންވެސް މިފަދަ ކޮންމެވެސް ޢުޛުރެއް ދައްކައިލާށެވެ.
އެއިރުން އޭނާ ތިބާދެކެ ޙަޤީޤީ ލޯބިވާނަމަ އެކަން ކާމިޔާބުކުރަން އިތުރަށް މަސައްކަތްކުރާނެއެވެ. ކެތްތެރިވެލައިގެން މަޑުކޮށްލައިގެން ދުވަސްކޮޅަކު ހުރެ އެގޮތުން ކުރާ މަސައްކަތަށް ބަލައި ރުހޭ ބަސްދޭން ފެންނަނަމަ ރުހުންދޭށެވެ.
ހަމައެއާއިއެކު ރުހުން ދިނުމުގެ ކުރިން ތިބާގެ ހިތް ބޭނުންވާ ކަންކަން ކިޔައިދޭންވާނެއެވެ. މިޘާލަކަށް ދެރައެއް ދީފިނަމަ އެކަމުން ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ބުނަންވާނެއެވެ. ހިތުގެ އެންމެ އަޑިން ލޯބިނުވާނަމަ ލޯބިވާކަމަށް ނުބުނަން ބުނާށެވެ.
ބައެއް މީހުންނަކީ ލޯބިވަމުން ކިތަންމެ ގިނަ ވަޢުދުތަކެއްވެފައިވާ ބައެއް ނަމަވެސް ފަހުން އެކަންކަން ހަނދާން ހުންނަ ބައެއް ނޫނެވެ. އެވަޢުދުތައް މަތިން ހަނދާންކޮށްދިންނަމަވެސް އެއީ މާޒީކަމަށް ބުނެ ސަމާލުކަން ނުދޭ މީހުންވެސް ގިނަވާނެއެވެ. އެއިގެ މާނައަކީ ވަކިނުވާނެ ކަމަށް ވަޢުދުކުރުވުމުގެ ބޭނުމެއް ނެތްކަމަށް ނިންމުމެއް ނޫނެވެ. ވަޢުދުތައް ހަނދާންވުމުން އެކަމަށް ވިސްނާނެ ބައަކުވެސް އުޅޭނެއެވެ.
- އަލަފް / މިއަދުނޫސް