ޢަލީ އިޙްޞާން ފިރާޤް
މަސްޖިދުލް އަޤްޞާ ތަޢުމީރު ކުރެއްވުން:
މަސްޖިދުލް އަޤްޞާއަކީ، މި ދުނިޔެމަތީގައި މާތްﷲ އަށް އަޅުކަން ކުރުމަށްޓަކައި ބިނާކުރެވުނު ދެވަނަ މިސްކިތެވެ. އެ މިސްކިތް ބިނާކުރެވުނީ ކަޢުބާ ބިނާކުރެވުނުތާ 40 އަހަރު ފަހުންނެވެ.
އަބޫ ޒައްރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި ސުވާލު ދެންނެވީމެވެ. [މި ބިމުގައި އެންމެ ފުރަތަމަ ބިނާކުރެވުނީ ކޮން މިސްކިތެއް ހެއްޔެވެ؟] ޙަދީޘް ކުރެއްވިއެވެ. [މަސްޖިދުލް ޙަރާމެވެ.] އަހަރެން ދެންނެވީމެވެ. [ދެން ކޮން މިސްކިތެއް ހެއްޔެވެ؟] ޙަދީޘް ކުރެއްވިއެވެ. [މަސްޖިދުލް އަޤްޞާއެވެ.] އަހަރެން ދެންނެވީމެވެ. [އެދެމެދުގައި ކިހާ މުއްދަތެއްވޭތޯއެވެ.] ޙަދީޘް ކުރެއްވިއެވެ. [ސާޅިސް އަހަރެވެ.] {صحيح مسلم، كتاب الْمَسَاجِدِ وَمَوَاضِعِ الصَّلاَةِ، ޙަދީޘް 520}
ތާރީޚް ޢިލްމުވެރިން ވިދާޅުވާގޮތުގައި މަސްޖިދުލް އަޤްޞާ ބިނާކުރެއްވީ يَعْقُوب عليه السّلام އެވެ. އެއަށްފަހު ދުވަސްތައް ފާއިތުވަމުން އައިސް سليمان عليه السّلام ގެ ރަސްކަމަށް އެޅުނުއިރު އެމިސްކިތް ހުރީ ބާވެ، އާބާތުރު ފިލުވަންޖެހިފައެވެ.
އެހެންކަމުން سليمان عليه السّلام ޤަޞްދުކުރެއްވީ ޖިންނީން ލައްވައި އެމިސްކިތް އަލުން ބިނާކުރެއްވުމަށެވެ. އެކަލޭގެފާނު އެމިސްކިތް ބިނާކުރެއްވީ އިހު ހުރި ބިންގަލުގެ މައްޗަށްކަމުގައި މުއްއަރިޚުން ލިޔުއްވައިފައިވެއެވެ. އިބްނު ޙަޖަރު ފަތުހުލް ބާރީގައި ލިޔުއްވާފައިވެއެވެ. ބައިތުލްމަޤުދިސް އަލުންބޮޑުކޮށް ބިނާކުރައްވަން ފެއްޓެވީ داود عليه السّلام އެވެ. ނަމަވެސް އެކަލޭގެފާނު އެމަސައްކަތްޕުޅު ކުރައްވައި ނިންމަވައި ނުލެއްވެނީސް އަވަހާރަވެއްޖެއެވެ. އެމަސައްކަތް އެއްކޮށް ނިންމަވައިލެއްވީ سليمان عليه السّلام އެވެ.
ޢަބްދުﷲ ބުނު ޢަމްރޫ ބުނުލް ޢާޞުގެ އަރިހުން އިމާމު އިބްނު މާޖާ ރިވާކުރައްވާފައިވާ ޙަދީޘްއެއްގެ މާނައިގައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
لَمَّا فَرَغَ سُلَيْمَانُ بْنُ دَاوُدَ مِنْ بِنَاءِ بَيْتِ الْمَقْدِسِ سَأَلَ اللَّهَ ثَلاَثًا حُكْمًا يُصَادِفُ حُكْمَهُ وَمُلْكًا لاَ يَنْبَغِي لأَحَدٍ مِنْ بَعْدِهِ وَأَلاَّ يَأْتِيَ هَذَا الْمَسْجِدَ أَحَدٌ لاَ يُرِيدُ إِلاَّ الصَّلاَةَ فِيهِ إِلاَّ خَرَجَ مِنْ ذُنُوبِهِ كَيَوْمَ وَلَدَتْهُ أُمُّهُ " . فَقَالَ النَّبِيُّ ـ صلى الله عليه وسلم ـ " أَمَّا اثْنَتَانِ فَقَدْ أُعْطِيَهُمَا وَأَرْجُو أَنْ يَكُونَ قَدْ أُعْطِيَ الثَّالِثَةَ " {سنن ابن ماجه، كتاب إقامة الصلاة والسنة فيها، ޙަދީޘް ނަންބަރު 1473}
މާނައީ: ދާވުދުގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު ބައިތުލްމަޤުދިސް ބިނާކޮށް ނިންމެވުމަށްފަހު މާތްﷲ ގެ ޙަޟުރަތުގައި ތިންކަމެއް ދެއްވުން އެދިވަޑައިގެން ދުޢާ ދެންނެވިއެވެ. އެއީ އެކަލޭގެފާނު ކުރައްވާ ޙުކުމްތަކަކީ މާތްﷲ ކުރައްވާ ޙުކުމްތައްފަދަ ޢަދުލުވެރި ޙުކުމްތަކެއްކަމުގައި ލެއްވުމެވެ. މާތްﷲ އެކަލޭގެފާނަށް އެކަންދެއްވިއެވެ. ދެވަނަ ކަމަކީ އެކަލޭގެފާނަށްފަހު ދުނިޔޭގައި އެއްވެސް މީހަކަށް ނުދެއްވާވަރުގެ ރަސްކަމެއް އެކަލޭގެފާނަށް ދެއްވުމެވެ. އެކަންވެސް މާތްﷲ އެކަލޭގެފާނަށް ދެއްވިއެވެ. ތިންވަނަ ކަމަކަށް އެކަލޭގެފާނު ދެންނެވީ، ހަމައެކަނި ނަމާދުކުރުމުގެ ޤަޞްދުގައި އެމިސްކިތައް އަންނަމީހާގެ ފާފަތައް އެމީހާ މަންމަގެ ބަނޑުން އުފަންވިއިރު ފުއްސަވައިދެއްވާފައިވާ ފަދައިން ފުއްސަވައިދެއްވުމަށެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ތިންވަނައަށް އެކަލޭގެފާނު ކުރެއްވި ދުޢާ މާތްﷲ އިޖާބަކުރެއްވިކަމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ.]