ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރެވޭނެ ފަސޭހަ ގޮތްތައް މިހާގިނައިރު އެކަން ނުކޮށް ތިބެން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރެވޭނެ ފަސޭހަ ގޮތްތައް މިހާގިނައިރު އެކަން ނުކޮށް ތިބެން ހެޔޮނުވާނެ!

ފަށާނީ ދާދިފަހުން ދިމާވި ކަމެއްގެ ވާހަކައިންނެވެ. އެއީ އަޞްލު އިމާމެއް ނޫނެވެ. ނަމަވެސް އިމާމުންނަށް ނައުދެވޭ ފަހަރުތަކުގައި ވަރަށް ގިނައިން ނަމާދުކުރާ އިމާމެކެވެ. އެއް ރޭ ކިޔެވިލެއް ރީތިކަމުން އެހައި ބޮޑު ދަލެއް ގެނުވީ ކިހިނަކުންތޯ ސުވާލުކުރުމުން ބުންޏެވެ. "އަނބިމީހާ ކޯސް ހަދައި ދަސްކޮސްދިނީއެވެ. މިހާރު އަހުރެންނަކީ އަނބިމީހާގެ ދަރިވަރެކެވެ." 

މިކަމުން އެނގިގެންދާ އެއްކަމަކީ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ވަކި ޢުމުރެއް ނެތްކަމެވެ. ސަބަބަކީ އެމީހާއަކީ 70 އަހަރުންމަތީގެ މީހަކަށްވާތީއެވެ. 

ކީރިތި ޤުރްއާން އުނގެނުމަށްހުރި މަގުތައް ފަސޭހަވެގެންދިއުމާއިއެކު ގިނަ ބައަކު އުނގެނެމުން އަންނަކަމީ އުފާކުރަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ގިނަ ޢަދަދެއްގެ އަންހެނުން އެކަމަށް މަސައްކަތްކުރާތީވެސް އުފާކުރަންޖެހެއެވެ. ސަބަބަކީ މައިންނަށް އެނގުމުން ދަރިންނަށް އުނގަންނައިދޭން ފަސޭހަވާނެތީއެވެ. 

ކޮންމެ މުސްލިމަކީވެސް ކީރިތި ޤުރްއާން ކިޔަވަން އެނގެން ޖެހޭނެ މީހެކެވެ. ޤުރްއާން ކިޔަވަން އެނގުމަކީ ތަޖުވީދު މަގުން ކިޔަވަން އެނގުމެވެ. އެކަމަކުވެސް ގިނަ ބައަކު ބުނަނީ އެމީހުންނަށް ޤުރްޢާން އުނގެނެން ވަޤުތުނުވާ ކަމަށެވެ. 

މިހެންބުނާއިރު ކޮންމެ މީހަކުވެސް އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރަނެ ވަޤުތު ކޮންމެ ގޮތަކުން ނަމަވެސް ހޯދާނެއެވެ. އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރާނެއެވެ. ވީމާ ޤުރްޢާން އުނގެނޭނެ ވަޤުތު ނެތްކަމަށް ބުނެ ނިންމައިނުލާށެވެ. އެހެދެނީ ދޮގެކެވެ. 

އެކަން ތިބާއަށް މުހިންމުނަމަ ކޮންމެވެސް ގޮތަކުން ވަޤުތު ހޯދައިގެން އެކަންކުރާނެއެވެ. ވީމާ އިތުރަށް ދޮގު ބުނުމުގެ ބަދަލުގައި ތިމަންނާ އެކަމަށް ޝައުޤުވެރިކަމެއް ނެތްކަމަށް ބުނުންވެސް މާރަނގަޅުވާނެއެވެ. 

މީސްތަކުންނޭވެ! ކޮންމެ ގޮތަކަށް ބުނެވެސް މިއަދު ނިންމައިލެވިދާނެއެވެ. ނަމަވެސް އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެއެވެ. އެދުވަހުން ޖެހޭނީ ހެދި ދޮގުތަކަށްވެސް ޖަވާބުދާރީވާށެވެ! ވީމާ އެކަމަށް ވިސްނައި ޤުރްއާން އުނގެނެން ކޮންމެ ގޮތަކުން ނަމަވެސް ވަޤުތުކޮޅެއް ހުސްކުރާށެވެ. 

މިޒަމާނަކީ ކްލާހަކަށް ނުދިއަ ނަމަވެސް ކިޔަވައި ދަސްކުރެވޭނެ ވަސީލަތްތައް ހުރި ޒަމާނެކެވެ. ޤާރީން ކިޔަވާ އަޑުއަހައިގެންވެސް ދަސްކުރެވިދާނެއެވެ. އޮންލައިންކޮށް ކިޔަވައިދޭ ކްލާހެއްގައިވެސް ބައިވެރިވެވިދާނެއެވެ. އެހެން ގޮތްތައްވެސް ހޯދިދާނެވެ. މުހިންމުވަނީ ކޮންމެ ގޮތަކުން ނަމަވެސް ތަޖުވީދުމަގުން ކިޔަވަން އެނގުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން