މުސްލިމް އަޚުންނޭވެ! الله سُبْحَانَهُ وَتَعَالَى ވަނީ ފާޙިޝް ކަންތައްތަކާ ދުރުހެލިވުމަށް އަހަރެމެންނަށް އަމުރުކުރައްވައިފައެވެ. އަދި ކިއެއްތަ! އެ ފަދަ ކަންކަމާ ކައިރި ވެސް ނުވުމަށް އަންގަވައި އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވ---- މާނައީ: "އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ."
އިސްލާމްދީންވަނީ އަފުރާދުންނާއި މުޖުތަމަޢު ފާޙިޝު ކަންތައްތަކާ ދުރުހެލިކުރުމަށް ހުރިހައި ގޮތަކުން ބާރުއަޅުއްވައިފައެވެ. އަދި އެ ފަދަ ކަންކަން ޙަރާމްކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حقއަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّة އެއް ދެއްވައިފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللهއަށް شريكކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللهއާ މެދު ތިޔަބައިމީހުން ބުނުމެވެ."
މުސްލިމް އަޚުންނޭވެ! އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް އެ ފަދަ ކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވައިފައެވެ. ޒިނޭގެ ހަޑިމުޑުދާރު ފާޙިޝް ޢަމަލު ޙަރާމްކަމުގެ ވާހަކަ ބަޔާންކުރުމުގެ ކުރީގައި އެ ކަމަށް މަގުފަހިކޮށްދޭ ޙަރާމް ބެލުންތަކުން ދުރިހެލިވުމަށް އަންގަވައިފައިވެއެވެ. الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!" އަދި ހިލޭފިރިހެނުންގެ ކުރިމަތީގައި އެ ކަނބަލުންގެ ޒީނަތް ފާޅުނުކުރުމަށް މުއުމިނު އަންހެންތަކުންނަށް އަންގަވައި އަމުރުކުރައްވައިފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި އެކަނބަލުންގެ ފިރީންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ أخންނަށް، ނުވަތަ އެކަނބަލުންގެ أخންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ أختންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާ ވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورةތައް ނޭނގޭ ވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!" އަދި ހިލޭއަންހެނަކާ އެކު އޭނާގެ މަޙުރަމެއް ނެތި ފިރިހެނަކު އެކަހެރިނުވުމަށް ނަބިއްޔާ z ޙަދީޘް ބަސްފުޅުގައި އަންގަވައިފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يَـخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا مَعَ ذِيْ مَـحْرَمٍ)[1] މާނައީ: "ފިރިހެނަކު ހިލޭ އަންހެނަކާ އޭނާގެ މަޙުރަމެއްނެތި އެކަހެރިނުވާހުށިކަމެވެ!"
މުސްލިމް އަޚުންނޭވެ! الله تَعَالَى ވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް، އެ ފަދަ ކަންތައްތަކަށް އަރައިނުގަތް ކަމުގައިވީ ނަމަވެސް، ފާޙިޝް ކަންތައްތައް މުސްލިމުންގެ ތެރޭގައި ފެތުރުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ބޮޑުވެގެންވާ ޢަޛާބުހުރިކަން އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، إيمانވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. الله ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."
މުސްލިމް އަޚުންނޭވެ! ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއްކަން ބަޔާންކުރައްވައި ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَمْ تَظْهَرِ الْفَاحِشَةُ فِيْ قَوْمٍ قَطُّ حَتَّى يُعْلِنُوْا بِـهَا، إِلَّا فَشَا فِيْهِمُ الطَّاعُوْنُ وَالْأَوْجَاعُ الَّتِيْ لَمْ تَكُنْ مَضَتْ فِيْ أَسْلَافِهِمُ الَّذِيْنَ مَضَوْا)[2] މާނައީ: "ބައެއްގެ ތެރޭގައި ފާޙިޝް ކަންތައްތައް ފެތުރި ފާޅުވެ، އެ ބަޔަކު އެ ކަން ޢާއްމުކޮށްފި ނަމަ، އިސްވެދިޔަ އެ މީހުންގެ ކާބަފައިންގެ މެދުގައި ފެތުރިފައިނުވާ ޠާޢޫނު ބައްޔާއި ކެކުޅުންތައް އެބައިމީހުންގެ ތެރޭގައި ފެތުރޭ ހުއްޓެވެ!" މި ފަދަ ވަބާތައް ފެތުރެނީ އެބައިމީހުންގެ ފާޙިޝް ޢަމަލުތަކުގެ ރަހަ އެބައިމީހުންނަށް ދެއްކެވުމަށް ޓަކައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عملގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبةވެ) رجوعވުމަށް ޓަކައެވެ."
މުސްލިމް އަޚުންނޭވެ! އަދުގެ މުޖުތަމަޢުތަކުގައި ފާޙިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަސީލަތްތަކެވެ. ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި، އިޖުތިމާޢީ އެކިއެކި މަންސަތައް މެދުވެރިކޮށެވެ. އެއްވެސް ލަދެއްނެތި، ދުވާލެއް ރޭގަނޑެއް ބެލުމެއްނެތި، ހިތުހުރިހައި ވާހަކަތަކާއި، އޯޑިއޯތަކާއި ވީޑިޔޯތައް، އެ ވިއުގަތަކުގައި ފަތުރަނީ ކުޑަކުދިންނާއި، ޒުވާނުންނާއި، އެންމެހައި އަފުރާދުންނަށް އެއިންލިބިދާނޭ ގެއްލުމާއި ހަލާކަށް ވިސްނައިލުމެއް ފިކުރުކުރުމެއްނެތިއެވެ. ޝަރުޢީ މިންގަޑުތަކަށް ބެލުމެއް ރިޢާޔަތްކުރުމެއްނެތިއެވެ. މި ފަދަ ވަސީލަތްތައް ހިންގާފަރާތްތަކާއި މި ވަސީލަތްތައް ބޭނުންކުރާ ޢާންމު ފަރުދުން މި ކަންކަންކުރަނީ، ފަހެ، އެބައިމީހުންގެ މި ޢަމަލުތަކަށް ﷲ ތަޢާލާ ފާރަވެރިވެ ބައްލަވައިވޮޑިގެންވާކަން ހަނދުމަނެތިހެއްޔެވެ؟ އެ ޢަމަލުތަކާ މެދު ﷲ ތަޢާލާ ޤިޔާމަތްދުވަހު ސުވާލުކުރައްވާނޭކަން ނޭނގިހެއްޔެވެ؟ ޝައްކެއްނެތެވެ! ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި އިޖުތިމާޢީ އެކިއެކި މަންސަތަކުގެ މަސްއޫލުވެރީންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހެއެވެ. ޝަރުޢީ ގޮތުން ހުއްދަނޫން މަންޒަރުތަކާއި އަޑުތައް ނުހިމެނޭ ގޮތަށް، ޝަރުޢީ އިމުގެތެރެއިން މީޑިޔާގެ ވަސީލަތްތައް ބޭނުންކުރުމަށް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަގުދައްކައިދީ ނަސޭހަތްތެރިވާންޖެހެއެވެ. ފަހެ، އޭނާ އުފުލާންޖެހޭ މަސްއޫލިއްޔަތު ނުއުފުލައި އެ ކަމުން އެއްކިބާވެއްޖެ ނަމަ، އޭނާއަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނޭކަމަށް ނަބިއްޔާ z ބަޔާންކޮށްދެއްވައިފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ عَبْدٍ اِسْتَرْعَاهُ اللهُ رَعِيَّةً فَلَمْ يَـحُطْهَا بِنَصِيْحَةٍ إِلَّا لَـمْ يَـجِدْ رَائِحَةَ الْـجَنَّةِ)[3] މާނައީ: "ބައެއްގެ ކަންކަމާ މަސްއޫލުވެފައިވާ އަޅަކު، އެބަޔަކަށް ނަސޭހަތްދީ ރަނގަޅު މަގު ދައްކައިނުދީފި ނަމަ، އެ މީހަކަށް ސުވަރުގޭގެވަސް ވެސް ނުލިބޭހުއްޓެވެ!"
މުސްލިމް އަޚުންނޭވެ! ނަބިއްޔާ zގެ އަނބިކަނބަލުން زَيْنَبُ بِنْتُ جَحْش رَضِيَ اللهُ عَنْهَا ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. (فَقُلْتُ: يَا رَسُوْلَ اللهِ! أَنَـهْلِكُ وَفِيْنَا الصَّالِـحُوْنَ؟ قَالَ: "نَعَمْ، إِذَا كَثُرَ الْـخَــبَثُ")[4] މާނައީ: "ތިމަންކަމަނާ ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! އަހަރެމެންގެ ތެރޭގައި ޞާލިޙު ރަނގަޅު މީހުން ތިއްބައި އަހަރެމެން ހަލާކުކުރެއްވޭނެތޯއެވެ!" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ. ނުބައިކަންތައްތައް ގިނަވެއްޖެ ނަމައެވެ." މުޖުތަމަޢުގައި ފާޙިޝް ޢަމަލުކޮށް އެ ޢަމަލުތައް ފަތުރާ މީހުންނީ ކޮންމެ ބަޔަކު ކަމުގައި ވީނަމަވެސް، ދުނިޔެ މަތީގައި އެބައިމީހުން ނިކަމެތިކުރައްވައި ފަޟީޙަތްކުރައްވާނެއެވެ. ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (وَجُعِلَ الذِّلَّةُ وَالصَّغَارُ عَلَى مَنْ خَالَفَ أَمْرِيْ)[5] މާނައީ: "އަދި ތިމަންކަލޭގެފާނުގެ އަމުރަށް ނުކިޔަމަންތެރިވެއްޖެ މީހެއްގެ މައްޗަށް ދެރަކަމާއި ނިކަމެތިކަން ލެއްވިގެން ވެއެވެ."
މުސްލިމް އަޚުންނޭވެ! ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ރަނގަޅު ތައުބާއަކުން އަވަހަށް ތައުބާވާށެވެ! ފާޙިޝް ކަންތައްތަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރާ ލަފާދާރު ޞާލިޙު މީހަކަށްވާށެވެ! މާތް ﷲ، އެކަލާނގެ އަޅުތަކުންގެ ކިބައިން އެދިވޮޑިގަންނަވާ ގޮތަކީ އެއީއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި، الله އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް توبةލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް تبعވާ މީހުން އެދެނީ (حقގެ މަގު ފިޔަވައި باطلގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ----- މާނައީ: "توبةވެ إيمانވެ صالح عملކޮށް، ދެން ތެދުމަގުލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ."