އުޑުތަކުގަ މަޝްހޫރު މީހަކަށްވެވުމުން ކުރާނެ އެންމެ ބޮޑު ފައިދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުޑުތަކުގަ މަޝްހޫރު މީހަކަށްވެވުމުން ކުރާނެ އެންމެ ބޮޑު ފައިދާ!

ޤައުމުގެ އެންމެ އިސްވެރިޔާ އާއި ބައްދަލުކުރަން ބޭނުންނުވާ މީހަކު ނުހުރެއެވެ. އެންމެންވެސް ބޭނުންވެއެވެ. ސުވާލަކީ މުހިންމީ ޤައުމުގެ ވެރިޔާ އާއި ބައްދަލުކުރުން ހެއްޔެވެ؟ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ﷲ ތަޢާލާ އާއި ބައްދަލުވެވުން ހެއްޔެވެ؟

ތިބާއަކީ ﷲ ތަޢާލާ ތިބާއާއި ބައްދަލުކުރައްވަވަން ބޭނުންފުޅުވެވޮޑިގަންނަވާ މީހަކު ކަމުގައިވެވިދާނެއެވެ. އެއީ ކުރަން އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. ސަބަބަކީ އެމީހަކީ ﷲ ތަޢާލާ އާއި ބައްދަލުކުރަން އިޚްލާޞްތެރިކަމާއިއެކު ބޭނުންވާ މީހަކުކަމުގައި ވެއްޖެނަމަ އެމީހަކާއި ބައްދަލުކުރައްވަވަން ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވައެވެ.

ދެން އޮތީ އެކަމަށް ކުރަން އޮތް މަސައްކަތެވެ. އެއީވެސް ކުރަން އެހައި އުނދަގޫ މަސައްކަތެއް ނޫނެވެ. ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމެވެ. ޤުރްއާނާއި ސުންނަތަށް ޢަމަލުކުރާ މީހަކު ކަމުގައިވުމެވެ. މިބަހުގެ މާނައިގައި ޤުރްއާނާއި ސުންނަތުން ނަހީވެގެންވާ ކަންކަން ނުކޮށް އެކަންކަމަށް ދުރުހެލިވެގެންހުރުންވެސް ހިމެނެއެވެ.

މީސްތަކުންނޭވެ! އެއްބައަކީ ދުނިޔޭގައި ވަރަށް މަޝްހޫރު މީހުންނެވެ. އެފަދަ މީހުންނަކީ އުޑުތަކުގައި އެއްވެސް ޤަދަރެއް ނެތް ބައަކަށްވެދާނެއެވެ. ހަމައެއާއިއެކުގައި ދުނިޔޭގައި އެއްވެސް މަޝްހޫރުކަމެއް ނެތް ބައެއް މީހުންނަކީ އުޑުތަކުގައި ވަރަށް މަޝްހޫރު މީހުން ކަމުގައިވެސް ވެދާނެއެވެ. އެއީ އެމީހުން ސިއްރިޔާތުގައި ކުރާ އަޅުކަން މަލާއިކަތުން ލިޔުއްވަވަމުން ގެންދަވާތީއެވެ.

ﷲ ތަޢާލާ އެމީހަކާއި ބައްދަލުކުރައްވަވަން ބޭނުންފުޅުވެވޮޑިގަންނަވާ މީހަކުކަމުގައިވެވޭނީ އުޑުތަކުގައި މަޝްހޫރު މީހަކަށް ވެވިގެންނެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ. އެއީ މަސައްކަތް ކުރެވިއްޖެނަމަ ޙާޞިލު ނުކުރެވޭނެ ވަރުގެ ބޮޑުކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ޙާޞިލުކުރެވެން އޮތްކަމެއްކަމާއި ޢަމަލުކުރަންވީ ގޮތް މިބަޔާންކޮށްދިނީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން