ރޫޅޭ ކައިވެނީގެ ޢަދަދު ގިނަވަމުންދަނީއެވެ. ލިބޭ ދަރިން ނުބައިމަގުން ގިނަވަމުންދަނީއެވެ. އެންމެންވެސް ކަންބޮޑުވެއެވެ. ނަމަވެސް ޙައްލާއި ދިމާއަށް ދެވެނީ މަދުމީހަކަށެވެ.
ޒަވާޖީ ޙަޔާތަކީވެސް ކުރެވޭ ބިނާއެކެވެ. ފުރަތަމަ ކަމަކަށް ސަމާލުކަންދޭންޖެހޭނީ ވަރުގަދަ ބިންގަލެއް އެޅުމަށެވެ. ބިންގާ ވަރުގަދަކުރުމުގެ އިތުރުން ތެދުކުރަންވެސް ޖެހެއެވެ. ނަމަވެސް ބައެއް މީހުން އެމީހުން ދިރިއުޅެން އަޅާގެ ބިނާކުރަން ފަށަނީ ބިންގާ އޮލަނބުނުކޮށެވެ. ރޭނެމުން މިދަނީ ކައްޗަށްކަން އެނގެނީ އެތައް ހިސާބަކަށް ރޭނޭ ފަހުންނެވެ. ދެންޖެހެނީ ބުރަމަސައްކަތުން ރޭނި ފާރު ތަޅައިލާށެވެ. ތެދުކުރެވޭނެ ގޮތެއް ނުއޮންނާތީއެވެ.
ހަމައެފަދައިން ކައިވެނިކުރާއިރު ކައިވެނި މިކުރެވެނީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކާއިކަން ޔަޤީންނުކޮށް ކައިވެނިކޮށްފިނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މައްސަލަތައް ޖެހެން ފަށާނެއެވެ. ޖެހޭ މައްސަލަތައް ޙައްލު ނުކުރެވިގެން ޖެހެނީ ކައިވެނި ރޫޅައިލާށެވެ.
އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހެއްގެ ދިރިއުޅުމުގައި ބަރަކާތެއް ނުލައްވަވާނެތެވެ. އިމްތިޙާން ކުރެއްވެވުމަށްޓަކައި ތަނަވަސްކަން ދެއްވެވި ނަމަވެސް އެކަމުން ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ.
އަހުރެންގެ ނަޞޭޙަތަކީ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވާ މީހަކު ނަމަވެސް އަދި ކިތަންމެ ރީތި މީހަކުނަމަވެސް، އަދި އެމީހަކީ ކިތަންމެ މަތީ މަޤާމެއްގައި ހުރި މީހަކުނަމަވެސް އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހަކުނަމަ އެމީހަކާއި ކައިވެނިނުކުރާށެވެ. އެއީ ކުރިން މިބަޔާންކުރި ފަދައިން ކައިވެނީގައި ބަރަކާތް ނުލައްވަވާނެތީއެވެ.
ވިސްނާށެވެ! ތިމާއަށް ބޭނުންވާ ރައްކާތެރިކަންވެސް، އުފަލާއި ހިތްހަމަޖެހުންވެސް، ރިޒުޤްވެސް، ރަނގަޅު ޞިއްޙަތެއްވެސް އަދި މިހެން ގޮސް އިންސާނަކަށް ބޭނުންވާނެ ހުރިހާ ނިޢުމަތްތަކެއް ވެސް ދެއްވަވަނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ މީހަކު ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރު ނުކުރަންޖެހޭ ސަބަބަކީ އިންސާނާއަށް ބޭނުންވާނެ ހުރިހާ ނިޢުމަތްތަކެއްވެސް ދެއްވަވަނީ ﷲ ތަޢާލާ ކަމަށްވެފައި ޙަޤީޤީ ހަަމޖެހުމާއި އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެން ކަމަށްވާތީއެވެ.
ބައިވެރިއެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ ދީންވެރިކަން ކަމަށް ޙަދީޘްފުޅުގައި އޮތީ މިބަޔާންކުރި ކަންކަން މިހެން ހުރުމުންނެވެ. ވީމާ ކަތިބިންގަލަށް އަޅަންފެށި ގެ ވަކިހިސާބަކުން ތަޅާލަންޖެހޭ ފަދައިން ޒަވާޖީ ޙަޔާތް ނާކާމިޔާބުވެ ކައިވެނި ރޫޅާލަން ޖެހޭ މީހަކަށް އަމިއްލައަށް ނުވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން