ބަދަވީންގެ މީހަކު އިސްލާމް ވިއެވެ. އެއިގެ ދުވަސްކޮޅެއްފަހުން ހަނގުރާމައިން ލިބުނު ޢަނީމާ މުދަލުން އޭނާއަށްވެސް ބައެއް އެޅުނެވެ. އެކަންވީ އޭނާ ނުރުހޭ ކަމަށެވެ. އެތަކެތި ހިފައިގެން އޭނާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ގޮސް އެއީ ކޮން އެއްޗެއްތޯ ސުވާލުކޮށްފައި ދެންނެވިއެވެ.
"އަހުރެން އިސްލާމްވީ މިމުދަލަށް ދަހިވެތިވެގެނެއް ނޫނެވެ. އަހުރެން އެދެނީ ހަނގުރާމައިގައި ކަރަށް ދުންޏެއް ހެރި މަރުވާށެވެ!"
އެއިގެ ދުވަސްކޮޅެއްފަހުން އޭނާ އެދުނުފަދައިން ހަނގުރާމައިގައި އޭނާ ޝަހީދުވިއެވެ. އަދި ޞަޙާބީން އޭނާގެ ހަށިގަނޑު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ދެއްކިއެވެ. އެއީ އޭނާ ކަމަށް ޞަޙާބީން ކަށަވަރުކޮށް ދެއްވެވުމުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާގެ މައްޗަށް ހެކިވެވަޑައިގެން އޭނާއަށް ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރެއްވެވިއެވެ.
ވިސްނައިލާށެވެ! މިއަދު އަހުރެމެންގެ ހުރިހާ ސަމާލުކަމެއް މިހުރީ ތަނަވަސްކަމަށެވެ. އާޚިރަތާއިމެދު ވިސްނައިލަނީވެސް މަދުމީހެކެވެ. އެކަމަކުވެސް މިބުނަނީ ސުވަރުގެދާން ބޭނުންވާ ކަމަށެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް ސުވަރުގެ ވަދެވޭނީ ކިހިނަކުން ހެއްޔެވެ؟
- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން