ބޭވަފާތެރިނުވަމުން އަނބިންނަށް ލޯތްބާ ވަޤުތުދޭނަމަ ހެޔޮލަފާ އަނބިން ފިރިމީހާއަށްޓަކައި ޤުރްބާންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބޭވަފާތެރިނުވަމުން އަނބިންނަށް ލޯތްބާ ވަޤުތުދޭނަމަ ހެޔޮލަފާ އަނބިން ފިރިމީހާއަށްޓަކައި ޤުރްބާންވާނެ!

ގިނަމީހުންނަށް އަނބިމީހާގެ އަދި ފިރިމީހާގެވެސް އަގު ވަޒަންކުރެވެނީ އަތުން ބީވެގެން ދިއުމުންނެވެ. ދެމީހުން ވަކިވުމުންނެވެ. ޒަވާޖީ ހަޔާތުގެ ތެރެއިން އަނެކާ ކާމިޔާބުކުރަން ބޭނުންވާ ކަންކަން ކާމިޔާބު ނުވާނަމަ ޢުމުރުގެ ދުވަސްތައް އެމީހަކާއިއެކު ހޭދަކުރުން ބެލެވޭނީ ބޭކާރުކުރެވޭ ދުވަސްތަކަކަށެވެ. ވީމާ ކިތަންމެ ހެޔޮލަފާ މީހަކަސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ.  

މިވަޤުތު ބަލައިމިލަނީ ބައެއް ފިރިންނަށް ގެންގުޅެވޭ ނުބައި ވިސްނުމަކަށެވެ. އެއީ އެމީހުންނަށް ވިސްނިފައި އޮންނަނީ ހިލޭ އަންހެނުން ނުގެންގުޅޭނަމަ އަނބިމީހާއަށް ހުންނަން ޖެހޭނީ ރުހިގެން ކަމަށެވެ. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.  

ހިލޭ އަންހެނުން ނުގެންގުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި އެންމެ ރަނގަޅު އެއް ސިފަވެސްމެއެވެ. ހަމައެކަމާއިއެކު ގިނަ އަނބިންނަށް މުހިންމުވާނެ ކަމެއް އޮވެއެވެ. އެއީ އެމީހުންނަށް ލޯބިދީ އަޅައިލުމެވެ. އެކުގައި ވަޤުތު ހޭދަކުރުމެވެ. އެހީތެރިކަން ފޯރުކޮށްދިނުމެވެ.  

މިކަންކަން އަނބިމީހާއަށް ކޮށް ނުދެވޭނަމަ ހަމައެކަނި ހިލޭ އަންހެނުން ނުގެންގުޅުމުން އަނބިމީހާއަށް ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟  

މިވާހަކަ މިދައްކަނީ ހިލޭ އަންހެނުން ގެންގުޅެން ހިތްވަރުދޭކަށް ނޫނެވެ. ހެޔޮ ގޮތުގައި ރަނގަޅު ދިރިއުޅުމެއް އުޅެވޭނީ ތެދުވެރިވެ ވަފާތެރިވެގެންނެވެ. އެކަމަކީ އެންމެ މުހިންމު އެއްކަންތަކެވެ. ނަމަވެސް ބުނަން ބޭނުންވަނީ އަދި ހަމައެކަނި އެކަމަކުން އެއީ ހުރިހާ ކަމެއް ފުދުނީ ކަމަށް ބަލައިގެން ނުވާނެ ކަމެވެ. އެއީ އަނބިމީހާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދެވުން ކަމަކަށް ނުވާނެއެވެ.  

ހިލޭ އަންހެނުން ނުގެންގުޅެމުން ކުރިން މިބުނި އަނބިމީހާއަށް ބޭނުންވާނެ ކަންކަން ފިރިމީހާ ކޮށްދޭނަމަ ކިތަންމެ ދަތިޙާލުގައި އަނބިން އެމީހުންގެ ފިރިން ދެކެ ލޯބިވާނެއެވެ. ކޮންމެ ފަދަ ޤުރްބާނީއެއްވާންޖެހުނަސް ތިބޭނީ ތައްޔާރަށެވެ. އެކުގައި އުޅެން ގަދައަޅައި މަސައްކަތްކުރާނެއެވެ. ޒަވާޖީ ޙަޔާތަށް ދާނީ އުފާވެރިކަން ލިބެމުންނެވެ! އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

މިއަދު އޮންލައިން