ކައިވެނިކުރުން އަވަސްކުރަން ނުބައި މީހަކާ ކައިވެނިކުރެވުމަށްވުރެ ރަނގަޅު ބައިވެރިއަކަށް އެދި އިންތިޒާރުކުރުމުން ލިބޭ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކައިވެނިކުރުން އަވަސްކުރަން ނުބައި މީހަކާ ކައިވެނިކުރެވުމަށްވުރެ ރަނގަޅު ބައިވެރިއަކަށް އެދި އިންތިޒާރުކުރުމުން ލިބޭ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

"ކައިވެނިކުރަން ތިބާ ބޭނުންވެއެވެ. އެކަމަށް މަސައްކަތްވެސް ކުރެއެވެ. ނަމަވެސް އަދިވެސް ބައިވެރިއަކު ނުލިބެއެވެ. ދުވަސްތަކެއް ފާއިތުވަނީއެވެ." މިޙާލަތުގައި ގިނަ ބައަކު ކަންބޮޑުވެއެވެ. މާޔޫސްވެއެވެ. މަދު ބައަކުނަމަވެސް ކައިވެނިކުރުންމަތިން ފޫހިވެ ކައިވެނި ނުކުރަންވެސް ނިންމައެވެ.  

ބުނަން ހެއްޔެވެ؟ މިބުނި ޙާލަތު މެދުވެރިވެއްޖެނަމަ އޮތީ އުފާކުރުމެވެ. އެކަމުން އަންގައިދެނީ އެމީހަކަށް އެންމެ ފައިދާކުރާނެ ބައިވެރިޔާ އާއި އަދި ބައްދަލުނުވަނީކަމެވެ. އެކަމަށް އެންމެ ރަނގަޅު ވަޤުތު އަދި ނުޖެހެނީ ކަމެވެ. އެވަޤުތުޖެހުމުން އެމީހަކާއި ބައްދަލުވާނެތެވެ.  

އެކަންކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ވަކީލުކޮށްގެން ހުންނަ މީހަކަށް ދެރަގޮތެއް މިންވަރުނުކުރައްވަވާނެތެވެ. އެމީހަކަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ނިންމަވައިދެއްވަވާނެތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ހަރުބަހެއްގައި ބުނެއެވެ. ތިބާދެކެ ލޯބިވާނެ ބައިވެރިއަކު ނުލިބިއްޖެނަމަ އެކަމަށް އެދިގެން މަސައްކަތްކުރާށެވެ! ފިރިހެނަކު ނަމަ ވަޒީފާގައި ބުރަކޮށް މަސައްކަތްކޮށް ތަނަވަސްކަން ހޯދަން މަސައްކަތްކުރާށެވެ.  

އަދި އެއްވެސް މީހަކު އެކަނި ހުންނަންޖެހުނީތީ ކަންބޮޑުނުވާށެވެ! އެކަނި ހުރެވެސް ހިތްހަމަޖެހިގެން ދިރިއުޅެވޭނެއެވެ. އެކަނި ހުންނަން ޖެހުނީތީ ދިރިއުޅުން ހަލާކުވި މީހަކު ނުހުންނާނެއެވެ. އަދި އެކަނި ހުންނަންޖެހުނީތީ މަރުވި މީހަކުވެސް ނުހުންނާނެއެވެ.  

ނަމަވެސް ނުރަނގަޅު ބައިވެރިއަކު ހޯދިއްޖެނަމަ ދިރިއުޅުން ބޮޑު މުޞީބާތަކަށް ބަދަލުވެގެންދެއެވެ. އެމުޞީބާތްތަކަށް ކެތް ނުކުރެވިގެން ތަފާތު ސަބަބުތައް މެދުވެރިވެގެން އެތައް ބައަކަށް ދުނިޔެ ދޫކުރަންވެސް ޖެހެއެވެ.  

ދުނިޔޭގައި ދިރިއުޅެން ލިބެނީ މަދު ދުވަސްކޮޅެކެވެ. ނުބައި ބައިވެރިންނާއިއެކު ވަޤުތު ހޭދަކޮށް ޢުމުރުގެ މަދު ދުވަސްކޮޅަ ހިތާމައިގައި ނަގާލަން ހެޔޮނުވާނެއެވެ. 

އެއްވެސް ޙާލެއްގައި މިއީ ކައިވެނިނުކޮށް އެކަނިހުރެ ތިމާގެ ޙަޔާތް ވޭތިކޮށްލަން ހިތްވަރުދިނުމެއް ނޫނެވެ! ދޭންބޭނުންވާ މެސެޖަކީ ރަނގަޅު ބައިވެރިއަކު ލިބުން ލަސްވާނަމަ އިންތިޒާރުކޮށްލައިގެންވެސް ރަނގަޅު ބައިވެރިއަކު ހޯދުމުގެ މުހިންމުކަމެވެ. އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެކަމެވެ. ދުނިޔޭގަ ދިރިއުޅެން ލިބޭ މަދުދުވަސްކޮޅުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފުމަކީ އެއީކަމެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން